ތުރުކީގައި ދިވެހި އެމްބަސީއެއް ހުޅުވައިފިއެވެ.

Advertisement
ތުރުކީގެ ވެރިރަށް، އަންކާރާގައި ހުންނަ މ އެމްބަސީ ހުޅުއްވައިދެއްވީ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލްއެވެ. އެމްބަސީ ހުޅުވުމުގެ ރަސްމިއްޔާތުގައި ތުރުކީގެ މިނިސްޓަ އޮފް ކަލްޗާ އެންޑް ޓޫރިޒަމް މެހްމެތު ނޫރީ އެރްސޮއި އާއި ރާއްޖެއިން ތުރުކީއަށް ކަނޑައަޅާފައިވާ ހުންނަވާ ސަފީރު ލެފްޓެނަންޓް ޖެނެރަލް ރިޓަޔާޑް އަބްދުއްރަހީމް އަބްދުއްލަތީފް ބައިވެރިވެޑައިގަތެވެ.
މި ރަސްމިއްޔާތުގައި މޯލްޑިވްސް-ތުރުކިއޭ އިންޓާ ޕާލިމެންޓަރީ ފްރެންޑްޝިޕް ގްރޫޕްގެ ޗެއާޕާސަން ޑޮރ އުމްމުގުލޭން އޮޒްތުރްކްއާއި، ތުރުކިޔޭގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އިސްވެރިންނާއި، ވިޔަފާރިވެރިންނާއި، ތުރުކީގެ މީޑިއާތަކުގެ އިތުރުން ، އެމްބަސީގެ މުވައްޒަފުންނާއި އަންކާރާގައި ދިރިއުޅޭ ދިވެހިންވެސް ބައިވެރިވިކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
ތުރުކީގައި ދިވެހި އެމްބަސީ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން
ފޮރިން މިނިސްޓްރީން ބުނީ ތުރުކީގައި އެމްބަސީއެއް ގާއިމުކުރެވުމަކީ ރާއްޖެއާއި ތުރުކީއާ ދެމެދުގައި އޮތް ގުޅުމަށް ލިބުނު ތާރީހީ ކުރިއެރުމެއްކަމަށެވެ. މި އެމްބަސީ މެދުވެރިކޮށް ރާއްޖޭގެ ހާރިޖީ ސިޔާސަތު ތަންފީޒުކުރުމަށާއި ތުރުކީގައި ދިރިއުޅޭ ދިވެހިންނަށް ކޮންސިއުލާ ހިދުމަތް ފޯރުކޮށްދިނުމުގައި އެހީތެރިކަން ލިބޭނެކަމަށް ފޮރިން މިނިސްޓްރީން ބުނެެއެވެ.
އެމްބަސީ ހުޅުވާދެއްވުމަށްފަހު ވާހަކަ ދައްކަވަމުން މިނިސްޓަރު ހަލީލް ވިދާޅުވީ މިއީ ތުރުކީއާ ރާއްޖޭގެ ގުޅުން ބަދަހިވަމުންދާކަމުގެ ހެއްކެއްކަމަށެވެ. އަދި ދެޤައުމުގެ ގުޅުން ބަދަހިކުރުމަށާއި، އިގްތިސާދީ ކުރިއެރުމާއި، ސަގާފީ އަދި ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިކުރުމަށް އެމްބަސީން މުހިންމު ދައުރެއް އަދާކުރާނެކަން މިނިސްޓަރު ހަލީލް ފާހަގަކުރެއްވިއެވެ.