
މިދިޔަ ސެޕްޓެމްބަރު 10 ވަނަ ދުވަހު މަރުވެފައި އޮއްވައި ފެނުނު 50 އަހަރުގެ ޒަކިއްޔާގެ ވާޗުއަލް އޮޓޮޕްސީ ހަދާފައިވަނީ އިންޑިއާގެ އެންމެ ދުވަސްވީ އެއް މެޑިކަލް ރިސާޗް ޔުނިވަސިޓީ ކަމަށްވާ އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް (އެއިމްސް) ގެ ތަޖުރިބާކާރު ޑޮކްޓަރުން ލައްވައެވެ.
އެ ރިޕޯޓްގައި، އެ ޒަހަމްތަކުގެ ސަބަބުން ޕްރެޝަރުގައި ލޭތައް ބުރައިގެން ނުދިޔަ ސަބަބާއި އެ ޒަހަމްތައް ލިބިފައި ހުރި ކަމަށް ބެލެވޭ ގޮތް ފަދަ މުހިންމު ސުވާލުތަކަށް މެޑިކަލް ގޮތުން ތަފްސީލް ކޮށްދީފައިވެއެވެ. ފުލުހުންގެ ޗީފް އިންސްޕެކްޓަރު މުހައްމަދު ސާމިހު ކުރިން ވިދާޅުވެފައިވަނީ ކަރުގެ ވާތް ފަރާތުގައި ފުންކޮށް ތިން ޒަހަމެއް އަދި ކަނާތް ފަރާތުގައި ފުންކޮށް ދެ ޒަހަމެއް ހުރި ކަމަށެވެ.
މި މަރާ ގުޅިގެން އެމެރިކާ އާއި އިނގިރޭސި ވިލާތުގެ ތަޖުރިބާކާރުންގެ ލަފާ ވެސް މިހާރު ހޯދާފައިވާ ކަމަށާއި އެފަދަ ގޮތަށް ޒަހަމްވެގެން މީހުން މަރުވުމަކީ އާދަޔާ ހިލާފު ކަމެއް ނޫން ކަމަށް އެ ބޭފުޅުން ވެސް ވިދާޅުވެފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.
ނަމަވެސް ޒަކިއްޔާ އަމިއްލައަށް މަރުވީ ނޫން ކަމަށާއި މަރާލީ ކަމަށް އާއިލާގެ ބައެއް މީހުންނާއި ރަށުގެ ގިނަ ބަޔަކު ތުހުމަތުކުރާއިރު، އިންސާފު ހޯދުމަށް ހޮޅުދޫގައި ދޭތެރެ ދޭތެރެއިން މުޒާހަރާ ވެސް ކުރަމުން ގެންދެއެވެ.