
މުލީހއި ހަދާފައިވާ އެއާޕޯޠް މިމަހުގެ އެންމެ ފަހު ދުވަހު ނޫނީ އަންނަ މަހުގެ އެއްވަނަ ދުވަހު ހުޅުވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ. އަދި އެ އެއާޕޯޓަށް މިމަހުގެ 25ގައި ޓެސްޓް ފްލައިޓް ޖެއްސަން ނިންމާފައިވާކަމަށް ރީޖަނަލް އެއާޕޯޓްސް އިން ވަނީ ބުނެފައެވެ.
ރީޖަނަލް އެއާޕޯޓުން ވަނީ މުލީ އެއާޕޯޓްގައި ކެފޭ ހިންގާނެ ބަޔަކު ހޯދުމަށް މިހާރު އިއުލާންކޮށްފައެވެ. އެގޮތުން އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 24ގެ ކުރިން ޕްރޮޕޯޒަލް ހުށައެޅުމަށް ރީޖަނަލް އެއާޕޯޓް ވަނީ އެދިފައެވެ.
މ މުލީގައި އެއާޕޯޓް ތަރައްގީކުރަން ނިންމާ އެ މަސައްކަތް ފެށީ މިދިޔަ ވެރިކަމުގައި 2021 ވަނައަހަރުއެވެ. އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިޔަށް ގެންދިޔަ މި މަޝްރޫއުގެ އަގަކީ 221.7 މިލިއަން ރުފިޔާއެވެ.
މި މަޝްރޫއުގެ ދަށުން 14 ހެކްޓަރުގެ ބިން ހިއްކާއި، 1،812 މީޓަރުގެ ސަރަހައްދެއްގައި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކޮށްފައިވެއެވެ. އަދި 1،200 މީޓަރު ދިގު، 30 މީޓަރު ފުޅާ ރަންވޭއެއް ހަދައި، ޓެކްސީވޭއަކާއި އޭޕްރަން ގާއިމުކޮށްފައިވެއެވެ.