
މި ބިލް ރައީސް ތަސްދީގު ކުރައްވާފައި މިވަނީ މަޖިލީހުން ބިލް ފާސްކުރިތާ މާ ގިނައިރުތަކެއް ނުވަނީސްއެވެ. ބިލު މަޖިލީހުން ފާސް ކުރީ ޖުމުލަ 83 މެންބަރުންގެ ވޯޓާއެކު އެވެ. އެ ބިލާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެ އެވެ.
މި ބިލުގެ ބޭނުމަކީ އިސްރާއީލުން ފަލަސްތީނުގެ ދަރިފަސްކޮޅު ނައްތައިލުމަށް ހިންގަމުންދާ ލާއިންސާނީ އަމަލުތަކާއި ގަތުލުއާންމާ ދެކޮޅަށް ދިވެހިރާއްޖެއިން ފިޔަވަޅުއެޅުމުގެ ގޮތުން، ދިވެހިރާއްޖެއަށް އިސްރާއީލުގެ ޕާސްޕޯޓުގައި އިސްރާއީލުގެ ރައްޔިތުން އެތެރެވުން މަނާކުރުމެވެ.
ސަރުކާރުން ދަނީ ބައިނަލްއަގުވާމީ އެކި މަންސަތަކުގައި ފަލަސްތީނުގެ އުހުއްވަތްތެރި ރައްޔިތުންގެ ހައްގުގައި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އިރުމަތީ ޤުދުސް ހިމެނޭގޮތަށް 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކާ އެއްގޮތްވާ
ގޮތުގެ މަތީން، ފަލަސްޠީނުގައި މިނިވަން ދައުލަތެއް ގާއިމުކުރުމަށާއި އދ.ގެ ފުރިހަމަ މެންބަރުކަން ފަލަސްތީނަށް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ މީގެ ކުރިން ވަނީ ގޮވާލާފައެވެ.