
މިގޮތުން ރައީސް ވަނީ "ފުޓްބޯލް ފޯ ޕީސް" ޖަމިއްޔާގެ ހަރަކާތްތައް ބަލާލައްވައި، އެ ޖަމިއްޔާގެ އިސްވެރިންނާ ބައްދަލުކުރައްވާފައެވެ.
ރާއްޖޭގެ ޓޫރިޒަމް ކެމްޕެއިން ރަސްމީކޮށް ފެއްޓެވުމަށް އިނގިރޭސިވިލާތަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ރައީސް ވަނީ ފުޓްބޯލް ފޯ ޕީސްގެ ކޯ ފައުންޑަރ ކާޝިފް ސިއްދީގީ އަދި ބްރެޑްފޯޑް ސިޓީ އޮފް ކަލްޗަރގެ ސީއީއޯ ޝަހްނާޒް ގުލްޒާރުއާ ބައްދަލުކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ފުޓްބޯލް ފޯ ޕީސްގެ އިސްވެރިން ވަނީ އެ ޖަމިއްޔާގެ ހަރަކާތްތައް ކުރިއަށްދާ ގޮތާއި، އެ ޖަމިއްޔާގެ މައުލޫމާތުތައް ރައީސަށް ހިއްސާކޮށްފައެވެ.
ފުޓްބޯލް ފޯ ޕީސް ޖަމިއްޔާއަކީ އދ. ގެ އެހީތެރިކަމާއެކު ފުޓްބޯޅައިގެ ތެރެއިން އިޖުތިމާއީ މައްސަލަތައް ހައްލުކުރުމާއި، އެކި ސަގާފަތާއި ވިސްނުންތަކުގެ މީހުން އެއްތަނަކަށް ގެނެސް ބަދަހި މުޖުތަމައުއެއް ބިނާކުރުމަށް އެހީތެރިވެދޭ ޖަމިއްޔާއެކެވެ.
ރައީސް މުއިއްޒު ވަނީ މި ޖަމިއްޔާގެ ބެލުމުގެ ދަށުން ކުރިއަށްދާ ބައެއް ހަރަކާތްތައް ބަލާލައްވައި، އެ ހަރަކާތްތަކުގެ ބައިވެރިންނާވެސް ބައްދަލުކުރައްވާފައެވެ.