
ހުޅުމާލޭން އަތުލައިގަތް ރާފުޅިތައް
ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ ރާފުޅިތަކަކާއެކު ދެމީހަކު ހައްޔަރު
ގުފްތަގް އަޖީރު
10 އޭޕްރީލް 2025 - 00:07:38
ހުޅުމާލޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ރާ ކަމަށް ޝައްކުކުރެވޭ 54 ފުޅިއާއެކު ސްރީލަންކާއަށް ނިސްބަތްވާ ދެމީހަކު ހައްޔަރުކޮށްފިއެވެ.
މިއޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ މިރޭ 21:55 ހާއިރުއެވެ. ފުލުހުން ބުނީ މި އޮޕަރޭޝަނުގައި ދުއްވާފައި ދިޔަ އުޅަނދެއް ބަލާ ފާސްކޮށް، ރާ ކަމަށް ޝައްކުކުރެވޭ ފުޅިތައް އަތުލާފައިވާ ކަމަށެވެ.
ފުލުހުން ބުނީ މި އޮޕަރޭޝަނުގައި ހައްޔަރުކުރި ދެމީހުންނަކީވެސް ސްރީލަންކާއަށް ނިސްބަތްވާ ފަރާތްތަކެއް ކަމަށެވެ. އަދި ރާ ފުޅިތައް ފެނުނު އުޅަނދު މިހާރު ވަނީ ޓޯވްކޮށްފައި ކަމަށްވެސް ފުލުހުންގެ ފަރާތުން މައުލޫމާތު ދީފައިވެއެވެ.
މިމައްސަލަ އިތުރަށް ތަހުގީގުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށްވެސް ފުލުހުން ބުންޏެވެ. ރާއްޖޭގައި މަސްތުވާ ތަކެތި އެތެރެކުރުމާއި، މަނާ ތަކެތި ގެންގުޅުމުގެ މައްސަލަތައް ގިނަވަމުން އަންނައިރު، ފުލުހުން ގަވާއިދުން މިފަދަ އޮޕަރޭޝަންތައް ކުރިއަށް ގެންދެއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް