
އެފްއޭއެމް މިއަދު އޮތީ ފީފާއިން އެކުލަވާލި ނޯމަލައިޒޭޝަން ކޮމިޓީއެއްގެ ދަށުގައެވެ. ކުރީން އެފްއޭއެމް ތަމްސީލް ކުރި ކްލަބްތަކެއް މިހާރަކުނެތެވެ! އެކްލަބްތައް ވަނީ ނޯމަލައިޒޭޝަންގެ މަރުހަލާގެ މުއްދަތަށް "ޑިސްބޭންޑް" ކޮށްފައެވެ. މިހާރު އެފްއޭއެމް ތަމްސީލް ކުރަނީ ފީފާގެ ނޯމަލައިޒޭޝަން ކޮމިޓީއަކުންނެވެ؟ ފީފާފެ ރަސްމީ ވެބްސައިޓުން މިކަން ކަށަވަރު ކޮށްދެއެވެ.
ވީމާ "ފީފާގެ ހައްރާޒް" ސީޒަން ފަސްކުރަން އެންގީ ނޯމަލައިޒޭޝަން ކޮމިޓީން އެކުލަވާލި ފުޓުބޯޅަ ސީޒަން ކަމުނުގޮސްގެންތާއެވެ! އެހެންނަމަވެސް ފުޓުބޯޅަ ސީޒަން ތާވަލްކުރީ ފީފާއިން އުވާލާފައިވާ ކުރީގެ އެގްޒެކެޓިވް ކޮމިޓީގެ މަސަލަހަތު އޮތް ކްލަބްތަކަކުންކަން ގާތާ ޔަގީނެވެ.
ފީފާއިން ފުޓުބޯޅަ ސީޒަން ހުއްޓުވިކަމަށް ހަބަރު އުފެއްދި ބަޔަކު ދެކެނީ އަދިވެސް ފުޓުބޯޅަ ހިންގަންޖެހޭނީ ކުރީގެ ފުޓުބޯޅަ ހިންގި ކްލަބަތަކުންކަމަށެވެ. ފީފާއިން މިހާރު އުވާލާފައި ވާ ކުރީގެ އެގްޒެކެޓިވް ކޮމިޓީން ކަމަށެވެ. އެއީ މާލޭ ކްލަބްތަކެކެވެ. އެންމެ ޒޯނެއްގެ ކްލަބްތަކެކެވެ. ރާއްޖެތެރެއަށް ނިސްބަތްވާ އަނެއް އަށް ޒޯން އެކަހެރިކުރުމަކީ "ނޯމަލް" ކަމެއް ކަމުގައި މިބޭބޭފުޅުން އަދިވެސް ދެކެނީތާއެވެ! ވީމާ މި ހަބަރު އުފެއްދެވި ބޭބޭފުޅުން ދެކެނީ މާލެކްލަބަތަކުގެ މަސްލަހަތު ގެއްލުމަކީ ރާއްޖޭގެ ފުޓުބޯޅައިގެ މަސަލަހަތު ގެއްލުންކަމެވެ.
"ފީފާގެ ހައްރާޒަށް" ފެނުނު ފޮރުވިފައިވާ ހަގީގަތް
ހައްރާޒަށް އެފްއޭއެމްގެ ފޮރުވިފައިވާ ހަގީގަތް އެކްސްޓަރާ އޯޑިނަރީ ކޮންގްރެސްއިން ފެންނާނެއެވެ. އޭނާ ރާއްޖެ ވަޑައިގަތީ ކޮންގްރެސް މޮނިޓަރ ކުރާށެވެ. ކޮންގްރެސް ހިންގަނީ އަސާސީ ގަވާއިދާ އެއްގޮތަށްތޯ ބެލުމަށެވެ. ފުޓުބޯޅަ ސީޒަން ހުއްޓުވާކަށް ނޫނެވެ. ކޮންގްރެސް މޮނިޓަރކުރަން އޭނާކުރިމަތީ އޮތްމިންގަޑަކަށްވާނީ އަސާސީ ގަވާއިދެވެ. އެޑޮކިއުމެންޓްކަމުގައި މިހާރު އަޅުގަނޑުމެނަށް ކަށަވަރުވަނީ، 7 މެއި 2016 ގައި އެޑޮޕްޓްކޮށްފައި ވާ އަސާސީ ގަވާއިދެވެ. ފީފާއިން ބަލައިގެންފައިވާ އެފްއޭއެމް ސްޓެޓިއުޓްސް އެވެ.
އެންމެ ޒޯނެއްގެ އަތްގަދަކޮށް ކޮންގްރެސްއަށް ވަދެގަތުން
"ފީފާގެ ހައްރާޒަށް" ފެންނާނީ އެންމެ ޒޯނެއްގެ ކްލަބްތަކެއް އަތްގަދަކޮށްގެން ކޮންގެރެސްއަށް ވަދެތިބިތަނެވެ. އެހެން ޒޯނެއްގެ ކްލަބެއްވެސް، އަދި ޒޯނެއްވެސް (ރީޖަނަލް އެސޯސިއޭޝަނެއް) ނެތްތަނެވެ. އަދި ގައުމީ ފެންވަރުގައި ފުޓުބޯޅަ ހިންގަން ބޭނުންވާ އެންމެ އިންޓަރެސްޓް ގްރޫޕެއްވެސް ނެތްތަނެވެ. ކޮންގްރެސްގައި ތިބެން ހައްގުވާ އެއްވެސް ބަޔަކު ނެތްތަކެވެ. ކޮންގްރެސްގައި ވޯޓް ހައްގުވާ އެއްވެސް ބަޔަކު ގާތްވިޔަވެސް ނުދީ އޮތްތަނެވެ.
ހައްރާޒުގެ ހައިރާންކަން އިތުރުވީ ތިންވަނަ ޑިވިޒަން ކްލަބެއް ކޮންގްރެސްގައި އިންތަންފެނުމުންނެވެ. ތިންވަނަ ޑިވިޒަނަކީ ކޮންގްރެސްއަށް ދައުވަތުދޭ ޑިވިޒަނަކަށް ނުވާތީވެ އެކްލަބްގެ މަންދޫބު ކޮންގގްރެސްއިން ނިކުތުމަށް ފީފާގެ ހައްރާޒް އެންގިއެވެ. ސީޒަން ހުއްޓުވުމުގެ ހަބަރު އުފެއްދި ބޭފުޅުންނަށް މިކަންވީ އޭނާ އަދަބާ ހިލާފަށް ކުރިކަމެއްގެ ގޮތުގައެވެ.
ވޯޓަރލިސްޓް އޮޅުވާލައިގެން ބޭއްވި ކޮންގްރެސް
ވޯޓަރ ލިސްޓް އޮޅުވާލައިގެން ބޭއްވި އެކްސްޓަރާއޯޑިނަރީ ކޮންގްރެސް ފެށުނީވެސް އަސާސީ ގަވާއިދާ ހިލާފަށެވެ. ނޯމަލައިޒޭޝަން ކޮމިޓީން ދައުވަތުދީގެން ކޮންގްރެސްއަށް ވައްދާފައި ތިބީ މުޅިން އެހެން ބަޔެކެވެ. ހަމައެކަނި މާލޭ ޒޯންގެ ކްލަބަތަކެކެވެ. އަދަދުވެސް ނޭނގޭ މިކްލަބަތަކުގެތެރެއިން 6 ކްލަބަކުން ކޮންގްރެސް ބޯއިޓް ވެސް ކުރިއެވެ. ފަލަސުރުހީއަކަށް ވީ މިކަމެވެ! ކޮންގްރެސްއާ ނުވެސް ބެހޭ ކްލަބަތަކެއް ކޮންގްރެސް ބޯއިކޮޓް ކުރި ހަބަރެވެ. ނޯމަލައިޒޭޝަން ކޮމިޓީން އައްޔަންކޮށްފައިވާ ސެކްޓްރީ ޖެނެރަލް ވޯޓަރލިސްޓް ހާމައެއް ނުކުރިއެވެ. އްސާސީގަވާއިދުވެސް ސިއްރުކުރީއެއެވެ.
ލަފްޒީ މާނައިގައިވެސް މިކޮންގްރެސްއަކީ "އެކްސްޓްރާ އޯޑިނަރީ" ކޮންގްރެސްއަކަށް ވާނެއެވެ. މިކޮންގްރެސްއިންހައްރާޒަށް ފެންނާނީ ރާއްޖޭގެ ފުޓުބޯ މާހައުލަކީ ގާނޫނަށް އިހްތިރާމްކުރާ ބަޔަކު އެކުލެވޭ މާހައުލެއް ނޫންކަމެވެ. "ރޫލްއޮފްލޯ" ހިނގާ މާހައުލެއް ނޫންކަމެވެ. ރިޔާސަތުގައި އިންނެވީ އުސްތާޒެކެވެ. ކީނޯޓް އެޑްރެސް ދެއްވަން އިންނެވީ ސްޕޯޓްސް މިނިސްޓަރެވެ. މިނިސްޓަރު ވަނީ އޭގެ ހަފްތާއެއްކުރިން މާލޭ ކްލަބްތަކަށް 9 މިލިއަން ރުފިޔާ ބައްސަވާލައްވާފައެވެ. އއ އުކުޅަހަށް ނިސްބަތްވާ މިނިސްޓަރު، ރާއްޖެތެރޭ ކްލަބަކަށް ބޮޑުލާރިއެއްވެސް ނުދިނެވެ. މިނިސްޓަރު ކޮންގްރެސްއަށް ވަޑައިގެންނެވީ ފީފާއިން ވަގަށްނެގި 150 މިލިއަން ރުފިޔާގެ ދަރަނި ފޫބައްދައިދޭނެކަމަށް ވިދާޅުވާށެވެ.
ފީފާގެ ހައްރާޒަށް ފެނުނީ ގާނޫނަށް އިހްތިރާމްނުކުރާ، ގޮތެއްފޮތެއްނެތް ފުޓުބޯޅަ މާހައުލެކެވެ. ފީފާގެ ހައްރާޒު ރުޅިމަޑެވެ!
ފީފާގެ ހައްރާޒް ސީޒަން ހުއްޓުވުން!
ކޮންގެރެސްގެ ދެހަފްތާފަހުން ދެން އަނެއްކާ އުފެއްދި ފަލަ ސުރުހީއަކީ "ފީފާގެ ހައްރާޒު" ރާއްޖޭގެ ފުޓުބޯޅަ ސީޒަން ހުއްޓުވައިފި ކަމަށެވެ. އެހެންނަމަވެސް ސީޒަން ހުއްޓުވަންޖެހުނު ސަބަބާމެދު ނަޒަރުހިންގާލާފައިވެސް ނުވެއެވެ. ނޫސްތަކުގެ އެޑިޓަރުންވެސް ދެކޮޅުބަލާލަންވާނެ ނޫންތޯއެވެ.
ފުޓުބޯޅަ ސީޒަން ހުއްޓުވީކީ ނޫނެވެ. ފުޓުބޯޅަ ސީޒަން ފަސްކުރީއެވެ. ހައްރާޒްޒަށް ފެނުނު މަންޒަރަކީ ބައިނަލްއަގުވާމީ މިންގަނޑަށް ފެތޭ ފުޓުބޯޅަ ސީޒަނަކީވެސް ރާއްޖޭގައި ދެމެހެއްޓެވިފައި އޮތްކަމެއް ނޫންކަމެވެ. މިޒަމާނުގައި، ގައުމުތަކުގައި ފުޓުބޯޅަ ސީޒަން ތާވަލްކޮށްފައި ހުންނަނީ ދެއަހަރަށް ހުރަސްކުރާ ވިންޑޯއެއްގެތެރެއަށް ފައްތައިގެނެވެ. އެއީ ބައިނަލްއަގުވާނީ މެޗްތަކަށް ގައުމީ ޓީމްތަކާ، ކްލަބްތައް ދަތުރުކުރަން ގްލޯބަލް ފެންވަރުގައި ވިލަރެސްކުރަންޖެހެނީ ފީފާއަށް ކަމަށް ވާތީއެވެ.
ނޯމަލައިޒޭޝަނަކީ ސަސްޕެންޝަންގެ ފުރަތަމަ މަރުހަލާ.
މިއީ ފުޓުބޯޅަ އެސޯސިއޭޝަން ނޯމަލައިޒް ކުރާ ތިންވަނަ ފަހަރެވެ. ފުރަތަމަ ނޯމަލައިޒް ކުރަންޖެހުނީ އިންތިހާބު ނުބާއްވައިގެނެވެ. އެއީ 2008 ވަނަ އަހަރުއެވެ. އެއިރުގެ ސަރުކާރުން ބޯހަރުކޮށް، އިންތިހާބު ނުބާއްވާން އުޅުމުން، ފީފާއިން އެންގީ އެއަހަރުގެ ސާޕްޗެޕްޕިޔަންޝިޕްގައި ބައިވެރި ނުވެވޭނެކަމަށެވެ. ވީމާ ފުރަތަމަ ފަހަރަށްވެސް ނޯމަލައިޒް ކުރަންޖެހުނީ ގަދަކަމުންނެވެ. އެންމެފަހުން އެފްއޭއެމްގެ އިންތިހާބީ ފުރަތަމަ ޓާމް ނިމުނީވެސް ސަރުކާރާއި އެފްއޭއެމްގެ އެތެތެރޭގައި އެކުއެކީ ކަހަލަގޮތަކަށް ބަގާވާތް ކޮށްގެނެވެ. މިކަމުން އަރައިގަތުމަށް އެތައްއަހަރުތަކެއްގެއްލި އިސްލާހުކުރެވުނު އަސާސީ ގަވާއިދަކާއެއްގޮތަށް 2016 ވަނަ އަހަރު ދެވަނަ ފަހަރަށް ނޯމަލައިޒް ކުރިއެވެ.
ތިންވަނަ ފަހަރަށް ނޯމަލައިޒްކުރަންޖެހުނީ 2024 ވަނަ އަހަރުގެ ޖުލައިމަހުއެވެ. މިފަހަރު ނޯމަލައިޒްކުރަންޖެހުނީ ގާނޫނަށް އިހްތިރާމް ނުކުރާތީއާއި ވައްކަން ކުރާތީއެވެ. ފީފާއިން މިފަހަރު ނޯމަލައިޒްކުރަން ދިނީ އެއްއަހަރުގެ މުއްދަތެވެ. މިމަސްނިޔަލަށް 8 މަސްދުވަސް ގެއްލުނީއެވެ. ދެން އޮތީ އެންމެ 4 މަސްދުވަހެވެ. ޖުލައި މަހު އިންތިހާބު ބާއްވަން ޖެހެއެވެ.
މިވީ އަށް މަސްދުވަސްތެރޭ އޮއްޓަރުހުރި އެއްކަމެއްވެސް ނުކުރެވެއެވެ. ސަރުކާރާއި، ކްލަބްތަކާއި، މީޑިއާވެސް މިތިބީ ބޮޑު ދޮގެއްގެ މައްޗަށް ސަވާރުވެ، ފީފާއިން ކަނޑައަޅާ އުސޫލްތަކާ ހިލާފަށް އަމިއްލަ ސިޔާސީ މަސްލަހަތާއި، މާލީ މަސްލަހަތު އިސްކޮށްގެންކަން މިހާރު އެދަނީ ފެންނަމުންނެވެ. އެންމެ ފަހުން ބޭއްވި އެކްސްޓްރާއޯޑިނަރީ ކޮންގްރެސްއިން ފެނުނީ ދިވެހިރާއްޖެއަކީ ކުޅިވަރުގެ ދާއިރާގައިވެސް ގާނޫނު ނުހިނގާ ގައުމެއްކަމެވެ.
ފުޓުބޯޅަ ސީޒަން ހުއްޓުވައިގެން މިއުޅެނީ ފީފާގެހައްރާޒެއްނޫނެވެ. ފުޓުބޯޅަ ސީޒަން ހުއްޓުވައިގެން މިއުޅެނީ ހުދު އަޅުގަނޑުމެނެވެ.
އެޑިޓަރުގެ ނޯޓް:
ހާމިދު އަބްދުލް ޣަފޫރަކީ ކުޅިވަރު ހިންގުމުގެ ދާއިރާ އިން މަތީ ތައުލީމު ހާސިލް ކުރައްވައި އަދި އެ ދާއިރާއިން އަމަލީ ގޮތުން އެތައް ތަޖުރިބާތަކެއް ހޯއްދަވައިގެން ހުންނެވި ބޭފުޅެކެވެ. ހާމިދު ޢަބްދުލް ޣަފޫރަކީ، ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ސެކެރެޓްރީ ޖެނެރަލް ކަމުގެ އިތުރުން ކުޅިވަރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ކަން ކުރައްވާފައިވާ ބޭފުޅެކެވެ. ހާމިދަކީ ދިވެހި ރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ ކައުންސިލްގައި ސްޕޯޓްސް، އާޓްސް އެންޑް ކަލްޗާގެ ދާއިރާގެ ބޭފުޅެއްގެ ހައިސިއްޔަތުން އިންނެވި ބޭފުޅެކެވެ.