
މިނިސްޓްރީން ވަނީ "ސްކޫލްތަކުން ފާހަގަކުރާ ރަސްމިއްޔާތުތަކަށް ޝަރަފުވެރި މެހެމާނުން ހަމަޖެއްސުން" މި ނަމުގައި ސާކިއުލާއެއް ވަނީ ނެރެފައެވެ.
މި ސާކިއުލާގައި ވާ ގޮތުން ސްކޫލް ފެންވަރުގައި ފާހަގަކުރާ އަހަރީ ދުވަހުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާނީ އެ ސްކޫލެއްގެ ޕްރިންސިޕަލް ނޫނީ މިނިސްޓްރީއާއެކު މަޝްވަރާކޮށް ކަނޑައަޅާ ފަރާތެއްކަމަށް މިނިސްޓްރީން ބުނެއެވެ.
މީގެ އިތުރުން ސްކޫލްގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާ، ސްކޫލްގެ އަހަރީ ދުވަސްތަކުގެ ތެރެއިން މުޖުތަމައުގެ ބައިވެރިވުމާއެކު މިނިސްޓްރީން ރަސްމީކޮށް ފާހަގަކުރާ އަހަރީ ދުވަސްތަކުގެ ގޮތުގައި ކަނޑައޅާފައިވާ އަހަރުތައް ފާހަގަކުރާ ރަސްމިއްޔާތު ޝަރަފުވެރިކޮށްދޭންވާނީ މިނިސްޓްރީން ކަނޑައަޅާ ފަރާތެއްކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.
މިނިސްޓްރީން ބުނީ ސްކޫލްތަކުން ބާއްވާ ރަސްމިއްޔާތުތައް ޝަރަފުވެރި ކުރުމަށް ހަމަޖައްސާ މީހަކީ މުޖުތަމައު ގަބޫލުކުރާ އަދި އަހުލާގީ ގޮތުން ދަރިވަރުންނަށް ނަމޫނާ މީހަކަށް ވާންޖެހެއެވެ.
އެ މީހަކީ އެއްވެސް ބާވަތެއްގެ ޖިނާއީ ކުށެއްގެ ތުހުމަތެއް ކުރެވިފައިވާ މީހެއް ކަމުގައި ނުވުމާއި، އެފަދަ ކުށެއްގެ ތަހުގީގެއް ވެސް ކުރެވެމުންދާ މީހަކަށް ވެގެން ނުވާނެ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ. އަދި ކުޑަ ކުއްޖަކަށް އެއްވެސް ބާވަތެއްގެ ގޯނާއެއް ކުރިކަމުގެ ކުށެއް ސާބިތުވެ، އެފަދަ ކުށެއްގެ ރެކޯޑެއް އޮތް މީހަކުކަމުގައި ވެގެން ނުވާނެކަމަށްވެސް މިނިސްޓްރީން ބުނެއެވެ.
މީގެއިތުރުން ޖިނާއީ ކުށެއްގެ ސަބަބުން ހުކުމެއް ތަންފީޒުކޮށްފައިވާ މީހަކުނަމަ އެ މީހާއަކީ އެ ހުކުމް ތަންފީޒުކުރިތާ 10 އަހަރުވެފައިވާ މީހަކަށް ވާންޖެހޭނެކަމަށްވެސް މިނިސްޓްރީން ބުނެއެވެ.