
މި މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 17 ވަނަ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ.
މި މަގާމުގެ މުސާރައަކީ މަހަކު 21،884 ރުފިޔާ ކަމަށް ވާއިރު، އެލެވަންސްގެ ގޮތުގައި 12،534 ރުފިޔާ ދެވޭނެއެވެ. އަދި ހާޒިރީ އެލެވަންސްގެ ގޮތުގައި ހާޒިރުވާ ކޮންމެ ދުވަހަކަށް 339 ރުފިޔާ ލިބޭނެއެވެ. ޑިރެކްޓާ ޖެނެރަލްގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި އެމްބީއެސްގެ މެންޑޭޓް ތަންފީޒުކުރުމަށް ބޭނުންވާ ކަންތައްތައް މިނިސްޓްރީގެ ސިޔާސަތާއި ޕްރޮސީޖާތަކާ އެއްގޮތަށް ހިންގައި ބެލެހެއްޓުން ހިމެނެއެވެ.
އެމްބީއެސްގެ މަސައްކަތް އިތުރަށް ހަރުދަނާކޮށް ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އިދާރީ އާ މެނޭޖްމަންޓެއްގެ ބޭނުންތެރިކަން ބޮޑުވެފައިވާކަމަށް އެ ހިދުމަތްބޭނުންކުރާ މީހުން ވަނީ ބުނެފައެވެ. އެކަން އަވަސްކުރުމަށްޓަކައި މިހާރު ވަނީ ސިވިލް ސާވިސްގެ އެހެން އިދާރާއެއްގައި މަސައްކަތް ކުރަމުންދިޔަ ޑިރެކްޓާ ޖެނެރަލެއް ވަގުތީގޮތުން ހަމަޖައްސާފައެވެ. ނަމަވެސް ތެލެސީމިއާ ގާނޫނުގައި ބުނާ ފަދައިން އެމްބީއެސްއަށް ފަންނީ ޑިރެކްޓާ ޖެނެރަލެއް ހަމަޖައްސަންޖެހެއެވެ.
މި އިއުލާން ކޮށްފައިވަނީ އެމްބީއެސްއާ ގުޅޭގޮތުން އެކި މައްސަލަތައް ހުރިކަމަށް ބުނެ ތެލެސީމިއާ ކުދިންގެ މައިންބަފައިން މުޒާހަރާކޮށްފައިވަނިކޮށެވެ. އެ މައްސަލަތަކުގެ ތެރޭގައި ކޮންމެހެން ހުންނަންޖެހޭ ބޭސް ނެތުމާއި ލޭ އިހުމާލުން އުކާލަންޖެހުން އަދި ބަންދު ދުވަސްތަކުގައި އެމްބީއެސް ބަންދުކުރާ މައްސަލަ ހިމެނޭކަމަށް ވަނީ ފާހަގަކޮށްފައެވެ. ނަމަވެސް އެތަނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޒިޔާރަތް ކުރައްވައި ވަނީ އެމްބީއެސްގެ ހިދުމަތްތައް ހަރުދަނާކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.