
ރައީސް މިހެން ވިދާޅުވީ "ރައްޔިތުންނާއެކު" ސިލްސިލާ ޕޮޑްކާސްޓްގެ ތިންވަނަ އެޕިސޯޑްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ސަރުކާރުގެ ސްކޮލަޝިޕް ސްކީމްތަކުގައި ރާއްޖެއިން ބޭރުގައި ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންގެ ޓިއުޝަން ފީއާއި ސްޓައިޕެންޑު ފައިސާ ދޫނުކޮށް ހުރިނަމަ އެ ފައިސާ ދޫކުރުމަށް ފިނޭންސް މިނިސްޓްރީއަށް އަންގާފައިވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ ހަޔާ އެޑިއުކޭޝަނާއި ފިނޭންސް މިނިސްޓްރީއާ ދެމެދު ކޮމިއުނިކޭޝަން ރަނގަޅުކުރުމަށް ފިނޭންސް މިނިސްޓްރީގައި ޔަގީންކޮށްފައިވާ ކަމަށެވެ. އަދި ތެލާއި ކާޑަށް ފައިސާ ދެއްކުމަށްވުރެ އިސްކަންދޭނީ ލޯނު ނުވަތަ ސްކޮލަޝިޕްތަކުގައި ކިޔަވާ ދަރިވަރުންގެ ޕޭމަންޓްތަކަށް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ލޯނު ސްކީމުގައި ކިޔަވާ ދަރިވަރުންނަށް ބޭންކު ރޭޓުގައި ޑޮލަރު ލިބޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށް ވެސް ރައީސް ވިދާޅުވެފައިވެއެވެ.
ރާއްޖެއިން ބޭރުގައި ލޯނު ސްކީމާއި ސްކޮލަޝިޕް ޕްރޮގްރާމްތަކުގެ ދަށުން ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށް ފޯރުކޮށްދޭންޖެހޭ މާލީ އެހީތެރިކަން ގަވާއިދުން ފޯރުކޮށްދިނުމަށް ސަރުކާރުން ހާއްސަ ސަމާލުކަމެއް ދެއްވާ ކަމަށް ރައީސް ވިދާޅުވިއެވެ. މިވަގުތު ރާއްޖެއިން ބޭރުގައި ލޯނު ސްކީމުގެ ދަށުން 1600 އަށްވުރެ ގިނަ ދިވެހި ދަރިވަރުން މަތީ ތައުލީމު ހާސިލުކުރަމުންދާ ކަމަށް ވެސް ރައީސް ފާހަގަކުރެއްވިއެވެ. ރައްޔިތުންގެ އަޑުއައްސަވައި، ރައްޔިތުންނާ ގާތުން، ރައްޔިތުންގެ މަޝްވަރާއާއެކު ސަރުކާރު ހިންގެވުމަކީ ރައީސުލްޖުމްހޫރިއްޔާ އެންމެ އިސްކަންދެއްވާ އެއް ސިޔާސަތު ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.