ޑީޖީޖީގެ ސީޒަން ލޯންޗު ކުރުމަށް ދިރާގުގެ މައި އޮފީހުގައި ބޭއްވި ހަފްލާގައި މި އަހަރަށް ރާވައިފައިވާ މުބާރާތްތަކާއި ގޭމިން ކޮމިއުނިޓީއަށް އަމާޒުކޮށްގެން ހިންގާ ތަފާތު ހަރަކާތްތަކުގެ މައުލޫމާތު ވަނީ ހިއްސާކޮށްފަ އެވެ.
މީގެ އިތުރުން، އެކި ގޭމިން ހަރަކާތްތައް ކުރިއަށްދިޔައިރު، "ފެންފުޅި" ބޭންޑުގެ ފޯރިގަދަ މިއުޒިކީ ހުށަހެޅުންތަކުން މި އިވެންޓް އިތުރަށް ފުރިހަމަކޮށްދިނެވެ.
އެ ހަފުލާގައި، ރާއްޖޭގެ އީ-ގޭމިން ދާއިރާ ވަރުގަދަކުރުމުގައި އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ޑީޖީޖީގެ ޕާޓްނަރުން އަގުވަޒަންކޮށް، ހަނދާނީ ފިލާ ވަނީ އަރުވައިފަ އެވެ. އެގޮތުން، ޑީޖީޖީގެ ޕްރީމިއަމް ސްޕޮންސަރު "މިނީސޯ"، އެލީޓް ޕާޓްނަރުން ކަމަށްވާ "ވިލާ މާޓް"، "މެގަޗިޕް" އަދި "ޝީޝާ" އަކީ ރާއްޖޭގެ ގޭމިން ކޮމިއުނިޓީ ބާރުވެރިކުރުވުމަށް ޑީޖީޖީއަށް އެހީތެރިކަން ފޯރުކޮށްދީ މުހިންމު ދައުރެއް އަދާ ކުރަމުންދާ ފަރާތްތައް ކަމަށް ދިރާގުން ފާހަގަކުރި އެވެ.
ދިރާގުން ވަނީ، ރާއްޖޭގެ އެންމެ ބޮޑު ގޭމިން ޕްލެޓްފޯމް ކަމުގައިވާ ޑީޖީޖީއިން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އީ-ސްޕޯޓްސް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކޮށް، އަންނަން އޮތް ޖީލުތަކުގެ ގޭމިން ހުނަރުތައް އިތުރުކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުން ކަމަށް ބުނެފަ އެވެ. އަދި ދިވެހިރާއްޖޭގެ ގޭމިންގް ދާއިރާ އާ އުސްމިންތަކަކަށް ގެންދިއުމަށް ދިރާގުން ކުރަމުންދާ މަސައްކަތުގައި، "ޑީޖީޖީ" އިން ދަނީ ނަމޫނާ ދައްކަމުން ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
މިދިޔަ 2025 ވަނަ އަހަރަކީ ދިވެހި ގޭމިން ދާއިރާގައި ޑީޖީޖީއިން ބޮޑެތި ކާމިޔާބީތަކެއް ހޯދި އަހަރެެއްކަން ފާހަގަކޮށް ދިރާގުން ބުނީ 11،000 އަށްވުރެ ގިނަ ގޭމް ކުޅުންތެރިން އެ ޕްލެޓްފޯމުގައި ރަޖިސްޓަރީވެ ތަފާތު 13 ކެޓަގަރީއަކުން 17 މުބާރާތް ކާމިޔާބުކަމާއެކު ބާއްވައި، ފައިސާގެ އިނާމުގެ ގޮތުގައި ޖުމްލަ 350,000 ރުފިޔާ ދީފައިވާ ކަމަށެވެ. މީގެ އިތުރުން، ގިވްއަވޭގެ ގޮތުގައި ޖުމްލަ 150,000 ރުފިޔާގެ އަގުހުރި އިނާމުތައް ދީފައިވެ އެވެ.
މިދިޔަ އަހަރު ބޭއްވި އެންމެ ފާހަގަކޮށްލެވޭ ހަރަކާތަކީ އޮގަސްޓް މަހު ބޭއްވި ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް އެވެ. މިއީ ރާއްޖޭގެ ތާރީހުގައި ބޭއްވި އެންމެ ބޮޑު ގޭމިން ހަރަކާތެވެ.
މި ހުރިހާ މަސައްކަތްތަކަކީ ރާއްޖޭގެ އީ-ސްޕޯޓްސް ކުރިއަރުވައި، ވާދަވެރި ގޭމިން މާހައުލެއް ބިނާކުރުމަށް ޑީޖީޖީއިން ކުރާ މަސައްކަތްތަކުގެ ހެތްކެތް ކަމަށް ދިރާގުން ބުނެފައިވެ އެވެ.
ޑީޖީޖީއާ ގުޅޭ އިތުރު މައުލޫމާތުތައް ކަމާ ގުޅޭ ވެބްސައިޓުން ލިބެން ހުންނާނެވެ.