ads
ރައީސް ޑރ. މުޙައްމަދު މުއިއްޒު، ހޯމް މިނިސްޓަރު އަލީ އިހުސާނާއި ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއުއާއެކު -- ފޮޓޯ/ ފުލުހުން
ފުލުހުން އަހުލާގީ ހަމަތައް ހިފެހެއްޓުމަށް ރައީސް އިލްތިމާސް ކުރައްވައިފި
މީހުންނަށް މުއާމަލާތު ކުރުމުގައި އަހުލާގީ ރީތި ހަމަތައް ހިފަހައްޓައި ކުށްކުރުން ހުއްޓުވުމުގެ އިތުރުން ކުށަށް އަރައިގަތުމުން މުޖުތަމައު ދުރުހެލި ކުރުމަކީ ފުލުހުންގެ ވާޖިބަކަށް ހެއްދެވުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު އިލްތިމާސް ކުރައްވައިފި އެވެ.
Advertisement

ފުލުހުންގެ މުއައްސަސާއަށް 92 އަހަރު ފުރުމުގެ މުނާސަބަތުގައި އެމަނިކުފާނު ފޮނުއްވި ހިތާބުގައި ވިދާޅުވީ ކުށްކުރުން ހުއްޓުވުމުގެ އިތުރުން ކުށަށް އަރައިގަތުމާއި މުޖުތަމައު ދުރުހެލި ކުރުމަކީ ވެސް ފުލުހުންގެ ވާޖިބެއް ކަމަށެވެ.

އެގޮތުން ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކޮށް ދިނުމާއި، ކަންކަން ކުރަން އޮންނަ ރަނގަޅު ގޮތް ވިސްނައިދީ ކިޔައިދިނުމާއި، ރީތި އުޅުމާއި އާދަ އަނެކުންނަށް ދަސްކޮށްދީ، އަނެކުންނަށް މަގުދައްކައިދޭ ބަޔެއްގެ ގޮތުގައި އަބަދުމެ ފުލުހުން ދެމިތިބުން މުހިންމުކަން ރައީސް މުއިއްޒު ފާހަގަކުރެއްވި އެވެ.

"ފުލުހުންގެ ވަޒީފާގެ މަސްއޫލިއްޔަތު އަބަދުވެސް އަދާކުރަމުންދަނީ ގާނޫނު ތަންފީޒުކުރުމަށް ޓަކައި. އެހެންކަމުން، ކޮންމެ ފުލުހެއްގެ އަޒުމަކަށް ވާންވާނީ، ގާނޫނަށް ހުރުމަތްތެރިކޮށް ހިތުމުގައި އެންމެ ފުރަތަމަ ފުލުހުން ނަމޫނާ ދެއްކުން. މުއާމަލާތު ކުރުމުގައި އަހްލާގީ ރީތި ހަމަތައް ހިފެހެއްޓުން،" އެމަނިކުފާނު ވިދާޅުވި އެވެ.

އެ މަނިކުފާނު އިތުރަށް ވިދާޅުވީ ފުލުހުންގެ ހިދުމަތް އިތުރަށް ހަރުދަނާކުރުމަށްޓަކައި ބައިނަލްއަގުވާމީ ފެންވަރުގައި ފުލުހުންގެ މުއައްސަސާތަކާއެކު ގުޅުން ބަދަހިކޮށް، އެ ފަރާތްތަކުގެ ތަޖުރިބާއާއި ހުނަރު ހޯދުމަށް މަސައްކަތްކުރާނެ ކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ފުލުހުންގެ ހިދުމަތް ހަމަހަމަކަމާއެކު ފޯރުކޮށްދިނުމަށް އިތުރު މަސައްކަތްތަކެއް ކުރެވޭނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ ފުލުހުންނަކީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ، އޯގާތެރި އަދި ގާނޫނަށް ހުރުމަތްތެރިކޮށް ހިތާ ބަޔަކަށް ހެދުމަކީ ސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒު ކަމަށެވެ. އަދި މިކަން ހާސިލުކުރުމަށް ފުލުހުންނާއި ރައްޔިތުންގެ އެއްބާރުލުން ވަރަށް މުހިންމު ކަމަށްވެސް ރައީސް ފާހަގަކުރެއްވި އެވެ.

"ފުލުހުންގެ ގައުމީ ހިދުމަތަށް 100 އަހަރު ވާން ބާކީ އޮތީ އަށް އަހަރެވެ. އެ ދުވަހާ ހަމަޔަށް ދާންވާއިރު، މާތްﷲގެ ތަނަވަސް ރަޙްމަތްފުޅާއި މިންވަރުފުޅާއެކު، މި ސަރަޙައްދުގެ އެންމެ ޒަމާނީ، އެންމެ އިތުބާރު ހުރި، އެންމެ އޯގާތެރި، އެންމެ ތަންފީޒީ ފުލުހުންގެ ހިދުމަތް ދިވެހިރާއްޖޭގައި އޮންނަން އަޅުގަނޑުމެން ބޭނުންވެ އެވެ،" ރައީސް ވިދާޅުވި އެވެ.

މީގެއިތުރުން ރައީސް ވަނީ ދިވެހި ކޮންމެ ފުލުހަކީ، ހުވަޔަށް ވަފާތެރި، ދީނަށް ޙުރުމަތްތެރި، ޤައުމަށް ޚިދުމަތްތެރި، ކޮންމެ ރައްޔިތަކާމެދު އޯގާތެރި، ވާޖިބު އަދާކުރުމަށް ފަރުވާތެރި އަގުހުރި ދަރިޔަކަށް ވުމަށް އިލްތިމާސްކުރައްވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް