ads
ޕްލޮކޯގެ އޮފީސް
ފުލުހުންނަށް ކާންދިނުމުގައި ޕްލޮކޯގެ ކޮރަޕްޝަން މައްސަލައެއް
ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ، (ޕޮލްކޯ) މެދުވެރިކޮށް ފުލުހުންނަށް ކާންދިނުމުގައި ކޮރަޕްޝަންގެ ކަންތައްތަކެއް ހިމެނޭ މައްސަލައެއް މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފެންމަތިކޮށްފިއެވެ.
Advertisement

މައްސަލައަކީ ފުލުހުންނަށް ކާން ދިނުމުގެ ކަންކަން ހަމަޖައްސަން ފިނޭންސް މިނިސްޓްރީން ހުއްދަ ދިން މުއްދަތަށް ވުރެ އިތުރަށް އެ މަސައްކަތް ކުރަން ބަޔަކާ ހަވާލުކުރި މައްސަލައެކެވެ. 

މި މައްސަލަ ފެންމަތިކުރީ މާލިއްޔަތު ކޮމެޓީގައި މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމްއެވެ. ނާޒިމް ވިދާޅުވީ ފުލުހުންނަށް ކާންދިނުމުގެ ކަންކަން ޕޮލްކޯ މެދުވެރިކޮށް ކުރިޔަށް ގެންދިޔުމަށް ފިނޭންސް މިނިސްޓްރީގެ ޓެންޑާ ބޯޑުން ހުއްދަ ދިނީ ފަސް އަހަރަށް ކޮންޓްރެކްޓް ހަދަންކަމަށެވެ. އެހެންނަމަވެސް ޕޮލްކޯއިން އެތަނުގެ އެތެރޭގައި ހަދާފައިވާ ޕޮލްކެޓް ކިޔާ އެހެން ކުންފުންޏަކާ އެ މަސައްކަތް ހަވާލުކުރީ  10 އަހަރުދުވަހަށް ކޮންޓްރެކްޓް ހަދާފައިކަމަށް ނާޒިމް ވިދާޅުވިއެވެ. 

ނާޒިމް ވިދާޅުވީ ޕޮލްކޯއިން ގަސްތުގައި މިގޮތަށް ކަންކޮށްފައިވަނީ ޖެހިގެން އަންނަ ވެރިކަމުގައި އެހެން ބަޔަކަށް މިކަން ބަދަލު ވެދާނެތީކަމަށް ބެލެވޭކަމަށެވެ. 

" 2018ގައި ފިނޭންސުން ހުއްދަ މިދެނީ ފަސް އަހަރަށް ޕޮލްކޯއަށް ކާންދިނުމުގެ ހިދުމަތް ދިނުމުގެ ކަންކަން ކުރަން. އެކަމަކު ފަސް އަހަރަށް ދެއްވި ހުއްދައިގެ ދަށުން 10 އަހަރު ދުވަހަށް އެގްރިމަންޓް ކުރަން ފުލުހުންގެ އޮފިސަރަކު ލިޔުއްވާފައި އޮތް ލިޔުއްވުމެއް މިއީ. ފިނޭންސުން ފަސް އަހަރަށް ހުއްދަ ދެއްވީމާ އޮފިސަރު މިއޮތީ 10 އަހަރު ދުވަހަށް އެގްރިމަންޓް ކުރައްވާށޭ ލިޔުއްވާފައި. މިހިރީ އެއްވެސް ޖެހިލުމެއް ނެތިކޮށްލާފައި ހުރި ކަންކަން،" ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވި މި އެއްބަސްވުމުގެ އަގަކީ އަހަރަކަށް 35 މިލިއަން ރުފިޔާކަމަށެވެ. އެހެންކަމުން 10 އަހަރަށް މުއްދަތު ކޮންޓެރްކްޓް ދިގު ދައްމާލުމުން އެ މަސައްކަތް ހަވާލުކުރި ކުންފުންޏަށް 350 މިލިއަން ރުފިޔާ ލިބޭނެކަން ނާޒިމް ފާހަގަކުރެއްވިއެވެ. 

" އެއް އޮފިސަރަކު އަނެއް އޮފިސަރަކަށް އެންގީމާ، 'ޔެސް، ސާ' ކިޔާފައި މި ކުރަނީ. އެހެން އެންގީމާ ކުރެވޭނެ ކަމެއް ނޫން މިއީކީ. މާލިއްޔަތު ގާނޫނާއި ގަވައިދުގެ ތެރެއިން ވަކި ގޮތަކަށް ހުންނަނީ ކަންކަން ތަރުތީބުވެފައި. އޭގެ ތެރެއިން ދާން ޖެހޭނީ،" ނާޒިމް ވިދާޅުވިއެވެ.

ޕޮލްކޯގެ މައްސަލަތައް މާލިއްޔަތު ކޮމިޓީން ބަލަން ފެށީ، އެ ކޯޕަރޭޓިވުން ހިންގި ބްލޫސް ހައުސިން ސްކީމާ ގުޅިގެން ނެރުނު އޮޑިޓު ރިޕޯޓުގައި ފާހަގަކުރި މައްސަލަތަކާ ގުޅިގެންނެވެ.

އޮޑިޓް އޮފީހުން ނެރުނު ރިޕޯޓްގައި ބުނެފައިވަނީ އެ މަޝްރޫއު ޕޮލްކޯއާ ހަވާލުކުރުމުން އެ މަޝްރޫއަށް ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ހަރަދުވެ އެ ކުންފުންފުނީގެ އެ ކުންފުނީގެ ކޮރަޕްޝަނާއި ނާގާބިލުކަމުގެ ސަބަބުން ދައުލަތަށް 354.7 މިލިއަން ރުފިޔާ ގެއްލުންވެފައިވާކަމަށެވެ. މަޝްރޫއު އޮޑިޓްކުރި ތާރީހުގެ ނިޔަލަށް ޖުމުލަ 1.06 ބިލިއަން ރުފިޔާ ހަރަދުކޮށްފައއިވާކަމަށް އޮޑިޓް ރިޕޯޓްގައި ވަނީ ބުނެފައެވެ.

އޮޑިޓް ރިޕޯޓްގައި ބުނީ މާލީ ވުޒާރާގެ ޓެންޑާ އިވެލުއޭޝަން ބޯޑުން ހޯދި މައުލޫމާތުތަކަށް ބަލާއިރު އާންމު ގޮތެއްގައި ކޮންސްޓްރަކްޝަން މަސައްކަތް ކޮށްދޭ އަމިއްލަ ކުންފުނިތަކުން އަކަފޫޓަކަށް 1،300 ރުފިޔާއާއި 1،500 ރުފިޔާއާ ދެމެދުގެ އަގެއްގައި އެ ފަދަ ކޮންސްޓްރަކްޝަން މަސައްކަތް ކޮށްދޭ ކަމަށެވެ. އެހެންނަމަވެސް ޕޮލްކޯއިން މި މަސައްކަތް ކުރުވާފައިވަނީ އަކަފޫޓަކަށް 1،851 ރުފިޔާއަށް ކަން އޮޑިޓްގައި ވަނީ ފާހަގަކޮށްފައެވެ. 

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް