ads
އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު
މިއަހަރު މިހާތަނަށް 14 ޓީޗަރުންގެ އިސްތިއުފާ ލިބިއްޖެ: މިނިސްޓަރު
މިއަހަރު މިހާތަނަށް 14 ޓީޗަރުންގެ އިސްތިއުފާ ލިބިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިރޭ ވިދާޅުވެއްޖެ އެެވެ.
Advertisement

ޕީއެސްއެމްގެ "ރާއްޖެ މިއަދު"ގައި ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ގާތްގަނޑަކަށް 1800އަށް ވުރެ ގިނަ ބިދޭސީން ޓީޗަރުން ވެސް މަސައްކަތް ކުރާ ރާއްޖޭގެ ތައުލީމީ ދާއިރާގައި އެންމެ ބޮޑު އުނދަގުލަކަށް ކޮންމެ އަހަރަކު ވެސް ކުރިމަތިވަނީ ސްކޫލުތަކަށް ޓީޗަރުން ހަމަނުވުމުގެ މައްސަލަ ކަމަށެވެ. 

ބައެއް ޓީޗަރުން ޗުއްޓީއަށް ފަހު މަސައްކަތަށް ނުކުންނަން އޮންނަ ދުވަހު ވެސް އިސްތިއުފާ ދެއްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއަހަރު ވެސް މިހާތަނަށް 14 ޓީޗަރުންގެ އިސްތިއުފާ ވަނީ ލިބިފައި، އެކަމަކު އެއީ އެހެން އަހަރުތަކާ އަޅާބަލާއިރު މަދު އަދަދެއް" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ސްކޫލުތަކުގައި ގާތްގަނޑަކަށް 10،000 ޓީޗަރުން މަސައްކަތް ކުރައްވާ ކަމަށާއި އެއީ ކޮންމެ އަށް ކުއްޖަކަށް ޓީޗަރެއް ކަމަށެވެ.

ރާއްޖޭގެ ސްކޫލްތަކުގައި ޓީޗަރުން މަދުވުމުގެ ކަންބޮޑުވުން އޮންނަތާ ވަނީ އެތައް ދުވަހެއް ވެފަ އެވެ. މިކަމުގެ މިސާލެއްގެ ގޮތުގައި މިނިސްޓަރު ފާހަގަކުރެއްވީ، މެދުރާއްޖެތެރޭގެ ރަށެއްގެ ސްކޫލަކަށް އިސްލާމް ޓީޗަރަކު ހޯދުމަށް މިނިސްޓްރީން ނުވަ ފަހަރު އިއުލާނު ކޮށްގެން ވެސް ކާމިޔާބެއް ނުވި ކަމެވެ. އެހެންވެ އެ ސްކޫލުގެ ދަރިވަރުންނަށް އިސްލާމް ކިޔަވައިދެނީ އޮންލައިންކޮށް ކަމަށް އޭނާ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެ މައްސަލަ މާލެ ސަރަހައްދުގައި މާ ބޮޑަށް ނެތްއިރު، ގޮންޖެހުން ބޮޑީ އާބާދީ މަދު އަތޮޅު ތެރޭގެ ރަށްތަކަށް ކަމަށެވެ.

މީގެ އިތުރުން މިއަހަރުގެ ދިރާސީ އަހަރު މާދަމާ ފަށަނީ ދަރިވަރުންގެ ތައުލީމީ ހައްގު ނުގެއްލޭ ވަރަށް ސްކޫލުތަކަށް އިންތިޒާމުތައް ފުރިހަމަކޮށްދީފައި ކަމަށާއި މިއިން ޒަމާނަކު ޓީޗަރުންގެ ކަންކަން ރަނގަޅުނުކުރެވޭ މިންވަރަށް ރަނގަޅުކޮށްފައިވާނެ ކަމަށް ވެސް މިނިސްޓަރު މިރޭ ވަނީ ވިދާޅުވެފަ އެވެ.

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
67%
ވަރަށް ސަލާމް
ކޮމެންޓްސް