
ރާއްޖޭގައި އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕް ބޭނުންކުރުން މަނާކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވީ މިދިޔަ އޮކްޓޫބަރު މަހުގެ 14 ވަނަ ދުވަހު އެވެ. މި ނިންމެވުމާ ގުޅިގެން ގާނޫނަށް ގެނެވުނު އިސްލާހު ތަންފީޒުކުރަން ފެށީ ނޮވެންބަރު 15 ގައެވެ.
ފުލުހުން ބުނީ މިދިޔަ ރޯދަމަހު ވޭފް ބޭނުންކޮށްގެން ޖުމުލަ 27 މީހަކު ޖޫރިމަނާކޮށްފައިވާކަމަށެވެ. އަދި އެ އެންމެންގެ ޖޫރިމަނާގެ ޖުމްލަ އަދަދު 123،000 ރުފިޔާއަށް އަރާކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ އޭގެތެރޭގައި ހިމެނެނީ ވޭޕު ބޭނުންކޮށްގެން ޖޫރިމަނާކުރި މީހުންނާއި ވޭޕު ގެންގުޅެގެން ޖޫރިމަނާކުރި މީހުންކަމަށެވެ. އެގޮތުން ވޭޮޕް ބޭނުންކޮށްގެން ޖޫރިމަނާކުރި އަދަދު 82،000 ރުފިޔާއަށް އަރައެވެ. އަދި ވޭޕު ގެންގުޅެގެން ކުރި ޖޫރިމަނާއަށް 41،000 ރުފިޔާ ލިބިފައިވާކަމަށް ފުލުހުން ބުނެ އެވެ.
ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ގާނޫނުގެ ދަށުން ރާއްޖެއަށް ވޭޕްގެ ބާވަތްތައް އެތެރެކޮށްފިނަމަ 50،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ވޭޕް ވިއްކުމުގެ މައްސަލަތަކުގައި 20،000 ރުފިޔާއިން ޖޫރިމަނާ ކުރުމާއެކު، ވިއްކި ކޮންމެ އެއްޗަކަށް 10،000 ރުފިޔާގެ މަގުން ޖޫރިމަނާ ކުރެވޭނެ އެވެ.
ދާދީ ފަހުން ރާއްޖެ އައި ބަޔަކު ލަގޭޖްގައި ގިނަ އަދަދެއްގެ ވޭޕް ފޮރުވައިގެން ވައްދަން އުޅެނިކޮށް ވަނީ އަތުލައިގެންފަ އެވެ.