
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ ގާނޫނީ ވަކީލު އިބްރާހިމް ޝަމީލް ވިދާޅުވީ އޭސީސީގެ ރައީސް އާދަމް ޝާމިލް މައްޗަށް ޖިނާއީ ތަހުގީގެއް ހިނގައިދިނުމަށް އެދުނީ އޭނާ ދޮގު ހަދާފައިވާތީކަމަށެވެ.
އެގޮތުން ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ މައްޗަށް ތަހުގީގެއް ހިންގާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް އާދަމް ޝާމިލް މައުލޫމާތު ދެއްވީ ތަހުގީގެއް ނުފަށަނީސް ކަމަށް ބުނެ ގާނޫނީ ވަކީލް ޝަމީލް ވިދާޅުވިއެވެ.
މީގެ އިތުރުން، ފަނޑިޔާރު އަޒްމިރަލްދާއަށް ދައުލަތުގެ އިސްވެރިން ނުފޫޒު ފޯރުވަން މަސައްކަތްކުރެއްވިކަމަށް ވިދާޅުވެ އެ މައްސަލާގައިވެސް ޖިނާއީ ތަހުގީގެއް ކޮށްދިނުމަށް ފުލުހުންނަށް ވަނީ މައްސަލަ ހުށައަޅާފައެވެ.
އޭސީސީން މައްސަލައެއް ބަލަމުންދާ ކަަމަށް ބުނެ ޖޭއެސްސީން އަޒްމިރަލްދާގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ކަމަށްވާ ހުސްނުއްސުއޫދު އާއި މަހާޒް އަލީ ސަސްޕެންޑުކުރީ މިދިޔަ ފެބްރުއަރީ 26، ގައެވެ. ސަސްޕެންޑުކުރިތާ މާގިނަ ދުވަސްތަކެއް ނުވަނީސް ސުއޫދު ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.
ޑރ. އަޒްމިރަލްދާ ސަސްޕެންޑް ކޮށްފައިވަނީ އޭނާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ހައްޔަރުކުރުމުން ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވި ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މައްސަލައެއް ބަލާ ކަމަށް އެންގުމާ ގުޅިގެންނެވެ. މީގެ އިތުރުން ހައި ކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާ ހުސައިން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް، އޭރުގެ ފަނޑިޔާރު ހުސްނުއްސުއޫދު "ހުތުރު ބަހުން" އޭނާއާ ވާހަކަ ދެއްކެވި ކަމަށް ބުނާ މަޖިލީހުގައި އަޒްމިރަލްދާ އިންނެވި މައްސަލަ ވެސް ޖޭއެސްސީން ބަލަމުންދާ ކަމަށާއި، އެ މައްސަލައާ ގުޅިގެން ފަނޑިޔާރު މާދަމާ އެ ކޮމިޝަނަށް ހާޒިރުކުރަން ވަނީ ނިންމާފައެވެ.