
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މަޖީދިއްޔާ ސްކޫލުގެ އަހަރީ ދުވަހު އާ އިމާރާތް އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރާނެ ކަމަށެވެ. މިކަން އެމަނިކުފާނު ހާމަކުރެއްވީ "ރައްޔިތުންނާއެކު" ސިލްސިލާ ޕޮޑްކާސްޓްގެ 3 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވިދާޅުވިގޮތުގައި މަޖީދިއްޔާ ސްކޫލުގެ އިތުރު 40 ކްލާސް ރޫމްގެ އިމާރާތެއް ކުރިން ދަރުމަވަންތަ ސްކޫލް ހުރި ތަނުގައި އެޅުމަށް ހަމަޖެހިފައިވެއެވެ. އަދި އޭގެ ތެރެއިން ބައެއް ކްލާސްތައް ވާނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ގާއިމުކުރާ ސްމާޓް ކުލާސްތަކަށެވެ. މީގެ އިތުރުން ދާރުލް އުލޫމާއި ކުރިބޯށި އިމާރާތް ނެޝަނަލް އެޑިއުކޭޝަން މިއުޒިއަމެއްގެ ގޮތުގައި ތަރައްގީކުރުމަށް ވެސް ނިންމާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
މިގޮތުން 19 އޭޕްރީލް 1927 ގައި ހުޅުވި މަޖީދިއްޔާ ސްކޫލަކީ ރާއްޖޭގައި ހުރި އެންމެ ދުވަސްވީ ސްކޫލެވެ. މަޖީދިއްޔާ ސްކޫލަށް 2027 ވަނަ އަހަރު އޭޕްރީލް 19 ވަނަ ދުވަހު ގަރުނެއް ހަމަވާނެއެވެ. ޕޮޑްކާސްޓްގައި ރައީސް އަރަބިއްޔާ ސްކޫލާ ބެހޭގޮތުން ވެސް ވާހަކަފުޅު ދައްކަވައި، އަންނަ އަހަރުގެ ނިޔަލަށް މަސައްކަތް ނިމި 2027 ވަނަ އަހަރު އަރަބިއްޔާއަށް ދާއިމީ ސްކޫލެއް ހަމަޖެހިގެންދާނެ ކަމަށް ވިދާޅުވިއެވެ.