
މޯލްޑިވިއަނުން ބުނީ މި ދަތުރުތައް ކުރާނީ މި މަހުގެ 27، 29 އަދި 30 ވަނަ ދުވަހު ކަމަށެވެ. މި ދަތުރުތަކަށް ބޭނުންކުރާނީ މޯލްޑިވިއަންގެ ނެރޯބޮޑީ އެއަރބަސް އޭ320 އާއި ވައިޑްބޮޑީ އެއަރބަސް އޭ330 ކަމަށް އެ އެއަރލައިނުން މައުލޫމާތު ދީފައިވެއެވެ.
މޯލްޑިވިއަނުން ބުނީ މީގެ ކުރިންވެސް ރާއްޖެއާއި މެލޭޝިއާއާ ދެމެދު ހާއްސަ އަދި ސީޒަނަލް ދަތުރުތަކެއް ބާއްވާފައިވާ ކަމަށެވެ.
މި ދަތުރުތަކުގެ ސަބަބުން މެލޭޝިއާއަށް ދަތުރުކުރަން ބޭނުންވާ ފަރާތްތަކަށް ފަސޭހަ ފުރުސަތުތަކެއް ފަހިވެގެންދާނެ ކަމަށްވެސް އެ އެއަރލައިނުން މައުލޫމާތު ދީފައިވެއެވެ. މެލޭޝިއާއަކީ މިހާރުވެސް ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުންދާ ގައުމެއް ކަމަށާއި، ތަފާތު އެކި ބޭނުންތަކަށް އެ ގައުމަށް ދަތުރުކުރާ ދިވެހިންގެ އަދަދު ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުން ކަމަށް މޯލްޑިވިއަނުން ބުނެފައިވެއެވެ.
މޯލްޑިވިއަނުން މައުލޫމާތު ދޭ ގޮތުގައި މި ދަތުރުތަކަށް ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. އަދި އިތުރު މައުލޫމާތު ހޯދުމަށާއި ޓިކެޓް ގަތުމަށް މޯލްޑިވިއަންގެ ވެބްސައިޓުން ނުވަތަ 24 ގަޑިއިރު ހިދުމަތްދޭ ކޯލް ސެންޓަރުގެ ނަންބަރު 1671 އަށް ގުޅުމުން ލިބޭނެ ކަމަށް އެއަރލައިނުން ބުނެފައިވެއެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ރާއްޖެއަށް 19000 އަށްވުރެ ގިނަ ޓޫރިސްޓުން މެލޭޝިއާއިން ވަނީ ޒިޔާރަތްކޮށްފައެވެ.