
މި ހިނގާލުން ފެށޭނީ މާދަމާ ރޭ 8:00 ގައި މަޖީދީމަގު ސޯޝަލް ސެންޓަރު ކުރިމަތިން ކަމަށާއި، ނިމިގެންދާނީ އާޓިފިޝަލް ބީޗް ސަރަހައްދަށެވެ.
ޔޫތު ފޯ ޔުނިޓީއާއި އެހެނިހެން ޖަމިއްޔާތަކާއި ދީނީ އިލްމުވެރިންނާއި އަދި ދީނީ އެކި ހަރަކާތްތައް ހިންގާ ފަރުދުން ގުޅިގެން ބާއްވާ މި ހިނގާލުމުގައި ފަލަސްޠީނުގެ މުސްލިމުންގެ ހައްގުގައި ދިވެހިރާއްޖެއަށް އެޅިދާނެ އިތުރު ފިޔަވަޅުތައް އަޅައިދިނުމަށް ސަރުކާރަށް ގޮވާލާނެ ކަމަށްވެސް އެފަރާތްތަކުން މައުލޫމާތު ދީފައިވެއެވެ. އަދި އާޓިފިޝަލް ބީޗް ސަރަހައްދުގައި ޝުއޫރު ފާޅުކުރުމުގެ ގޮތުން އިތުރު ހަރަކާތްތަކެއްވެސް ކުރިއަށްދާނެ ކަމަށް ބުނެފައިވެއެވެ.
މި ހިނގާލުމުގައި ބޭނުންކުރާނެ ޓީޝާޓު އަދި ސްކާފް ފަދަ ތަކެތި މިހާރުވެސް ރާޅުގަނޑު ސަރަހައްދުން ލިބެން ހުންނާނެ ކަމަށް ޔޫތު ފޯ ޔުނިޓީން ބުނެފައިވެއެވެ. ފާހަގަކޮށްލެވޭ ކަމަކީ، މިދިޔަ އަންގާރަ ދުވަހު އިޒްރޭލް ޕާސްޕޯޓުގައި ރާއްޖެ އެތެރެ ނުވެވޭގޮތަށް އިމިގްރޭޝަންގެ ގާނޫނަށް ގެނެވުނު އިސްލާހަށް ރައީސް މުހައްމަދު މުއިއްޒު ވަނީ ވަގުތުން ތަސްދީގު ކުރައްވާފައެވެ. މުޅި ދުނިޔޭގެ އެކި ހިސާބުތަކުގައި އިޒްރޭލުގެ އަނިޔާވެރިކަމާ ދެކޮޅަށް އެއްވުންތައް ބޭއްވުން އިތުރުވެފައިވާ މި ދަނޑިވަޅުގައި، މާލޭގައި ބާއްވާ މި ހިނގާލުމުގައި ވީހާވެސް ގިނަ ދިވެހިން ބައިވެރިވާނެކަމަށް އުންމީދުކުރެވެއެވެ.