
މިނިސްޓަރު މިހެން ގޮވާލެއްވީ ސިފައިންގެ ހިދުމަތާ އަލަށް ގުޅުނު އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޑިފެންސް މިނިސްޓަރު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، އެންމެ އިސްކަން ދެއްވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު އޭގެ އެންމެ ފުރިހަމަ މާނައިގައި ހިމާޔަތްކުރެއްވުމަށް ކަމަށެވެ. އަދި މިއީ ސިފައިންގެ ހިދުމަތާ ގުޅެން އެންމެ މުހިންމު ދަނޑިވަޅު ކަމުގައި ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ނިމުނު އަހަރުގެ ތެރޭގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް އެއާ ކޯ އުފައްދަވައި، އަންމޭންޑް އޭރިއަލް ވެހިކަލްސްގެ ހިދުމަތް އިފްތިތާހް ކޮށްދެއްވާފައިވާ ކަން ފާހަގަ ކުރެއްވިއެވެ.
ސިފައިންގެ ހިދުމަތަށް ނުކުންނައިރު، ގާނޫނުއަސާސީއަށާއި، ގާނޫނުތަކަށް ހުރުމަތްތެރިކޮށް ހިތުމަށާއި، ކޯހުގައްޔާއި އަދި ފަހުން ފުރިހަމަ ކުރާނެ ކޯސްތަކުގައި ސިފައިންގެ އުސޫލުތަކުގައި ހިފުމަށް ޑިފެންސް މިނިސްޓަރު ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ. އަދި ގައުމީ ހިދުމަތަށް ގޮވާލެވުނު ކޮންމެ ގަޑިއެއްގައި އިޖާބަދިނުމަށް ފުރާނައަށް ގުރުބާންވެގެންވިޔަސް އެ ގުރުބާންވެސް ވާން ގައުމަށްޓަކައި، ﷲ ގަންދީ ހުވާކޮށްގެން ތިބި ޒުވާނުން، ދިވެހި ގައުމަށްޓަކައި ނުކުތުމަށް ފުރުސަތު ދިން ކަމަށްޓަކައި ކޯސް ފުރިހަމަ ކުރި ފަރާތްތަކުގެ މައިންބަފައިންނަށާއި އާއިލާތަކަށް ޝުކުރު އަދާކުރެއްވިއެވެ. ދިފާއީ ބާރާ އަލަށް ގުޅޭ ފަރާތްތައް ތަމްރީނުކުރުމަށް ހިންގާ، އަސާސީ ތަމްރީނު ކޯސް 115 ދަރިވަރަކު ފުރިހަމަކޮށްފައިވެއެވެ. އެއީ 105 ފިރިހެން ދަރިވަރުންނާއި 10 އަންހެން ދަރިވަރުންނެވެ.