
ފޮރިން މިނިސްޓްރީން ބުނީ، ޑރ. ހަލީލް ވަޑައިގެންފައިވަނީ އަންތާލިއާ ޑިޕްލޮމަސީ ފޯރަމްގެ ހަތަރުވަނަ އެޑިޝަންގައި ބައިވެރިވެވަޑައިގަތުމަށް ކަމަށެވެ.
"ރީކްލެއިމިންގ ޑިޕްލޮމަސީ އިން އަ ފްރެގްމެންޓެޑް ވޯލްޑް" ޝިއާރުގެ ދަށުން މި މަހުގެ 11 އިން 13 އަށް ކުރިއަށްދާ މި ފޯރަމް އޮންނާނީ އަންތާލިއާގެ ނެސްޓް ކޮންވެންޝަން ސެންޓަރުގައެވެ. ފޯރަމްގައި "ޖިއޯސްޓްރެޓެޖިކް ޑައިނަމިކްސް އިން ދަ އޭޝިއާ ޕެސިފިކް" ނަމުގައި ބާއްވާ ޕެނަލް ޑިސްކަޝަންގައި ހާރިޖީ މިނިސްޓަރު ޑރ. ހަލީލް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.
ފޮރިން މިނިސްޓްރީން ބުނީ، ފޯރަމްގެ ތެރޭގައި ޑރ. ހަލީލް ރަހުމަތްތެރި ގައުމުތަކުގެ ހާރިޖީ މިނިސްޓަރުންނާ ބައްދަލުކުރައްވާނެ ކަމަށެވެ. އަދި މި ފޯރަމްގައި ބައިވެރިވެވަޑައިގަތުމަކީ ބައިނަލްއަގުވާމީ އަދި ސަރަހައްދީ ގޮންޖެހުންތައް ހައްލުކުރުމަށް ރާއްޖެއިން އަބަދުވެސް މަސައްކަތްކޮށް މަޝްވަރާއާއި އެއްބާރުލުންދޭކަން ހާމަވެގެންދާނެ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.