
ހޮނިހިރު ދުވަހުގެ ފްލައިޓުން މާލެ ނާދެވުނީ އަބްދުﷲ ނަސީމާއި ޒުހެއިރާ ގާސިމަށެވެ. މި މައްސަލަ ފެންމަތިވެ، އައްސަފާ ކުންފުންޏަށް ފާޑުކިޔުން އަމާޒުވަމުންދަނިކޮށް، އެ ކުންފުނީގެ ފަރާތުން ކަންހިނގައިދިޔަ ގޮތް އޮޅުންފިލުވައިދިނުމަށް ބަޔާނެއް ނެރެފައިވެއެވެ.
އައްސަފާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ މާލެ ނާދެވުނު ދެމަފިރިންނަކީ އެ ކުންފުނިން ހަމަޖައްސަންޖެހޭ ހުރިހައި އިންތިޒާމުތަކެއް ހަމަޖައްސައިދީފައިވީ ނަމަވެސް، ފުރާގަޑި ޖެހުނުއިރު ބޯޓަށް އަރާފައިނުވާ ދެ މީހުން ކަމަށެވެ. އެ ދެ މީހުން ވެސް ޖިއްދާއަށް ގެންގޮސް، ލަގެޖުތައް ކިރުވައި، ޒަމްޒަމް ފެންދީ، ބޯޑިން ހަމަޖައްސައި، އަދި އިމިގްރޭޝަނުގެ ކަންކަން ނިންމުމަށްފަހު ޑިޕާޗާ ހޯލަށް ވެއްދުމުން ވެސް އެ ދެ މީހުން ބޯޓަށް އަރާފައިނުވާ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
އެހެންނަމަވެސް، އެ ދެމަފިރިންގެ ދަރިފުޅު ބުނެފައިވަނީ ރާއްޖެ އައުމަށް އެއާޕޯޓަށް ގޮސް، ބޯޑިންވާން އެ މީހުންނަށް ލިބުނީ ވަރަށް ކުޑަ ވަގުތުކޮޅެއް ކަމަށާއި، އެ މީހުންނަށް ބޯޑިން ވެވުނުއިރު ފްލައިޓު ނައްޓައިލަން ތައްޔާރުވެ، ގޭޓު ބަންދުކޮށްފައިވާ ކަމަށެވެ.
މި ހާދިސާއާ ގުޅިގެން ކުންފުންޏަށް ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާން ޖެހުނު ކަމަށާއި، އޭގެ ސަބަބުން ނުފުރިވާ ފަރާތްތަކުގެ ކަންކަން ހަމަޖެއްސުމަށާއި އަލުން ފުރުމަށް ހަމަޖައްސަންޖެހޭ ކަންކަން ހަމަޖެއްސުމަށް ބޮޑެތި ހަރަދުތަކެއް ކުރަންޖެހިފައިވާ ކަމަށް ވެސް އައްސަފާއިން ބުނެފައިވެއެވެ.
މީގެ އިތުރުން އެ މައްސަލައިގެ ސަބަބުން ކުންފުނީގެ ވެރިފަރާތާއި އޭނާގެ އަނބިމީހާއަށް ވެސް ނުފުރުނު ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. ދެމަފިރިން ވަކި ދެ ފްލައިޓެއްގައި މާލެ އައުމަށް ސަފާ ކުންފުނިން މިހާރު ހަމަޖައްސާފައިވާއިރު، އެ ދެ ފްލައިޓުގައި ވެސް އެ ކުންފުނީގެ އިތުރު އުމްރާވެރިންނާއި ކުންފުނީގެ ވެރިން ވެސް ދަތުރުކުރާނެ ކަމަށް ބުނެފައިވެއެވެ.