
މިނިސްޓާރު ޒަމީރު މިހެން ވިދާޅުވީ އެއާޕޓް ނިންމަން ސައުދީ ފަންޑުން ދިން ދެވަނަ ލޯނުގެ އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ވެލާނާ އިންޓަނޭޝަލަން އެއާޕޯޓުގެ އާ ޓާމިނަލްގެ މަސައްކަތައް ނިންމުމަށް ސައުދީ ފަންޑުން އިތުރު 17 މިލިއަން ޑޮލަރު (261.8 މިލިއަން ރުފިޔާ) ލޯނެއް ދިނުމުގެ އެއްބަަސްވުމުގައި މިއަދު ވަނީ ސޮއިކޮށްފައެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު ޒަމީރު ވިދާޅުވީ ސައުދީ ފަންޑަކީ ރާއްޖޭގެ ތަރައްގީގައި މުހިއްމު ހިއްސާދާރެއް ކަމަށެވެ. އެގޮތުން ސިއްހީ ދާއިރާ އާއި ހައުސިން އަދި ޑިޒާސްޓާ މެނޭޖްމެންޓްގެ ދާއިރާގައިވެސް ސައުދީ ފަންޑުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ވީއައިއޭގެ ތަރައްގީގެ މަޝްރޫއު ފެށީ ސައުދީ ފަންޑުގެ ބޮޑު އެހީއަކާއެކު ކަންވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ޒަމީރު ވިދާޅުވީ އެއާޕޯޓްގެ މަސައްކަތް ވަރަށް ދިގުލައިގެން ދިޔަކަމަށް ގަބޫލުކުރައްވާކަމަށެވެ. އެހެންނަމަވެސް އަމާޒަކީ ވަރަށް އަވަހަށް ނިންމުންކަމަށް އޭނާ ވިދާޅުވިއެވެ.
ވެލާނާ އެއާޕޯޓް ނިންމަން ސައުދީ ފަންޑުން މި ދިން 63.7 މިލިއަން ސައުދީ ރިޔާލު ލޯނަކީ އާ ޓާމިނަލް ނިންމަން ސައޫދީ ފަންޑުން ދޭ ދެވަނަ ލޯނެވެ. އެގޮތުން މީގެ ކުރިންވެސް އެއާޕޯޓްގެ މަސައްކަތަށް ސައުދީ ފަންޑުން ވަނީ 200 މިލިއަން ޑޮލަރުގެ ލޯނު ދީފައެވެ.
ވެލާނާ އެއާޕޯޓްގެ އާ ޓާމިނަލް
ވެލާނާ އެއާޕޯޓް މަސައްކަތް ނިންމަން ސައުދީގެ އިތުރުންވެސް ބައެއް ގައުމުތަކުން ވަނީ ލޯން ދީފައެވެ.
- އަބޫ ދާބީ ފަންޑުން 90 މިލިއަން ޑޮލަރު
- އޯޕެކް ފަންޑުން 50 މިލިއަން ޑޮލަރު
- ކުވޭތު ފަންޑު: 50 މިލިއަން ޑޮލަރު
- ޗައިނާ އެގްޒިމް ބޭންކުން 373.9 މިލިއަން ޑޮލަރު
ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލްގެ މަސައްކަތް ހަވާލުވީ ސައުދީ ބިންލާދިން ގްރޫޕުންނެވެ. އެ މަސައްކަތް އެ ކުންފުންޏާއި ހަވާލުކުރީ 2016 ވަނަ އަހަރުއެވެ.