
ސްކޫލަކަށް ވަދެ ޓީޗަރުންނަށް ބިރު ދެއްކިކަމުގެ ތުހުމަތުގައި ދައުވާކޮށްފައިވަނީ މއ. ކަނޑޫގެ، އަލީ އަހްމަދުގެ މައްޗަށެވެ. ސްކޫލަކަށްވަދެ އޭނާ ބިރު ދެއްކި މައްސަލަ ފެންމަތިވީ މިދިޔަ އަހަރުގެ ތެރޭގައެވެ.
ދެ މަހެއްހާ ދުވަހު ބަންދުކޮށްފައި ބެހެއްޓުމަށް ފަހު އޭނާ މިހާރުވަނީ ދޫކޮށްލާފައެވެ. ސްކޫލަކަށް ވަދެ ޓީޗަރުންނަށް ބިރު ދެއްކިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައި އަދި މިހާރު އެ މައްސަލައިގައި ދައުވާ އުފުލާފައިވާއިރު، މިކަމުގައި އެޑިއުކޭޝަން މިނިސްޓްރީން އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ.
މި މައްސަލައާއި ގުޅިގެން ފަސް ދައުވާއެއް އޭނާގެ މައްޗަށް އުފުލި ކަމަށްވަނީ މައުލޫމާތު ލިބިފައެވެ. މި މައްސަލަތަކުގެ ޝަރީއަތެއް މި ހަފްތާ ތެރޭގައި ކުރިއަށް ގެންދިޔުމަށް ތާވަލުވެސް ކުރިއެވެ.
މި މައްސަލައިގައި ދައުވާކޮށްފައިވާ އަލީ އަހްމަދުގެ ބަންދު އަމުރު ރިޕޯޓުން އެނގޭ ގޮތުގައި އޭނާ ސްކޫލަކަށް ވަދެ، އަޑު ގަދަކޮށް ޓީޗަރުންނަށް ބިރު ދެއްކި ކަމަށް އެ ސްކޫލުގެ މުވައްޒަފުން ބުނެފައިވެ އެވެ. އެހެންނަމަވެސް އެއީ ކޮން ސްކޫލެއް ކަމެއް އެނގިފައެއް ނުވެ އެވެ. މި މައްސަލައިގައި ކޯޓުގައި އަލީ އަހްމަދު ވަނީ އޭނާ ކުރިކަމެއް ކަމަށް އިއުތިރާފުވެސް ވެފަ އެވެ.
ދައުލަތުން އަލީ އަހްމަދުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި، އެނގިހުރެ ހުއްދަ ނޫންތަނަކަށް ވަނުމުގެ ކުށުގެ ދައުވާއާއި، އާއްމުތަނެއްގައި ހުރި މީހަކު، އެ މީހެއްގެ އަމަލެއްގެ ސަބަބުން އެހެން މީހަކަށް ގޯނާވާނެކަން ނުވަތަ ބިރު ހީވާނެކަން އެނގިހުރެ މާރާމާރީ ހިންގައި ތަޅާފޮޅައި ހަރުކަށިކޮށް ނުވަތަ ބިރު އުފެދޭ ގޮތޮށް އުޅުން، އަދި އަޑުގަދަ ކުރުން އަދި ގާނޫނު ހިންގުމަށް ހުރަސް އެޅުމުގެ ދައުވާ ހިމެނެއެވެ.
އަލީ އަހްމަދަކީ މީގެ ކުރިންވެސް ކުށުގެ ރެކޯޑްތައް އޮންނަ މީހެކެވެ. ބަންދު އަމުރު ރިޕޯޓުގައިވެސް އެކަން ފާހަގަކޮށްފައިވެ އެވެ. ރިޕޯޓްތަކުން އެނގޭ ގޮތުގައި 2020 ވަނަ އަހަރުގެ ތެރޭގައި ރާއްޖެއަށް 72 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި ދައުލަތުން ދައުވާ އުފުލި މީހުންގެ ތެރޭގައިވެސް އޭނާ ހިމެނެ އެވެ. އެ ފަހަރު އޭނާގެ މައްޗަށް އުފުލާފައިވަނީ ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ އެވެ.