ads
ކުށުގެ ސަޒާ - ފުރަތަމަ ބައި
އެޕިސޯޑް 1
Advertisement

މާހައުލުގެ ހިތްގައިމުކަން އިތުރުކުރުމަށް ކުޅެމުންދިޔަ ލައިވް މިއުޒިކާ، ސްޓޭޖްގައި ނަށަމުންދިޔަ ގްރޫޕްތަކުގެ ހަރަކާތްތަކަށް އަހަރެންގެ ކުޑަވެސް ޝައުގުވެރިކަމެއް ނެތެވެ. މިއުޒިކްގެ އަޑު މަޑު ހިސާބަކުން މޭޒެއް ހޯދައިގެން އެތަނުގައި މަޑުކާރަން ނިންމި ސަބަބަކީވެސް އެހެން މީހުންނާއި އެކަހެރި ވަގުތުކޮޅެއް ބޭނުންވާތީ އެވެ. ޖޫސްތައްޓެއް ހިފައިގެން އިނދެ އެކިދިމަދިމާއަށް ބަލަމުން ދިޔައީމެވެ. ވާހަކަދައްކާލާނެ މަޑުމައިތިރި މިޒާޖެއްގެ މީހަކު ފެނޭތޯ އެވެ. ނަމަވެސް ވަށައިގެން ވިޔަފާރިވެރި މުއްސަނދިންނެވެ. އެކި ގައުމުތަކުގެ ނަންމަޝްހޫރު އިންވެސްޓަރުންނެވެ. އެއިން މީހަކާއެކު ވަގުތު ހޭދަކުރުމަށް އަހަރެންގެ މޫޑެއް ނެތެވެ. ކިތަންމެ އަގުބޮޑު ރިސޯޓެއްގެ ހިތްގައިމު މަންޒިލަކަށްވިޔަސް މިތަނުން އަހަންނަށް ލިބުނު އަމާންކަމެއް ނެތެވެ. ހިތަށް އެރި އެވެ. ހަގީގަތުގައި މިތަނުގައި އަހަރެން މިކުރަނީ ކީއްހެއްޔެވެ؟ އެކަމަކު ހަގީގަތަކީ މިއީ މުހިއްމު ޕާޓީއެކެވެ. އަހަރެންގެ ބިޒްނަސް ޕާޓްނަރ ބައްސާމް ހައިދަރުގެ ކާމިޔާބު ފާހަގަކުރާން ބާއްވާ ހަފްލާއަކަށް ވާތީ އެވެ.  އަހަރެން މި ޕާޓީގައި ބައިވެރިވާން ޖެހުނީ ބައްޕަގެ މަޖުބޫރުކުރުމުގެ ސަބަބުންނެވެ.

އޯހް.. އަހަރެން މިއީ ކާކުކަންވެސް ތައާރަފް ނުވަމެވެ. އަހަރެންނަކީ ތާބިޝް މުހައްމަދު އާބިދް..! ދި އޯނަރ އޮފް އާބިދް ހޮޓެލްސްގެ އެންމެ ދޮށީ ދަރިފުޅު! މިހާރުވެސް އަހަރެން މަސައްކަތްކުރަނީ އަހަރެންގެ ބައްޕަގެ ދަށުންނެވެ. ބައްޕަގެ ތަރުޖަމާއިންނަމަ، އަހަންނަކީ އަދިވެސް ޒިންމާނަގަން ދަސްނުވާ ކުޑަކުއްޖެކެވެ. ކޮމްޕެނީގެ ނުވަދިހަ އިންސައްތަ މަސައްކަތަކީ ސީދާ އަހަރެންގެ ބެލުމުގެ ދަށުން ހިންގޭ ޕްރޮޖެކްޓްތަކެވެ. ނަމަވެސް އަދިވެސް އަހަރެންގެ ބޮލުގައި އެޅިފައިވާ 'ކުޑަކުއްޖެއްގެ' ޓެގް ނެއްޓޭނެ ދުވަހެއް ނޭގެ އެވެ. މިއީ ކިތަންމެ ބޮޑު ޖޯކަކަށްވިޔަސް، ފަރުވާލެއްނެތި ޒިންމާ އަދާކުރުމުގައި އަހަރެން ދެމިހުންނާނަމެވެ.

މި ޕާޓީއަށް އަންނާންޖެހުނު ސަބަބަކީ މިއީ އެވެ. ދޭތެރެއަކުން މީހަކު އައިސް ސަލާމްކޮށްލާފައި ވާހަކަދައްކާލިޔަސް، ވައިސޫރިއެއްހެން ޕާޓީގެ އެކި މާލަންތަކުގައި މި އެނބުރެނީ މީހަކާ ބައްދަލުކޮށް ވިޔަފާރީގެ މަޝްވަރާކުރަން ޝައުގުވެރިކަމެއް ނެތީމަ އެވެ. ކުއްލިޔަކަށް ކުރިމަތީން ފެނުނީ ބައްސާމް އަންކަލް އެވެ. ބައްސާމް ހައިދަރްއަކީ އަހަރުމެންގެ ވިޔަފާރީގައި މުހިއްމު ހިއްސާދާރެކެވެ. ބައްސާމް އަންކަލްގެ ސަކްސެސް ޕާޓީގައި ސަންޝައިން ހޮޓެލްސް ބައިވެރި ނުވެއްޖެނަމަ، ޖެހިގެން އަންނަ ދުވަހުގެ ނޫސްތަކުގެ ފަލަ ސުރުހީތައް މާހިތްގައިމެއް ނުވާނެ އެވެ.

"ދަރިފުޅާ ތާބިޝް..!" ނުހަނު އުފަލުން ހިނިތުންވެފައި ބައްދާލި އެވެ. ހަމަ އެފަދަ ތަހުނިޔާއަކުން އަހަރެންވެސް ޖަވާބުދިނީމެވެ.

"ހައު އާ ޔޫ ޑުއިންގ ހޭންޑްސަމް؟" ބައްސާމް އަންކަލްގެ އެންމެ އުފާވެރި، މަޖާ މޫޑުގައި ބުނެލި އެވެ.

"އައެމް ގުޑް އަންކަލް..! އަންކަލްގެ ހާލު ކިހިނެއްތޯ؟" އަދަބުވެރިކަމާއެކު އަހަރެން ވާހަކަދެއްކީމެވެ.

"އައި އެމް ފިޓް އެންޑް ފައިން..! ނިކަން ދެކިބަލަ، ޕާޓީގައި ތިބި ހުރިހައި އަންހެންކުދިންގެ ލޯތަށް އަމާޒުވެފައިހުރީ އަންކަލްއަށް ދޯ!" އުފާވެރި ހިނިތުންވުމަކާއެކު އަންކަލް ބުންޏެވެ. ޕްލާސްޓިކް ހިނިތުންވުމެއް އަންކަލްއަށް ރައްދުކޮށްލަމުން އަހަރެން ބޮލުން އިޝާރާތްކޮށް އެއްބަސްވީމެވެ.

"އައި އެމް ޖަސްޓް ކިޑިންގ މައި ބޯއި..! އަންކަލްއަށް ވަރަށް ޔަގީން އެ ހުރިހައި ކުދިންގެ ބެލުންތައް އަމާޒުވެފައިވަނީ މި ޕާޓީގެ އެންމެ ހޭންޑްސަމް ބޯއިއަށް.. ތިރިން މައްޗަށް، މަތިން ރިތިއަށް އެކުދިން އެބަލަނީ ދަރިފުޅަށް..!" ފަހުރުވެރިކަމާއެކު އަހަރެންގެ ކޮނޑުގައި ޖަހާލަމުން އަންކަލް ބުންޏެވެ. 

އަންކަލް އެ ބުނަނީ ތެދެއްކަމަށް އަހަރެންވެސް ގަބޫލުކުރަމެވެ. މިރޭގެ ޕާޓީއާއި އެއްހަމައެއްގައި އަހަރެންގެ ހައިބަތު ހިފެހެއްޓުމަށް ބައްޕަގެ ހުށަހެޅުމަށް އަހަރެން މި އައީ ރަސްމީ ގޮތުގައި، ކޯޓްފަޓްލޫނުގަ އެވެ.

"އަންކަލް... އިޓްސް ނޮޓް ލައިކް ދެޓް! މިހާރުވެސް އަޅުގަނޑަށްވުރެން އެތައް ގުނައެއް އަންކަލް ފިޓް..!" ހިނިތުންވަމުން އަހަރެން ބުނީމެވެ.

"ހައްހާ...! މިހާރު އަންކަލްއަށް އެނގިއްޖެ ތިއުޅެނީ އަންކަލް ހިތްހަމަޖައްސާލަދޭންވެގެން...!" އަންކަލްގެ  ހިނިގަނޑުގައި މިފަހަރު އަހަރެންވެސް ބައިވެރިވީމެވެ.

"ކީއްވެ އެއްވެސް އެއްޗެއް ނުކައި ހަމައެކަނި ޖޫސްތައްޓެއް ހިފައިގެން ތިއުޅެނީ..؟ ކެއުން ވަރަށް ފައްކާވާނެ..! އަވަހަށް ދޭ..! ތައްޓަށް އެއްޗެހި އަޅައިގެން ފަށާ..! ނުބުނާތި ޑައެޓްގައޭ މިއުޅެނީ..!" އަހަރެންގެ ހަށިގަނޑަށް ބަލައިލާފައި އަންކަލް ވާހަކަދެއްކީ ވަރަށް އުފަލުންނެވެ.

"ހައްހާ.. ނޮޓް އެޓް އޯލް އަންކަލް..! މިހާރު މިދަނީ ކާން..!" އަންކަލްއާއި ދިމާއަށް ގުދުވެލާފައި އަހަރެން ބުނީމެވެ.

އަހަރެން މިސްރާބުޖެހީ ކާއެއްޗެއްސާއި ދިމާއަށެވެ.

"އުފްފްފް... ބައްސާމް އަންކަލް!"

ހުއްޓަނުލައި އެވަރަށް އަންކަލް އެވާހަކަދައްކަނީ ހާދަހައި ހަކަތައެއް ހުރީމައި އެވެ. އަންކަލްއަކީ 'ޗެޓަރ ބޮކްސް'އެކޭ ހިތަށްއެރި އެވެ. އަންކަލްގެ ހާޒިރުގައި އެއްވެސް މީހަކު މާޔޫސްކަމުގައި ހުރުމަކަށް ކުޑަވެސް ފުރުސަތެއް ނުދޭނެ އެވެ. އަހަރެންގެ އަމިއްލަ ސިކުނޑިއާއި ވާހަކަދައްކަމުން ގޮސް، ކުއްލިޔަކަށް ހުއްޓުން އެރި އެވެ.

"ޗެޓަރ ބޮކްސް..!؟"

އަމިއްލަ ކަންފަތަށް އަޑުއިވޭވަރަށް މަޑުމަޑުން ކިޔާލެވުނެވެ. އިހްތިޔާރެއް ނެތި ހިނިތުންވުމެއް އަހަރެންގެ މޫނުމަތީގައި އެކުލެވިއްޖެ އެވެ. ހަނދާންވީ އެވެ. އެއީ އަހަރެންގެ އަމާންކަމެވެ. އެއީވެސް 'ޗެޓަރ ބޮކްސް' އެކެވެ.

ހިޔާލްތައް އެއްފަރާތްކޮށްފައި ކާއެއްޗެހި އަޅައިގެން، މާ މީހުންގިނަ ނޫން ހިސާބެއްގައި ހުރި މޭޒަކަށް މިސްރާބުޖެހީމެވެ.

ތެދެކެވެ. ކާއެއްޗެހި ވަރަށް މީރެވެ. އަހަރެންގެ ކެއުމުގައި އަމިއްލަ ނަފުސު ބިޒީކޮށްގެން އިންދައި، ކުއްލިޔަކަށް ހުއްޓުން އެރި އެވެ. ފެނުނު މަންޒަރުން، އަހަރެންގެ ހިތުވިންދުގެ އިހްސާސްކެނޑުނެވެ. ހިނދުކޮޅަކަށް ނޭވާ ހުއްޓުނެވެ.

އެއީ އޭނާ އެވެ. އަހަރެން ކުރިމަތީގައި އެއިނީ އެނާ އެވެ. ތިން ހަތަރު ފަހަރު އަހަރެންގެ ދެ ލޯ ފޮހެލީމެވެ. ފެންނަނީ ހުވަފެނެއް ނޫންކަން ޔަގީންކުރަން އަމިއްލަ ނަފުސު އިންޒާރުކުރި އެވެ. އާއެކެވެ. އެއީ ހަމަ އޭނާ އެވެ. މާޝާ ﷲ، ރީތިކަމާއި މައުސޫމްކަމާއި ހިތްގައިމުކަމުގެ އިންތިހާ އެވެ. ބުރުގާ އެޅީ ކޮންއިރަކުބާ އެވެ؟

އޭނާ އިނީ އަހަރެންގެ ކުރިމަތީހުރި މޭޒުގަ އެވެ. އެކަނިމައި އެކަންޏެވެ. އަތުގައި އޮތް އުލުން، ތަށީގައިހުރރި ކާއެއްޗިއްސާއި ކުޅެނީ އެވެ. ކެއުމުގެ އެއްވެސް ޝައުގުވެރިކަމެއް ނެތެވެ. ސްޓްރެސްއާއި ޑިޕްރެޝަންގެ އަލާމާތްތައް އޭނާގެ މޫނުން ފެންނާންހުއްޓަސް، އެންމެ ބޮޑު އުނިކަމަކީ އޭނާގެ ހިނިތުންވުން މޫނުމަތީގައި ނެތުމެވެ. އެކަމަކު އަދިވެސް  އެއީ އަހަރެންގެ ދުނިޔޭގައި އެންމެ ރީތި އަންހެން ކުއްޖާ އެވެ. މޫނުމަތީގައި އުޖާލާކަމެއް ނެތަސް، ހާސްކަމާއި ފޫހިކަންވިޔަސް ތަފާތު ޖާދޫއެއް އެ ރީތި މޫނުގައި ވި އެވެ. ނިވާކަންބޮޑު ހެދުމުގައި ބުރުގާގެ ނިވަލުގައި އޭނާގެ ރީތިކަން އެތައް ގުނައެއް ފުރިހަމަ އެވެ.

ތައްޓަން ބަލަހައްޓައިގެން އިނދެފައި އެކިދިމަދިމާއަށް ބަލަންފެށި އެވެ. މީހެއްގެ ތޫނު ނަޒަރު މާބޮޑަށް އަމާޒުވެއްޖިއްޔާ، އެމީހަކަށް އިހްސާސްވާނެޔޭ ބުނަނީ ތެދެއްކަން މިވަގުތު އަހަރެން ގަބޫލުކޮށްފީމެވެ. 

ކުއްލިޔަކަށް އޭނާގެ ނަޒަރު އަހަންނާއި ސީދާވި އެވެ. އަހަރެންގެ ހިތުގެ ވިންދު ހުއްޓިއްޖެ އެވެ. ހަށިގަނޑުގައި ދައުރުވަމުންދިޔަ ލޭގެ ނާރުތައް މަސައްކަތެއް ނުކުރި އެވެ. ބޯ އައްސިވެ، ނިއްކުރިއަށް ބަރުވެއްޖެ އެވެ. އެކަމަކު މިވަގުތުކޮޅު އަހަރެން އަތުން ބީވެގެންދިޔަ ނުދޭނަމެވެ.

ޝޮކް... ހިތްދަތިކަން.. ރިހުމާއި ވޭން.. ނަފްރަތާއި ރުޅި... ހިތްހަމަނުޖެހުމާއިއެކު އޭނާގެ އެ ރީތި ބޮޑު ދެލޮލުގައި ވިދާލި އެވެ. އަވަސްއަވަހަށް އެސްފިޔަތައް ޖަހައިލާފައި އަނެއް ދިމާއަށް  އެނބުރުނެވެ. އަހަރެންގެ ސޫރަވެސް ދެކެން ބޭނުންނުވާތީ އެވެ. އަހަރެންގެ ދެ އަތް ފިނިވެއްޖެ އެވެ. ގޮނޑި ދުރަށް ޖައްސާލާފައި ތެދުވަން ހަރަކާތްކޮށްލިވަގުތު ކަންފަތުގައި ޖެހުނީ އުނދަގޫ އަޑެކެވެ. އެއަޑުތަކަށް ކަންފަތް ފާރަވެރިވި އެވެ.

"އެއީ ފިޒާ އާބިދީން.. އިނގޭތަ އެއީ ކާކުކަން..؟" ރަތްކުލައިގެ ހެދުމެއް ލައިގެންހުރި އަންހެނަކު ބުނެލި އެވެ.

"އާން އިނގޭނެއްނުން.. އޭނާ މަސައްކަތްކުރަނީ އަހަރެން ފިރިމީހާގެ އޮފީހުގައި.. އެއީ އަހަރެން ފިރިމީހާގެ ސެކްރެޓަރީ" ކަޅުހެދުމެއް ލައިގެންހުރި އަންހެން މީހާ ބުންޏެވެ.

"ސުބުހާނަﷲ... ކޮންމެހެންވެސް ސަމާލުވާތި.. ރަޝީދާ..!" ރަތް ހެދުންލައިގެން ހުރި އަންހެންމީހާ ބުންޏެވެ. ކަޅުހެދުން ލައިގެންހުރީ ރަޝީދާއެއްކަން އެނގުނީ އެހިސާބުންނެވެ.

"ސަމާލުވާންޖެހެނީ ކީއްވެ..؟" ރަޝީދާ ސުވާލުކުރި އެވެ. ވާނުވާއެއް އަދި ކުރިމަތީގައި ހުރި އަންހެން މީހާ ކިޔަންއުޅޭ އެއްޗެއް ރަޝީދާއަށްވެސް އަންދާޒާ ނުކުރެވުނެވެ.

"އޭނާއެއީ ކޮންކަހަލަ ކުއްޖެއްކަން ރަޝީދާއަކަށް ނޭގޭތަ؟" ރަތް ހެދުން ލައިގެންހުރި އަންހެން މީހާ ސުވާލުކުރި އެވެ.

"ނޫން..! ނޭގެ! ބުނެބަލަ!" ވަރަށް ޝައުގުވެރިވެފައި ރަޝީދާ ބުނެލި އެވެ.

"އެއީ ފިޒާ! ފިޒާ އާބިދީން!" އިތުރު ތަފްސީލެއް ނުލިބުމުން، ރަޝީދާ ބުމަ ހިއްލާލާފައި އަތުން އިޝާރާތްކުރި އެވެ.

"އެއީ ފިޒާ އާބިދީން.. އެއީ ވަރަށް ވިޔާނުދާ އަންހެނެއް.. އެނާއާއި ބެހޭގޮތުން ކިތަންމެ މީހަކު މިތާގައި ވާހަކަދައްކާއަޑު އަހަރެން ދެކަންފަތުން އެހިން.. އޭނާގެ ފިރިމީހާވެސް އޭނާ ދޫކޮށްލީ މީހަކު ވައްދައިގެން އޮއްވައި ފެނިގެން.. ރަޝީދާ ވަރަށް ސަމާލުވާތި އަހަރެން ދުޝިން ބައްސާމް ހައިދަރް ވަރަށް ގާތްކޮށް އޭނާއާއި ވާހަކަދައްކަން ހުއްޓައި...!" ވިހަގަދަ ބުނެލުމަކުން ރަޝީދާގެ ކަންފަތް ތަގައްޔަރު ކޮށްލާފައި ހުތުރު ބެލުމަކުން، ފިޒާއާއި ދިމާއަށް އެ އަންހެންމީހާ ބަލައިލި އެވެ.

އެއަންހެން މީހާގެ ވާހަކަތަކުން ހައިރާންވެ އަންތަރީސްވީ، ރަޝީދާއެއް ނޫނެވެ. ތާބިޝްގެ ކަންފަތަށް ހޮނު ގުގުރިއެއް ޖެހިފަދަ އެވެ. މިއީ ކިހިނެއް ވީކަމެއް ހެއްޔެވެ؟ އެފަދަ ވާހަކައެއް ފިޒާއާއި ގުޅުވައިގެން ބަޔަކު ދައްކާންޖެހުނީ ކީއްވެގެން ހެއްޔެވެ؟ އެފަދަ ހުތުރު ވާހަކައަކާއި ފިޒާއާއި އަޅުވާކިޔޭނެ ސަބަބެއް ނޯންނާނެ އެވެ. ތާބިޝްއަށްވުރެން ރަގަޅަށް ފިޒާ އިނގޭނެ އެހެން އެއްވެސް އިންސާނަކު ނުހުންނާނެ އެވެ. ގުދުރަތީ ފެން އާރަކުން ފައިބާ ތާޒާ ފެންފޮދެކޭ އެއްފަދައިން ފިޒާގެ ހިތާއި ނަފުސު ތޯހިރުވާނެކަން ތާބިޝް ގަބޫލުކުރެ އެވެ. މުޖުތަމައުގައި މިފަދަ ހުތުރު އަޑެއް އަރަންޖެހުނު ސަބަބާއިމެދުގައި ތާބިޝް ވިސްނި އެވެ.

"އެކަމަކު ހަލީމާ..! ބައްސާމް ހައިދަރު ފިޒާއަށް ކަމޭހިތަނީ އަމިއްލަ ދަރިއެއް ފަދައިން..! އަހަރުމެންގެ ދަރިންނާއި ފިޒާއާއި ދެމެދުގައި ބައްސާމް ތަފާތެއްވެސް ނުކުރާނެ..!" ބައްސާމް އަންކަލްގެ އަންހެނުން، އޭނާގެ ފިރިމީހާ ދިފާއު ކުރި އެވެ.

"އަޅެފަހެ ރަޝީދާ..! އަހަރުމެންވެސް އުޅެބޮޑުވާ ތަނޭ މި މާލެއަކީ..! އަހަރުމެންނަށް ނޭގޭ އެ ޒާތުގެ ކަންކަމމެއް ނުހުންނާނެ..! އެކަހަލަ ރީތި އަންހެންކުދިންގެ ހީލަތްތެރިކަން އަމާޒުކުރާނީ އެހެން.. މުއްސަނދި ޝިކާރަވެރިންނަށް ފުރަތަމަ ދައްކާނީ އެކުދިންގެ މައުސޫމުކަމާއި ނިޔަނެތިކަމުގެ ދަޅަ.. އޭގެ ފަހުގައި އެމީހުންގެ މަޅިއަށް ވައްދާ، ޝިކާރަކުރާ އިރެއްވެސް ނޭގޭނެ..! ކިތަންމެ ތާކުން މި ފިޒާ ވަޒީފާއިން ވަކިކުރަނީ އޭނާގެ ވިޔާނުދާ އުޅުމުގެ ސަބަބުންނޭ ކިޔާއަޑު ނުލާހިކު ގިނައިން އަޑުއަހަން..! އޭނާގެ ކުރީގެ މައިދައަކީވެސް އަހަރެންގެ ނުލާހިކު ގާތް ރައްޓެއްސެއް..! ތަންތަނުގަ ތިބޭ މުއްސަންދިންނާއި އެމީހުންގެ ދަރިން ހޯދައިގެން، މީނާގެ މަޅިއަށް މަހުޖަނުން ވައްދަން ނިކަން ކުޅަދާނަ އަންހެނެއް މިއީ..!" ބައްސާމް އަންކަލްގެ އަންހެނުން، ހަލީމާގެ ނަމުން މުހާތަބުކުރި މި އަންހެންމީހާއަކީ ކާކުކަން ބަލާކަށް ތާބިޝްގެ ޝައުގުވެރިކަމެއް ނެތެވެ.

އެކަމަކު ފިޒާއާއި ގުޅުވައިގެން އެ އަޅުވާ ތުހުމަތު ތަކަކީ އަޑުއަހަން ފަސޭހަ ކަންކަމެއް ނޫނެވެ.

ތާބިޝްގެ ރުޅިގަދަވެ، ނިއްކުރިން ދާތިކިތައް ބޮކިޖަހަން ފަށައިފި އެވެ. އިވުނު އަޑުތައް ކަންފަތުގައި ހަރުލައްވާކަށް ތާބިޝް ބޭނުމެއް ނޫނެވެ. އެކަމަކު އެއަޑުތައް ހިނދުރިއާއި ދުރަކަށް ނުދިޔަ އެވެ. ހަދަންވީގޮތެއް ވިސްނުމަށް ނަޔަސް، ތާބިޝް ބޭނުންވވީ ފިޒާ ގާތަށް ދިއުމަށެވެ. ވަށައިގެން އެނބުރުނެވެ. އެއްވެސް ދިމާއަކުން ފިޒާ ފެންނާކަށް ނެތެވެ.

ޕާޓީ ހޯލްތެރެއިން ދުވެފައި ތާބިޝް ނިކުތެވެ. ނަމަވެސް ފިޒާ ފެންނާކަށް ނެތެވެ. ދެން ތާބިޝް މިސްރާބްޖެހީ ފިޒާއާއި ގުޅުވައިގެން އެ ހުތުރު ވާހަކަދެއްކި އަންހެންމީހާ ހޯދާށެވެ. ނަމަވެސް އެތަނުގައި އެމީހުންވެސް ނެތެވެ. ލިބުނު މާޔޫސްކަމުގައި ޕާޓީހޯލު ދޫކޮށް ތާބިޝް ނިކުތެވެ. އަދި ބީޗް ސަރަހައްދަށް މިސްރާބުޖެހި އެވެ. ސިކުނޑިއަށް ލުއިކަމެއް ބޭނުންވާތީ އެވެ. ދުނިޔޭގެ ހުރިހައި ހިޔާލަކުން އެކަހެރިވެ އަމިއްލަ ވަގުތުކޮޅެއްގެ އިންތިޒާރުގަ އެވެ.

...............

ގެއަށް އައުމަށްފަހު، ސިޓިންގ ރޫމްގެ ސޯފާއަށް ތާބިޝް ވެއްޓިގަތެވެ. ލޯމަރައިލާފައި ސޯފާގައި ކަނދުރާ އަޅުވާލި އެވެ.

"ދޮންބޭ!" ހިމޭން އަޑެއް ކަންފަތުގައި ބީހުނެވެ. މަޑުމަޑުން ތާބިޝް ލޯ ހުޅުވާލި އެވެ.

"ހޫމްމ.." ހިމޭން އިޝާރާތެއް ލޮލުން ބަދަލުކޮށްލަމުން ތާބިޝް ޖަވާބުދިނެވެ.

"ކިހިނެއްވީ..؟ ވަރަށް ބޮޑަށް ކަމަކާ ހާސްވެ، ކަންތައްބޮޑުވެފައިވާހެން ހީވަނީ..!" ތާބިޝްއާއި ސުވާލުކޮށްލި އެވެ.

"ސަވާނާ... އަހަރެން... އަހަރެން.. އޭނާ ދުށިން... އެ ޕާޓީން އަހަރެން އޭނާ ދުށިން" ލަސްލަހުން ތާބިޝް ބުންޏެވެ. ލިބުނު ޝޮކްގައި ސަވާނާގެ އަނގަމަތީގައި އަތް އެޅި އެވެ. ނަމަވެސް ލިބުނު ހައިރާން ކަމަކީ ސަވާނާގެ ލޮލުން ބަބުޅާލި، ހިތްގައިމު ވިދުވަރެވެ.

"މާނައަކީ، ދޮންބޭ...! ދޮންބެ އަށް އޭނާ ފެނުނީ ދޯ..! ކޮންތާކު އޭނާ ދިރިއުޅެނީ..؟"

-ނުނިމޭ-

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް