
ރައީސް މިހެން ވިދާޅުވީ "ރައްޔިތުންނާ އެކު" ޕޮޑްކާސްޓްގައި އެމަނިކުފާނުގެ ދަތުރުފުޅުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ އޯގަސްޓް މަހުގެ ނިޔަލަށް ދަތުރުތައް ނިންމަވާލެއްވުމަށް މިހާރު ތައްޔާރީތައް ނިމިފައިވާ ކަމަށެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގަންނަވާނެކަމަށް ރައީސް މުއިއްޒު ވަނީ ވައުދުވެވަޑައިގެންފައެވެ. އަދި އެމަނިކުފާނުގެ ދައުރުގެ ތެރޭގައި ކޮންމެ ރަށަކަށް މަދުވެގެން ދެ ފަހަރު ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާނެކަމަށްވެސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ރޯދަ މަހާ ގުޅިގެން ދަތުރުފުޅުތައް މެދުކަނޑާލެއްވި ނަމަވެސް، މެއި މަހުން ފެށިގެން އަލުން ދަތުރުފުޅުތައް ފައްޓަވާނެ ކަމަށެވެ.
ރައީސް މުއިއްޒު ވިދާޅުވީ ދެން އެންމެ އަވަހަށް ދަތުރުފުޅު ފައްޓަވާނީ މ. މުލިން ކަމަށާއި، އެ ދަތުރުފުޅުގެ ތެރެއިން އެ ރަށުގެ އެއަރޕޯޓް ހުޅުއްވައިދެއްވާނެ ކަމަށެވެ. އަދި ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުފުޅުތަކެއްވެސް ހުންނާނެކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން، ރައްޔިތުންނާ މައުލޫމާތު ހިއްސާކުރެއްވުމަށް ފައްޓަވާފައިވާ "ރައްޔިތުންނާ އެކު" ޕޮޑްކާސްޓް ދަތުރުފުޅުތައް ކުރިއަށްދިޔަ ނަމަވެސް ކުރިއަށްގެންދަވާނެކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.