
އެންމެ ފަހުން 4000 ފްލެޓް ލިބޭކަމަށް ކަނޑައެޅި ލިސްޓް ރިވިއުކުރުމަށްފަހު، މިނިސްޓްރީން ނިންމާފައިވަނީ، ފްލެޓްދީފައިވާ މީހުންގެ ތެރެއިން 2180 މީހުން ސްކީމަށް ޝަރުތު ހަމަނުވާކަމަށެވެ.
ހައުސިން އެންޑް ކޮންސްޓްރަކްޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހިމް ނަޒީމް ދައުލަތުގެ މީޑިއާ މެދުވެރިކުރައްވައި ވިދާޅުވީ، ލިސްޓާ ގުޅިގެން އެންމެ ގިނަ ޝަކުވާތަކެއް ހުރީ، މާލޭގައި އުޅެފައިވާ މުއްދަތާ ގުޅިގެންކަމަށެވެ. މި ސްކީމްގެ އުސޫލުގައިވާގޮތަށް، މެދުނުކެނޑި 15 އަހަރު މާލޭގައި ދިރިއުޅެފައިވާކަން ސާބިތުކޮށްދިނުމަށް، 15 އޮކްޓޯބަރު 2007 އިން ފެށިގެން 15 އޮކްޓޯބަރު 2022 އަށް، އެކަމާ ގުޅޭ ތަފްސީލް ޝަކުވާގައި ހިމަނަންޖެހެއެވެ. ނަމަވެސް ފަހުން ގެނައި ބަދަލުގައި ވަނީ ހާއްސަ ހާލަތެއް މެދުވެރިވެގެން 1 އަހަރުގެ މެދުކެނޑުމެއް އައިނަމަވެސް، އެކަން ބަލައިގަތުމަށް ނިންމާފައެވެ.
ފްލެޓް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު މިރޭގެ 12:00 އަށް ހަމަވާނެކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. ސްޓޭޓް މިނިސްޓަރު ނަޒީމް ވިދާޅުވީ، ފޯމުތައް ލިބެމުންދިޔަވަރަކަށް، ފޯމުތައް ރިވިއުކޮށް މަޢުލޫމާތުގެ ސައްހަކަން ދެނެގަތުމުގެ މަސައްކަތްތައް ފަށާފައިވާކަމަށެވެ. ރޯދަމަހުވެސް ވަރަށް ގިނަ ފޯމުތަކުގެ ޝަކުވާތައް ބަލަން ފަށާފައިވާކަމަށާއި، ޓާގެޓަކީ ވީހާވެސް އަވަހަށް ޝަކުވާތައް ބަލާ ނިންމާލުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ޝަކުވާ، ގެދޮރުވެރިން ޕޯޓަލް މެދުވެރިކޮށް އަދި [email protected] އަށް މެއިލުންވެސް ހުށަހެޅޭނެކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.