ads
ވެއްޓިފައި އޮތް އިމާރާތެއްގެ ދަށުވެފައިވާ މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ބަޔަކު ކުރަމުން ދަނީ.
ބިންހެލުމުގައި މިއަންމާ އާއި ތައިލެންޑުން މަރުވި މީހުންގެ އަދަދު 1700 އަށް އަރައިފި
މިޔަންމާއަށް އިއްޔެ 7.7 މެގްނިޓިއުޑްގެ ބާރުމިނުގައި އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 1700 އަށްވުރެ އިތުރުވެފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފި އެވެ.
Advertisement

މިއަންމާގެ އަސްކަރީ ސަރުކާރުން ބުނީ ބިންހެލުމުގައި 1،700 މީހުން މަރުވެ 3،400 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށާއި އަދި 300 މީހަކު ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށެވެ. ބިންހެލުމުގައި މަރުވި މީހުންގެ އަދަދު މިއަށް ވުރެ ވެސް މަތިވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބުނެފައިވެ އެވެ.

މި ބިންހެލުމުގެ އަސަރު ތައިލެންޑްގެ ވެރިރަށް ބެންކޮކަށް ވެސް ކޮށްފައިވާއިރު އެ ސިޓީން މަރުވި މީހުންގެ އަދަދު ވަނީ 18 އަށް އަރާފަ އެވެ

ޖުމުލަ 55 މިލިއަން މީހުންގެ އާބާދީއެއް އޮންނަ މިޔަންމާގެ މުހިންމު ބިނާރުތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ. އޭގެ ތެރޭގައި މިސްކިތްތައް ވެސް ހިމެނެ އެވެ. އޭގެ ތެރެއިން ސުލީ ކޯ އަވަށުގައި ހުރި މިސްކިތެއް ވެއްޓި، އެ އިމާރާތުގެ ދަށުވެ، 10 ވަރަކަށް މީހުން މަރުވި އެވެ. އަދި، އިތުރު ދެ މިސްކިތެއް ވެއްޓި، އެ އަވަށުން ޖުމުލަ 23 މީހަކު މަރުވެފައިވާ ކަން ކަށަވަރު ކުރެވިފައިވާ ކަމުގައި އެ އަވަށުގެ ރައްޔިތުން ބުންޏެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން އަންދާޒާ ކުރާ ގޮތުގައި ބިންހެލުމުގައި މަރުވާ މީހުންގެ އަދަދު 10،000 އަށްވުރެ އިތުރުވުން ގާތެވެ. އަދިި، ލިބޭ ގެއްލުންތަކުގެ އަގު މިޔަންމާގެ އަހަރީ އުފެއްދުންތެރިކަމަށް ވުރެ އިތުރުވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

your imageހުކުރު ދުވަހު އައި ބިންހެލުމުގައި މިޔަންމާގެ އިމާރާތެއް ވެއްޓިފައި: އެ ގައުމުން ވަނީ ދޮޅު ހާހަށް ވުރެ ގިނަ މީހުން މި ހާދިސާގައި މަރުވެފައި. -- ފޮޓޯ: އޭއެފްޕީ

މިޔަންމާގެ މަގުތަކާއި އުމްރާނީ ވަސީލަތްތައް ހަލާކުވުމުގެ ސަބަބުން ވަނީ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތަށް ވަރަށް ބޮޑަށް ހުރަސްއެޅިފައި ކަމަށް އދ.ގެ އޮފީސް ފޯ ދަ ކޯޑިނޭޝަން އޮފް ހިއުމެނިޓޭރިއަން އެފެއާޒް (އޯސީއެޗްއޭ) އިން ވަނީ ބުނެފަ އެވެ. 

މި ބިންހެލުމުގައި، ބޮޑެތި ބްރިޖްތަކާއި މަގުތައް ހިމެނޭ ގޮތަށް މުހިންމު އިންފްރާސްޓްރަކްޗާއަށް ބޮޑެތި ގެއްލުންތަކެއް ވެފައި ވާތީ އިންސާނީ އެހީ ފޯރުކޮށްދޭން އެކި ހިސާބުތަކަށް ދާން ދަތި ކަމަށް އޯސީއެޗްއޭ އިން ބުންޏެވެ. 

މިއަންމާ އަށާއި ތައިލޭޑަށް އެހީ ފޯރުކޮށްދިނުމުގައި އިންޑިއާ އާއި ރަޝިއާ، މެލޭޝިއާ، އިންޑޮނީޝިއާ، އޮސްޓްރޭލިއާ، ޕާކިސްތާން، ނިއުޒިލޭންޑް އަދި އެމެރިކާގެ ފްލައިޓްތައް އަވަދިނެތި އުދުހެމުންދާ ކަމަށް ހަބަރުތައް ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް