
މޭ މަހުގެ 2 އިން 4 ވަނަ ދުވަހު، އަށް މެރީނާ ބޭ ކްރޮސްރޯޑުގައި ބާއްވާ މި މަސް ރޭހުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އެންމެ ވަރުގަދަ އެންގްލަރުން ފެނިގެންދާނެއެވެ. އަދި މި މުބާރާތުގައި ރާއްޖޭގެ ގްލޯބަލް ސްޕޯޓް ފިޝިން އެމްބެސެޑަރ، އަދި، ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ ކުޅިވަރުގެ މަސްވެރިކަމުގެ ތަޖުރިބާކާރެއް ކަމުގައިވާ ފްލައި ނަވާރޯ ފެނިގެންދާނެކަން ފާހަގަކޮށްލެވެއެވެ.
މުނިފޫހިފިލުވުމުގެ ކުލަގަދަ ހަރަކާތްތަކާއެކު ބާއްވާ މި މުބާރާތް ވެގެންދާނީ ރާއްޖޭގައި މި ފެންވަރުގައި ބާއްވާ ތަފާތު ހަރަކާތަކަށެވެ. އަދި، މިއީ ކުޅިވަރުގެ މަސްވެރިކަމަށް ހާއްސަ މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ މަގްބޫލުކަން އިތުރުކުރުމަށް އެހީތެރިވެގެންދާނެ ކަމެކެވެ.
ވިޒިޓް މޯލްޑިވްސް ކްލަބަކީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ރަސްމީ ރިކްރިއޭޝަނަލް ކްލަބެވެ. މި ކަލްބުގެ މަގްސަދަކީ ބައިނަލްއަގުވާމީ ފަރާތްތަކާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ވަރުގަދަކުރުމެވެ. އެހެންކަމުން، ބުރުނު ބޮމަ ވެގެންދާނީ ދެމެހެއްޓެނިވި މެރިން ޓޫރިޒަމްގެ މަންޒިލަކަށް ރާއްޖެ ހެދުމަށް ކުރާ މަސައްކަތްތަކަށް ލިބިގެންދާނެ ކުރިއެރުމަކަށެވެ.
ދިރާގުން ދަނީ ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭގެ ފަތުވެރިކަން ކުރިއެރުވުމަށާއި، ރާއްޖޭގެ ކަނޑުތައް ހިމާއަތްކޮށް، ދެމެހެއްޓިނިވި ފަތުރުވެރިކަމުގެ މަންޒިލަކަށް ހެދުމަށް ކުރިއަށްގެންދާ މި ފަދަ ހަރަކާތްތަކުގެ އެންމެ އިސް ސަފުގައި ބައިވެރިވެ، މި ފަދަ ކަންކަން ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކުންފުންޏެކެވެ.