
މެލޭޝިއާގެ މިހާރުގެ ޕްރައިމް މިނިސްޓަރު އަންވަރު އިބްރާހިމަށް ފޮނުއްވި މެސެޖުގައި ރައީސް މުއިއްޒު ވިދާޅުވީ، ބަދާވީގެ ނިޔާއިން ފުން ހިތާމައެއް ލިބިވަޑައިގެންނެވި ކަމަށެވެ.
ރައީސް މުއިއްޒު އޭނާގެ މެސެޖުގައި ފާހަގަކުރެއްވި ގޮތުގައި، މަރުހޫމް ބަދާވީއަކީ އޭނާގެ ހަޔާތުގެ ބޮޑު ބައެއް އާންމު ހިދުމަތަށާއި މެލޭޝިއާގެ ކުރިއެރުމަށް ހާއްސަކުރެއްވި ޝަރަފުވެރި ބޭފުޅެކެވެ. އަދި މެލޭޝިއާގެ އިގުތިސާދީ ކުރިއެރުމަށް ބަދާވީ ކުރެއްވި މަސައްކަތްތަކުގެ އަގު ވަޒަންކުރައްވައި، އޭނާއަކީ ހަމަހަމަކަމާއި ގައުމީ އެއްބައިވަންތަކަމާއި ހެޔޮވެރިކަމެއް ގާއިމުކުރެއްވުމަށް މަސައްކަތްކުރެއްވި ސިޔާސީ ލީޑަރެއް ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.
މަރުހޫމް ބަދާވީއަކީ މެލޭޝިއާގެ 5 ވަނަ ޕްރައިމް މިނިސްޓަރެވެ. އޭނާ ޕްރައިމް މިނިސްޓަރުކަން ކުރެއްވީ 2003 ވަނަ އަހަރުން 2009 ވަނަ އަހަރަށެވެ. ރައީސް މުއިއްޒު އޭނާގެ މެސެޖު ނިންމަވާލެއްވީ، ފުން ހިތާމައިގެ މި ދަނޑިވަޅުގައި މަރުހޫމް ބަދާވީގެ އާއިލާއަށާއި މެލޭޝިއާގެ ސަރުކާރާއި ރައްޔިތުންނަށް ތައުޒިޔާ ވިދާޅުވެ، ހަމްދަރުދީ ފޮނުއްވަމުންނެވެ.