
މި މައްސަލައަކީ އެމްޓީސީސީގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމުގެ ގޮތުން ކުރިއަށް ގެންދިޔަ ޓަވަރު އެޅުމުގެ ޕްރޮޖެކްޓާ ގުޅިގެން އެ މަސައްކަތް ހަވާލުކުރި ކުންފުންޏަށް ނާޖާއިޒު ފައިދާ ހޯދައިދިނުމަށް މަސައްކަތް ކޮށްފައިވާ މައްސަލައެކެވެ.
މައްސަލައިގައި ދައުވާ ކުރުމަށް ހުށަހަޅާފައިވަނީ އެމްޓީސީސީގެ ކުރީގެ ސީއީއޯ ހަސަން ޝާހާއި، ޖެނެރަލް މެނޭޖަރު އަދި ޓެންޑާ އިވެލުއޭޝަން ކޮމިޓީގެ މެންބަރެއްގެ މަގާމުގައި އޭރު ހުރި ޝިފާއު އަލީއާއި، ޓެންޑާ އިވެލުއޭޝަން ކޮމިޓީގެ މެންބަރުންގެ މަގާމުގައި އޭރު ތިބި ހުސައިން ޒުހުރީއާއި މުހައްމަދު ނާޒިމާއި، އިސްމާއީލް އަދުހަމް މައްޗެވެ. މި ފަރާތްތަކުން ހުޅުމާލޭގެ 2 ވަނަ ފިޔަވަހީގައި 15 ފަންގިފިލާގެ 2 ޓަވަރު އެޅުމުގެ ޕްރޮޖެކްޓް ބޭރުގެ ކުންފުންޏަކާ ހަވާލުކުރުމުގައި އިވެލުއޭޝަން ކްރައިޓީރިއާއާ ހިލާފަށް ޕޮއިންޓް ދީފައިވާ ކަމަށް އޭސީސީ އިން ބުނެއެވެ.
ފައިސާގެ އިތުރުން ލިބިފައިވާ އެހެނިހެން މާލީ ގެއްލުންތައް ހިސާބުކޮށް، އެ ފައިސާ ހޯދުމަށް އެމްޓީސީސީއަށް އަންގާފައިވާ ކަމަށް އޭސީސީ އިން ބުނެއެވެ. މި މައްސަލައިގައި ދައުވާ ކުރުމަށް ހުށަހަޅާފައިވަނީ ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން މަންފާ ހޯދުމާއި ހޯދައިދިނުމުގެ ކުށުގެ ދައުވާގެ އިތުރުން ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެނޫން ގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާއެވެ. އަދި ޝިފާއު އަލީގެ މައްޗަށް އިތުރު ދައުވާއެއްގެ ގޮތުގައި ކުށެއް ކުރަން އުޅުމުގެ ކުށުގެ ދައުވާވެސް ކުރުމަށް އޭސީސީ އިން ވަނީ ޕީޖީ އޮފީހަށް ފޮނުވާފައެވެ.