
މި މުބާރާތަކީ ރާއްޖޭގައި މިހާތަނަށް ބާއްވަން ހަމަޖެހިފައިވާ އެންމެ ބޮޑު އެއް އީ-ސްޕޯޓްސް މުބާރާތް ކަމަށްވާއިރު، ރާއްޖޭގެ ކޮންމެ ހިސާބެއްގައި ތިބި ގޭމަރުންނަށް ވެސް ބައިވެރިވެވޭގޮތަށް އޮންލައިން ފޯމެޓަށް މި މުބާރާތް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.
ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އިން އިންތިޒާމްކޮށްގެން ބާއްވާ މި މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ ތެރެއިން ޑީއެމްޖީސީއަށް ކޮލިފައިވާނީ އެންމެ މޮޅު 8 ޓީމެވެ. މި މުބާރާތުގައި ވަނަތަކަށް ދާ ޓީމުތަކަށް ޖުމްލަ 15،000 ރުފިޔާގެ ފައިސާގެ އިނާމް ވަނީ ކަނޑައަޅާފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ އެއް ވަނަ އަށް ދާ ޓީމަށް 7،000 ރުފިޔާ، ދެ ވަނަ އަށް ދާ ޓީމަށް 5،000 ރުފިޔާ، އަދި ތިން ވަނަ އަށް ދާ ޓީމަށް 3،000 ރުފިޔާ އެވެ.
ޑީއެމްޖީސީއަކީ ދިވެހިރާއްޖޭގައި ތިބި އެންމެ ހުނަރުވެރި ގޭމަރުން އެއްތަނަކުން ފެނިގެންދާނެ ގޮތަށް ޕަބްޖީ، ރޮކެޓް ލީގް އަދި އެފްސީ 25 ގޭމްތައް ހިމަނައިގެން ކުރިއަށްގެންދާ ޗެމްޕިއަންޝިޕެކެވެ. މޮބައިލް ލެޖެންޑްސް ކޮލިފަޔާސްއަކީ ޑީއެމްޖީސީއާ ހަމައަށް ދިއުމަށް ހުޅުވާލާ ފުރަތަމަ މުބާރާތެވެ. ޑީޖީޖީ އިން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އީ-ސްޕޯޓްސް ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ކޮށް އެކި މުބާރާތްތައް ބާއްވަމުންނެވެ.