
ތުރުކީގެ ނޫހެއް ކަމަށްވާ އަނަދޯލު އެޖެންސީން އެ ގައުމުގެ ދިފާއީ ވުޒާރާގެ އޮފިޝަލުންނާ ހަވާލާދީ ބުނީ މި މަނަވަރު ރާއްޖެއަށް ހަދިޔާކުރަނީ ދެ ގައުމުގެ ދެމަދުގައި ސޮއިކޮށްފައިވާ އަސްކަރީ އެއްބަސްވުމުގެ ދަށުންކަމަށެވެ. އަދި ރާއްޖެއަށް ހަދިޔާކުރަން ނިންމާފައިވަނީ ޓީސީޖީ ވޯލްކަން، ޕީ-343 މަރުކާގެ މަނަވަރެއް ކަމަށްވެސް ތުރުކީ އަސްކަރިއްޔާއިން ބުނެއެވެ.
މި މަނަވަރު އަންނަ ޖުލައި މަހު ރާއްޖެ އަންނާނެކަަމަށް ތުރުކީން ބުނެއެވެ. އަދި މި މަނަވަރު ބޭނުންކުރުމަށޤ ދިވެހި ސިފައިން ތަމްރީނުވަމުން އަންނަކަމަށާއި މި ތަމްރީނުތައް އަންނަ މަހު 9އެއްގައު ނިމޭނެކަމަށްވެސް ތުރުކީން ވަނީ ބުނެފައެވެ. ދިވެހި ސިފައިން ތަމްރީނުތައް ހަދަމުން އަންނަނީ ތުރުކީގެ ނޭވަލް ފޯސަސް ކޮމާންޑުގައެވެ.
ތުރުކީން ފޮނުވާ މަނަވަރު ބޭނުންކުރަން ދިވެހި ސިފައިން ތަމްރީނު ވަނީ
މި މަނަވަރު ރާއްޖެ ގެނައުމުގެ ކުރިން އިސްތަންބޫލްގައި ހުންނަ އެ ގައުމުގެ ކަނޑުގެ ސިފައިންގެ ބޯޓްޔާޑެއްގައި މަރާމާތު ކުރާނެކަމަށް ވަނީ ބުނެފައެވެ. އަދި ބޯޓު ރާއްޖެ ގެންނާނީ ކަނޑު މަގުން ޑޮކް ލޭންޑިން ބޯޓެއް މެދުވެރިކޮށްކަމަށްވެސް ތުރުކީން ބުނެއެވެ.
މީގެ އިތުރުން އެ މަނަވަރާ އެކު ތުރުކީ ކަނޑުގެ ސިފައިންގެ ޓީމެއް ރާއްޖެ އައިސް އެ ބޯޓުގައި ހިމެނޭ މިސައިލް ނިޒާމާއި އެހެނިހެން ވެސް އަސްކަރީ ނިޒާމްތައް އެކްޓިވޭޓް ކުރުމަށް ހަމަޖެހިފައިވާކަމަށްވެސް ތުރުކީ އަސްކަރިއްޔާއިން ވަނީ ބުނެފައެވެ. އަދި އެއަށްފަހު އެއަށް ފަހު މަނަވަރު ބޭނުން ކުރާނޭ ގޮތުގެ ދެ ހަފްތާގެ ތަމްރީނެއް ދިވެހި ސިފައިންގެ ތެރެއިން ބޯޓަށް ހާއްސަކޮށްފައިވާ ކްރޫއަށް ކުރިއަށް ގެންދާނެކަމަށް ވެސް ތުރުކީން ބުނެއެވެ.