
އީރާނުގެ އިސް ސިފައިންގެ އޮފިޝަލަކު އެމެރިކާއިން އެ ގައުމަށް ހަމަލާދީފިނަމަ ޑިއެގޯ ގާސިއާ ސިފައިންގެ މަރުކަޒަށް ހަމަލާދޭނެކަމަށް ދިން އިންޒާރަކީ ހަގީގަތުގައި ކުރެވޭނެ ކަމެއް ނޫންކަމަށް ދިފާއީ މާހިރުން ބުނެއެވެ.
އިންޑިއާ ކަނޑުގައި ހިމެނޭ އިނގިރޭސިންގެ ބާރުގެ ދަށުގައިވާ ޑިއެގޯ ގާސިއާއަކީ އީރާނުން ގާތްގަނޑަކަށް 3،800 ކިލޯމީޓަރު ދުރުގައިވާ ތަނެއްކަމަށްވާއިރު، އީރާނުގެ އެންމެ ބާރުގަދަ މިސައިލްތަކުގެ ރޭންޖަކީ 2،000 ކިލޯމީޓަރުކަމަށް ރިޕޯޓުތަކުން ދައްކައެވެ.
ޓެލެގްރާފަށް ވާހަކަދެއްކި އީރާނުގެ އޮފިޝަލް ބުނިގޮތުގައި އެމެރިކާއިން ޑިއެގޯ ގާސިއާއިން އީރާނަށް ހަމަލާދީފިނަމަ، ޓެހެރާނުން އެ މަރުކަޒަށް ހަމަލާދޭނެއެވެ. އަދި އެފަދަ ހާލަތެއްގައި އިނގިރޭސި ނުވަތަ އެމެރިކާ ސިފައިންގެ މެދުގައި ތަފާތެއް ނުކުރާނެކަމަށް އޭނާ ބުނިއެވެ.
އީރާނުން އެގައުމުގެ މިސައިލްތަކާއި ޑްރޯންތަކުގެ ގާބިލުކަމާމެދު ފަހްރުވެރިވާކަމަށް ބުނި ނަމަވެސް، މާހިރުން ފާހަގަކުރާގޮތުގައި އެ ގައުމުގެ ސުއިސައިޑް ޑްރޯންތަކަށްވެސް މިފަދަ ދުރު ދުރުމިނެއްގައިވާ، ވަރުގަދަ ދިފާއީ ނިޒާމުތަކުން ހިމާޔަތްކުރެވިފައިވާ ތަނަކަށް އަސަރުކުރާނެ ފަދަ ރޭންޖެއް ނުވަތަ ޕޭލޯޑެއް ނުހުރެއެވެ.
ޑިއެގޯ ގާސިއާއަށް އެމެރިކާއިން ބީ-2 ސްޓެލްތް ބޮން އަަޅާ ބޯޓުތައް ފޮނުވުމާ ގުޅިގެން އުފެދިފައިވާ ނުތަވަސްކަމުގެ ތެރެއިން އީރާނުގެ މި ބިރުދެއްކުމަކީ ހަގީގީ އޮޕްޝަނަކަށްވުރެ ބޮޑަށް ސިޔާސީ ބަޔާނެއްކަމަށް މާހިރުން ދެކެއެވެ.