
ވަޒީފާދީފައި ވަނީ ކުރީގެ ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުއްހަކީމާއި ކުރެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްގަނީ އަބްދުއްހަކީމަށެވެ.
މި ދެ މެމްބަރުންނަކީ އެމްޑީޕީގެ ވެރިކަން ވެއްޓުުމުން ވެރިކަމަށް އައި ޕީއެންސީއަށް ގުޅުނު އެމްޑީޕީގެ 13 މެމްބަރުންގެ ތެރޭގައި ހިމެނުނު މެމްބަރުންނެވެ.
ޝަހީމް އައްޔަންކުރީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ ފެސިލިޓީ އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓްގެ ޖެނެރަލް މެނޭޖަރަކަށެވެ. އޭނާގެ މުސާރައަކީ 40،000 ރުފިޔާއެވެ. ގަނީ އައްޔަންކުރީ އެގްރޯނެޓްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށެވެ. އޭނާގެ މުސާރައަކީވެސް 40،000 ރުފިޔާއެވެ.
އެގްރޯނެޓަކީ މިދިޔަ އެމްޑީޕީ ސަރުކާރުގައި ރާއްޖޭގެ ދަނޑުވެރިކަން ފުޅާކުރަން އުފެއްދި ކުންފުންޏެކެވެ. މި ސަރުކާރު ވެރިކަމަށް އައިސް ހަރަދު ކުޑަކުރުމަށް އެޅި ފިޔަވަޅުތަކުގެ ތެރެއިން އެގްރޯނެޓް އުވާލަން ނިންމިއެވެ. އެހެންނަމަވެސް މިދިޔަ މަހުގެ 11 ވަނދުވަހު ވަނީ އެ ނިންމުން ބަދަލުކޮށް އެގްރޯނެޓް އުވާނުލާން ސަރުކާރުން ނިންމާފައެވެ.