
މި ޕްލެނެޓްއަކީ ދުނިޔެއާ 120-124 ލައިޓް އިޔާ ދުރުގައި އޮތް ޕްލެނެޓެކެވެ. ސައިންޓިސްޓުން ބުނާ ގޮތުގައި މި ފެނުނު ޕްލެނެޓް ޖައްވުގައި ޑައިމެތައިލް ސަލްފައިޑް (ޑީއެމްއެސް) އަދި ޑައިމެތައިލް ޑައިސަލްފައިޑް (ޑީއެމްޑީއެސް) ހުރިކަން ފާހަގަކުރެވިފައިވެއެވެ. މި ގޭސްތައް އުފެދޭނީ ހަމައެކަނި ދިރުން ހުރި ތަކެތިން ނެވެ. ހާއްސަކޮށް ކަނޑުގެ ދިރުންތަކުންނެވެ.
ކޭ2-18ބީ އަކީ ދުނިޔެއަށްވުރެ އެތަށްގުނައެއް ބުޑު ޕްލެނެޓެކެވެ. ދުނިޔޭގެ މިންވަރަށް ބަލާއިރު މީގެ ބަރުދަނަކީ ދުނިޔޭގެ 8.6 ގުނަ އަދި ސައިޒަކީ ދުނިޔޭގެ 2.6 ގުނަ ކަމަށް ސައިންޓިސްޓުން ބުނެއެވެ. މި ޕްލެނެޓް ވަނީ ރެޑް ޑްވާފް ތަރިއެއްގެ ވަށައިގެން ދައުރުވާ ގޮތަށް ހެބިޓަބަލް ޒޯންގައި ހިމެނޭ ކަމަށާއި، އެއީ ދިޔާ ފެން ހުރުމުގެ ފުރުސަތު އޮތް ސަރަހައްދެއް ކަމަށް ވެސް ސައިންޓިސްޓުން ބުނެއެވެ. ސައިންޓިސްޓުންގެ ހައިޕޮތެސިސްއަކީ މިއީ "ދުނިޔެ ފަދަ ޕްލެނެޓެ" ކެވެ. ހައިޑްރޮޖަން ގިނަ ޖައްވަކާއި ފުޅާ ކަނޑުތަކެއް ހުރުމުގެ ފުރުސަތު އޮތް ޕްލެނެޓެކެވެ.
ނަމަވެސް މި ޕްލެނެޓް ހޯދި ސައިންޓިސްޓުންނާއި ހިޔާލު ތަފާތު ބަޔަކު ވެސް އެބަތިއްބެވެ. އޮކްސްފޯޑްގެ ރޭމަންޑް ޕިއެރެހަމްބާޓް ފަދަ ބައެއް ސައިންޓިސްޓުން ބުނާ ގޮތުގައި ކޭ2-18ބީ ގައި ދިރިއުޅެވޭ ފަދަ ކަނޑުތަކެއް ހުރުމަށް ފުރުސަތު އޮތުމަށްވުރެ މާ ހޫނެވެ. އަދި އެ ޕްލެނެޓުގައި ލާވާ ހުރުމުގެ ފުރުސަތު އެބައޮތެވެ. އިތުރު ދިރާސާތައް ކުރުމަށްފަހު އަހަރެއް ނުވަތަ ދެ އަހަރުގެ ތެރޭގައި ވެބް ޓެލެސްކޯޕުން އިތުރު މައުލޫމާތު ލިބޭނެ ކަމަށް ސައިންޓިސްޓުން އުންމީދުކުރެއެވެ.