ads
ކުޅިވަރު ވަޒީރު އަދި ސްޕޯޓްސް ކޮމިޝަނަރު
ރާއްޖޭގެ ފުޓްބޯޅަ އައިސީޔޫގައި، ބައިސްޓޭންޑަރަކަށް ހުންނެވީ ކުޅިވަރު ވަޒީރު!
އާ ސަރުކާރުން ރާއްޖޭގެ ކުޅިވަރުތައް ތަރައްގީކޮށް ކުރިއެރުވުމަށް އެޅުއްވި މުހިންމު އެއް ފިޔަވަޅަކީ ކުޅިވަރަށް ވަކި ވުޒާރާއެއް އުފެއްދުންކަން ގިނަބަޔަކު ޤަބޫލްކުރި އެވެ. ކުރިން ޒުވާނުންގެ ކަންކަމުގެ މެންޑޭޓް ވެސް އޮތް މިނިސްޓްރީ، ކުޅިވަރަށް ހާއްސަކޮށް ވަޒީރުކަން ހަވާލުކުރެއްވީ ވެސް ކުޅިވަރު އެތުލީޓުންނަށް ފުރަތަމަ ސިއްހީ ފަރުވާ ދެއްވުމުގައިވެސް ތަޖުރިބާތަކެއް ހާސިލް ކުރައްވާފައިވާ ފަރާތަކަށެވެ.
Advertisement

ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު މަގާމާއި ހަވަލުވެވަޑައިގެން ހާމަކުރެއްވި މުހިންމު ކަންކަމުގެ ތެރެއިން ފާހަގަވި ދެ ކަމައް ހިއްސާކޮށްލާނަމެވެ. ގައުމީ ކުޅިވަރު އެސޯސިއޭޝަންތައް ހިންގުމުގައި ހުރި ދޯހަޅިކަމާއި، އެސޯސިއޭޝަންތައް ފަހު ނޭވާއަށް އެޅިފައި އޮތް މިންވަރެވެ. ހާއްސަކޮށް ކުޅިވަރު ޤައުމީ އެސޯސިއޭޝަންތަކަގެ އިންތިޙާބަށް ވަޒީރުގެ ހައިސައްޔަތުން އެއްވެސް ނުފޫޒެއް ނުފޯރުވާނެކަމުގެ އުންމީދީ ވާހަކައެވެ.

ކުޅިވަރު ވަޒީރުގެ އެ ކަންބޮޑުވުންތައް ފާހަގަ ކުރެއްވި އިރު އޭރު ބޯމަތިވެފައި އޮތީ ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ އިންތިހާބާއި އެފް.އޭ.އެމްގެ މައްސަލައެވެ. ވަޒީރުގެ އެ ކަންބޮޑުވުންތައް ހާމަކުރެއްވިތާ 10 ދުވަސް ފަހުން ކުރިމަތި ކުރުވީ ކްރިކެޓް ބޯޑްގެ އިންތިހާބެވެ. އަޑު އިވި، ކަން ހިންގަން ވިދާޅުވިގޮތާ ހިލާފަށް ކްރިޓްކެޓް ބޯޑުގެ މެމްބަރު ބައެއް ކްލަބްތަކާއި ގުޅުއްވާއިގެން ވަކި ކެނޑިޑޭޓަކަށް ވޯޓް ހޯއްދެއްވުމުގައި އަމަލީ ގޮތުން މަސައްކަތް ކުރެއްވިކަމުގެ ވާހަކަތަކެއްވެސް އެދުވަސްފަރު ދެކެވުނެވެ.

ކްރިކެޓް ބޯޑުގެ އިންތިހާބަށްފަހު، ކުރިމަތި ލައްވަވަންޖެހި ވަޑައިގަތީ ފުޓްބޯޅަ އެސޯސިއޭޝަންގެ މައްސަލައާއެވެ. މި މައްސަލައަށް އަވަސް ހައްލެއް ގެނެސްދެއްވާ ރާއްޖޭގެ ފުޓްބޯޅަ ކުޅެވޭނެ މާހައުލެއް ވަޒީރު ހޯއްދަވައި ދެއްވާނެކަމުގެ ފޮނި އިންތިޒާރުގައި ފުޓްބޯޅަ އާއިލާ ކެތްތެރިކަމާއި އެކު ތިއްބެވެ. އެފް.އޭ.އެމްއަށް ކުރިމަތިވެފައިވާ މައްސަލައާއި އަދި ރާއްޖޭގެ އެއް ނަންބަރު ކުޅިވަރު ކަމަށްވާ ފުޓްބޯޅަ ވެއްޓިފައިވާ ހާލަތުން އަރައިގަތުމަށް މިނިސްޓަރު ދެއްވާނީ ކޮން ފަރުވާއެއްތޯ، މިއީ ފުޓްބޯޅަ އައިލާއިން އިންތިޒާރުކުރި މުހިންމު އެއްކަމެވެ.

ކުޅިވަރު ވަޒީރަށް އެހީތެރިވުމަށް މިނިސްޓަރު ފެންވަރުގައި ކޮމިޝަރ އޮފް ސްޕޯރޓްސްގެ މަގާމަށް ބޭފުޅަކު އައްޔަނުކޮށްފައިވުމުން ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށްދެއްވުމަށް ކުޅިވަރު ވުޒާރާއިން މީގެކުރިން މަސައްކަތްކޮށްފައިނުވާ މިންވަރަށް، ގާތުން މަސައްކަތްކޮށް ފުރިހަމަ ބެލެނިވެރިއެއްގެ ދައުރު އަދާކޮށް ދެއްވާނެކަމުގެ އުންމީދު އާ ވެގެންދިއައެވެ.

ކުޅިވަރު ވަޒީރު ފުޓްބޯޅައާއި މެދު ގެންގުޅުއްވާ ވިޝަން 

6 މެއި 2024 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ކުޅިވަރާއި ބެހޭ ވަޒީރާ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ފުޓްބޯޅަ ހިމެނޭހެން ކުޅިވަރުތައް ދެމެހެއްޓެނިވި ގޮތުގައި ކުރިއަރުވާނެ ދުރު ރާސްތާ ޕްލޭނެއް،  ބޭރުގެ ތަޖުރިބާކާރުންގެ އެހީގައި އެކުލަވާލަވާލަމުންދާ ވާހަކައެވެ. ކޮންފަދަ އުފާވެރި ވާހަކަ ފުޅެއްތޯއެވެ.

ބޭރުގެ ތަޖުރިބާކާރު ފާމަކުން މިފަދަ ޕްލޭނެއް އެކުލަވާލައްވާއިރު އެއީ ކޮންބައެއްތޯ ސާފުވެފައި އޮތުމަކީވެސް ހަމަ މުހިންމު ކަމެއްކަމަށް ދެކި އެމައޫލޫމާތު ހޯދާލުމަށް ޝައުގުވެރިކަން އުފެދުނެވެ. ގޫގްލްއިން ސާރޗްކޮށްލުމުން އެފާމްގެ ވެބްސައިޓް ފެންނަގޮތެއް ނުވިއެވެ. އެހެން ނަމަވެސް ކުޅިވަރުގެ މާރސްޓަރ ޕްލޭންގެ ކަންކަން ވިލަރެސް ކުރުމަށް ސިޔާސީ ޕާޓީއެއްގެ ކުޅިވަރު މެނިފެސްޓޯ އެކުލަވާލުމުގައިގައި އުޅުއްވާފައިވާކަމަށް ބުނެވޭ ފަރާތެއް ކޮންސަލްޓަންޓެއް ހައިސިއްޔަތުން 45،000 ރުފިޔާގެ މުސާރާގައި އައްޔަނުކޮށްފައިވާތީވެ، ކުޅިވަރުގެ މާރސްޓަރ ޕްލޭނާ މެދުކުރެވުނު އުންމީދު ވަރަށްވެސް ބޮޑެވެ.

އެހެނަސް އެންމެ ފަހުގެ ރިޔާސީ ބަޔާނުގައި ރައިސުލްޖުމްހޫރިއްޔާ ކުޅިވަރު މަސްޓަރ ޕްލޭން މަސައްކަތްތަކާއި ބެހޭގޮތުން ވަރަށް ތިލަ މިންވަރެއްގައި ބަހެއް ވިދާޅުވި ވިދާޅުވުމަކީ ކުޅިވަރު ވަޒީރު އެންމެ އިސްކަމެއްދެއްވައިގެން ކުރިއަށް ގެންދަވާ ކުޅިވަރު މާސްޓަރ ޕްލޭންގެ ކްރެޑިބިލިޓީއާ މެދު ގިނަބައަކު ސުވާލު އުފެއްދި ކަމެކެވެ. އަދި ރާއްޖޭގެ އެއް ނަންބަރު ކުޅިވަރު ކަމުގައިވާ ފުޓްބޯޅަ އޮތް ހާލަތާއި މެދު ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާނުގައި އެއްވެސް ވާހަކަފުޅެއް ފާހަގަކުރައްވާފައެއް ނުވެއެވެ.

ރާއްޖޭގެ ފުޓްބޯޅައިގެ ހާލާތު، ކުޅިވަރު ވަޒީރުގެ ޕްރޮއަރިޓީ ލިސްޓުގައި އޮތްނަމަ، އެކަން ރައީސޫލްޖުމްހޫރިއްޔާއަށް ހިއްސާކުރެއްވުމަށްފަހު ރިޔާސީ ބަޔާނުގައި އެމަސައްލައަށް ތަފްސީލީ ގޮތެއްގައި އެމަނިކުފާނު އަލި އަޅުއްވާލައްވާނެކަމަށް ގަބޫލު ކުރެވެއެވެ.  

އެފް.އޭ.އެމް މައްސަލަ އަދިވެސް މާރަނގަ ފިލާގަނޑެއްގެ ދަރަޖައިގައި

3 ޖޫން 2024 ގައި ޔޫރޯ މުބާރަތަށް ޕީ.އެސް.އެމްގެ ކަވަރޭޖް ލޯންޗްކުރުމުގެ ހަފްލާ ޝަރަފުކޮށްދެއްވަމުން ރާއްޖޭގެ ފުޓްބޯޅަ ކުރިއަށް އޮތްތާންގައި ވަރަށް އުޖާލާވެގެން ދާނެކަމަށް ޖޯޝާއެކު ވިދާޅުވިއެވެ. އެހެންމަނަމެވެސް، ފީފާއިން ނޯމަލައިޒްކުރުމުންވެސް ރާއްޖޭގެ ފުޓްބޯޅަ ހިންގުން އޮތީ ޕެރަލައިޒް ވެފައެވެ.  

އެފްއޭއެމްގެ ހިންގާ ކޮމިޓީގެ މުއްދަތު ހަމަވެ، ސައްހަ ވެރިޔަކު ނެތި ދިޔަ ދުވަސްތަކެއްވެސް ފެނުނެވެ. ފުޓްބޯޅާއިގެ ހާލަތު އެ މިންވަރަށް ދިޔަ އިރު ވެސް ކުޅިވަރު ވަޒީރު އަދި ކޮމިޝަނަރ ވެސް ގާނޫނުން މަތިކޮށްފައިވާ ޒިންމާ އުފުލުމުގެ ބަދަލުގައި އެފް.އޭ.އެމްގެ މައްސަލައާ ކުރިމަތި ލެއްވީ ފަހަތު ފަހައަށް ބުރަވެ ތިއްބައިވައިގެންނެވެ. 

އެންމެ ފަހުން އެކްޓިން ޖެނަރަލް ސެކްރެޓަރީގެ މަގާމު ހުންނެވި ބޭފުޅާ އަމިއްލަފުޅަށް އިދާރާއާ ހަވާލުވީއެވެ. ފީފާ އިން އޭނާ އަށް، އެފް.އޭ.އެމްގެ ހިންގުން މަތިކޮށްފައިވާ ކަމަށް ބުނެއެވެ.

ފުޓްބޯޅަ ވެއްޓިފައިވާ އެހާލާތާއި ގުޅިގެން ކުޅިވަރު ވަޒީރަށް ބެލެނިވެރިއެއްގެ ހައިސިއްޔަތުން ކުރެވުނު މާ ފެންހިފޭ މަސައްކަތެއް ފެނިފައެއް ނުވެއެވެ. އެ ދުވަސްވަރު ކުއްލިއަކަށް ދެން އަޑު އިވިގެންދިއައީ ޖަރުމަނަށް 2014 ގެ ވޯލްޑް ކަޕް ކާމިޔާބުކޮށް ދިނުމުގައި ހިއްސާވި ފޯވާޑް ލޫކަސް ޕޮޑޮލްސްކީ އާ، މިނިސްޓަރު ބައްދަލުކުރައްވައި ރާއްޖޭގެ ފުޓްބޯޅައިގެ މިހާރުގެ ހާލަތު ކިޔައިދެއްވި ވާހަކައެވެ.

your imageކުޅިވަރު ވަޒީރު ޕޮޑޮލްސްކީއާއެކު

ފުޓްބޯޅައިގެ ކުރިމަގުގެ ޕްލޭންތަކާ ބެހޭގޮތުން މަޝްވަރާކޮށް، ޕޮޑޮލްސްކީގެ އެހީތެރިކަމާއި އެއްބާރުލުން ހޯދޭނެ ގޮތަކާ ބެހޭގޮތުން މަޝްވަރާ ކުރެއްވި ވާހަކައެވެ. މިކަން ގޮސްފައިވާ ގޮތުގެ ތަފްސީލެއް އަދި ނޭނގެއެވެ.

އެފް.އޭ.އެމްގެ މައްސަލައިގައި ގިނަ ބޭފުޅުންގެ ކަންބޮޑުވުން ހާމަކުރައްވާ ކޮންމެ ހާލަތެއްގައިވެސް ހުއްޖަތަކަށް ނަންގަވަނީ ފީފާގެ ހިޔަންޏެވެ. އަދި  ކުޅިވަރު ގާނޫނަށް ގެންނަވާ ހަރުދަނާ އިސްލާހުތަކާއި ކުޅިވަރުގެ މާރސްޓަރ ޕްލޭނުގެ ސްމޯކް ސްކްރީނެވެ.

ފީފާ އިން އެފް.އޭމް.އެމް ނޯމަލައިޒް ކުރުމަށް މަޝްވަރާ ކުރެވުނު ވަގުތު ނޯމަލައިޒޭޝަން ކޮމިޓީ އެކުލާލުމުގައި ވެސް ވަޒީރުގެ ވިސްނުންފުޅު ގެންގުޅައްވާފައިވާގޮތް ވަރަށް ސާފެވެ. މިހާތަނަށް ފުރޮޅެމުންދާ މަންޒަރަށް ބެލުމުން ކުޅިވަރު ވަޒީރަށް ލަފާ އަރުވާ މަސައްކަތްތައް ތަރުތީބު ކުރުމުގައި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އިސްވެރިންގެ ދައުރު ބޮޑުކަން ގިނަ ބައަކު ފާހަގަ ކުރެއެވެ.

މިއީ ހަމަ ނިމިދިޔަ ސަރުކާރުގައި ވެސް އަޑު އިވި ކަން ހިގި މަގެވެ. މޯލްޑިވްސް އޮލިޕިކް ކޮމިޓީގެ އިންތިޙާބު ވެސް އޮތީ މާދުރެއްގައެއް ނޫންތާއެވެ. އެ އިންތިހާބަކީ ވެސް ކުޅިވަރު ވަޒީރާއި ބައެއް އިސްވެރިންނާއި އަދި ބައެއް ނުފޫޒުގަދަ ބޭފުޅުން ޝައުވެރިވާ އިންތިހާބެއްކަން މާޒީން ފެންނަން އެބައޮތެވެ.

ދެން އޮތީ އެފް.އޭ.އެމްގެ މައްސަލައިގައި ކަންބޮޑުވުން އޮތް މިންވަރުން ރައީސް އޮފީހުގެ ކޮމިނިއުކޭޝަން މިނިސްޓަރ އިބްރާހިމް ހަލީލް ރައީސްގެ ލަފާފުޅާއި އިރުޝަދުގެ ދަށުން ވަރަށް އުންމީ މަސައްކަތެއް ފެއްޓެވި ވާހަކައެވެ. ރާއްޖޭގެ ފުޓްބޯޅަ ލެޖެންޑުންނާއި އަދި ފުޓްބޯޅާއަށް އެހީތެރިވެފައިވާ އެތަކެއް ބޭފުޅުންނެއް ރައީސް އޮފީހަށް ގެންދަވާ ތަފާތު ބައްދަލުވުންތައް ބޭއްވެވި ވާހަކައެވެ.

އެންމެ ފުރަތަމަ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި ގައުމީ ޓީމްގެ ކުރީގެ ކެޕްޓަނެއް، މިނިސްޓްރ އިބްރާހިމް ހަލީލްގެ ޓައި ބާލުއްވައިގެން ބައްދަލުވުން ކުރިއަށް ގެންގޮސްދެއްވުމަށް ދެންނެވުމުން، އެކަމަށްވެސް އުފަލާއި ހިތާ ރޫހުން މިނިސްޓަރ ހަލީލް އިޖާބަދެއްވިއެވެ. ހަލީލުގެ އެއަމަލު ފާހަގަވެގެންދިއައީ ފުޓްބޯޅައަށް ކުރިމަތިވެފައިވާ މައްސަލަ ހައްލުކޮށްދެއްވުމަށް ރައީސް ބޭނުންފުޅުވާ މިންވަރެވެ. އަދި ހަލީލް އެކަމުގައި ސާބިތުވެ ހުންނެވި މިންވަރެވެ.

ބުނެވިދިޔަ ކޮންމެ ކަމެއްވެސް ސިފަވެގެން ގޮސްފައިވަނީ ކަނު ހަސަނަށް އިރުވާ ހުދު ދައްކާބީދައިންނެވެ. ސަޅިބައިސާގެ އެޕިސޯޑެއްގެ ސިފައިގައެވެ. 

ފުޓްބޯޅައަށް ކުރިމަތިވެފައިވާ މައްސަލައަށް ލިބުނު ކުރިއެރުމެއް ނެތެވެ.

އެންމެ ފަހުން ފީފާއިން އެފް.އޭ.އެމް ނޯމަލައިޒް ކުރުން

ފާއިތުވި 16 ވަރަކަށް އަހަރިތެރޭގައި އެފް.އޭ.އެމް ނޯމަލައިސް ކުރަން ޖެހުނު ތިން ވަނަ ފަހަރެވެ. އައި ބަދަލެއް ނުފެނެއެވެ. ސަރުކާރުތައް ބަދަލުވެ، ކުޅިވަރު ވަޒިރުން އައްޔަނު ކުރެވެމުން ދެއެވެ. ބައެއް ވަޒީރުން ފީފާގެ ރައީސުން ކޮސް ވެސް ކޮއްލާފައި އެބަހުއްޓެވެ.

ކުޅިވަރާ ބެހޭ ކޮންމެ ވަޒީރެއްވެސް ފެނިގެން މިދަނީ އެފަދަ ހަމައަކުންނެވެ. ތަފާތު ވިސްނުމެއް އިސްކުރެވޭ މަންޒަރެވެ. އެއްވެސް ވަރަކަށް ފުޓްބޯޅައިގެ އިސްލާހީ މަސައްކަތްތައް ކުރެވިފައިވާ އަދި ތަރުތީބު ކުރެވިފައިވާ ހަމައަކަށް ވިސްނުން ގެންގުޅުއްވައިވާތަނެއް ނުފެނުނެވެ. މިފަހަރު އެކުލަވާލެވުނު ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއަރ ޒުހޫރުއާ ހިޔާލުތަފާތުވެފައިވާ ވަހަކަތަކެއްވެއް މީޑިއާ އަށް ތިލަވިއެވެ.

އޭގެ ފަހުން ޒުހޫރު ޗެއަރމަންގެ މަގާމުން ވަކިކުރީވެސް ވަޒީރުގެ ނުފޫޒު އޮވެގެންކަން އެކިގޮތްގޮތުން އަޑުއިވިގެން ގޮސްފައިވެއެވެ. ފާއިތުވި ދެ ސަރުކާރުގައި ވެސް އެފް.އޭ.އެމް ނޯމަލައިޒް ކުރެވުނު އިރު، އިދާރީ ގޮތުން ލައްކަ ކަންކަން ހައްލުކުރެވިފައިވާނެތާއެވެ.

ކުރިން ނޯމަލައިޒް ކުރެވުނު ކޮންމެ ހާލަތަކުން އިލެކްޓިވް ހާލަތަށް އެފް.އޭ.އެމް އިންތިހާބު ބޭއްވިގެން ގޮސްފައިވަނީ ފީފާ އިސްވެ އޮވެ ކުރިމަތިވި މައްސަލަތައް ދެނެގަނެ، އެފް.އޭ.އެމްގެ ހިންގާ ގަވާއިދަށް ތަފާތު އިސްލާހުތަކެއް ގެނެވިގެންނެވެ. އެހެނަސް ނޯމަލައިޒްވާ ކޮންމެ ފަހަރަކުވެސް ހިންގާ ގަވާއިދުގައި އޮތް އެއްޗެއް ބެލުމަށް ކުޅިވަރު ވަޒީރުންގެ ޝައުގުވެރިކަމެއް ނުހުރެއެވެ.

މުހިންމު ވާންވީ ކައްސާލައިގެ ގޮސް ވެއްޓޭ ތަނެއް ނޫނެވެ. ކައްސާލަން ދިމާވާ ސަބަބެވެ. އެ ގައުމެއްގައި ކުޅިވަރުތަކުގެ ހާލަތު ދެނަގަނެ ކުޅިވަރުތައް ތަރައްގީކުރުމުގައި ހުރިގޮންޖެހުންތަކާއި އަދި މައްސަލަތައް އެންމެ ރަންގަޅަށް ފަހުމެވެ އިނގޭނީ އެގައުމެއްގައި ކުޅިވަރުތައް ކުރިއަރުވާ ސިޔާސަތުތައް ކަނޑައަޅާ މަސައްކަތްކުރަން ތިއްބަވާ ފަރާތްތަކަށެވެ.

އެފް.އޭ.އެމް ވީމާ ފީފާއިން ގޮތެއް ކަނޑައަޅާ ނިންމަވާނެކަމަށް ބުނެ ބޯދަމައި ގަތުން އެއީ ޒިންމާދާރުކަން ކުޑަ އަމަލެކެވެ. ފުޓްބޯޅައިގައި އަބަދުވެސް ފެންނަނީ މިމަންޒަރެވެ.

2016 ވަނަ ފާސްކުރެވުނު އެފް.އޭ.އެމްގެ ހިންގާ ގަވާއިދު 

މި ގަވާއިދު ފާސްކުރެވިގެން ގޮސްފައިވަނީ ފައިތުވި ދުވަސްތަކުގައި އެފް.އޭ.އެމްއަށް ކުރިމަތިވި ހުރިހާ މައްސަލަތަކަކަށް ޖުމްލަކޮށް ހައްލު ހޯދައިގެންނެވެ. ރާއްޖޭގެ ފުޓްބޯޅަ ނުވަ ޒޯނަކަށް ބަހައި، ރީޖަނަލް އެސޯސިއެޝަންތައް ޤާއިމްކޮށް، ކޮންމެ ޒޯނެއްގައި ލީގު ކުޅުމުގެ ފުރުސަތު ހޯދައި ދީ، އަދި އެފް.އޭ.އެމް ކަންކަމާއި ބެހޭގޮތުން އެންމެ ފަހުބަސް ބުނުމުގެ ހަމަހަމަކަން ހުރިހާ ޒޯނަކަށް ލިބިދޭ ހަމައަކުން އެންމެގެ ބައިވެރިވުން އޮވެގެން އިންތިހާބުގައި ވޯޓް ލުމުގެ ހައްގު ދެވިގެން ހިންގާ އިދާރާއެއްގެ ގޮތުގައި ކަނޑައަޅައިގެންނެވެ.

އެފް.އޭ.އެމް ނޯމަލައިޒް ކުރި އިރުވެސް މިގަވާއިދު އޮތީ ފާސްކޮށް ސްޕޯރޓްސް ކޮމިޝަނަރ ބަލައިގެންފައެވެ. އެފް.އޭ.އެމްގެ ހިންގާ ގަވާއިދަކީ އެކިފަހަރުމަތީން ތަފާތު އިސްލާހުތައް ހުށައެޅި ފާސްކުރެވިގެންދާ ގަވާއިދެއްކަމުން، މީގެތެރެއިން ބައެއް މާއްދަތަކަކީ އިންތިގާލީ މުއްދަތެއް ދެވިފައިވާ ކަންކަމާއި އަދި ބައެއް ތާރީހުތަކުގެ ކުރިން ނިންމާން ޖެހޭ ކަންކަން ކަނޑައަޅާފައިވާ މައްދާތަކެވެ.

އެނގިގެން ނަމަވެސް ނުވަތަ ނޭނގި ނަމަވެސް މި ނުކުތާތައް ފާހަގަކޮށް ފީފާ އާއި އަދި އެފް.އޭ.އެމް ނޯމަލައިޒް ކޮމިޓީއާ ވަކާލާތު ކުރުމުގެ ހިތްވަރު ވަޒީރުގެ ކިބައިގައި ނެތުމަކީ ކުޅިވަރު ވަޒީރުގެ ބަހާއި އަމަލާދިމާ ނުވާ ކަމެއްކަމަށް ފާހަގަ ކުރުމުގެ ފުރުސަތު އެބައޮތެވެ.

މުޅި ރާއްޖެއަށް ފުޓްބޯޅަ ފުޅާކުރައްވާ ހަމަހަމަ ފުރުސަތު ހޯއްދަވައި ދެއްވާނެކަމަށް ވިދާޅުވާއިރު، އެފް.އޭ.އެމްގެ ހިންގާ ގަވާއިދު މިހާރުވެސް އެއޮތީ އެވިސްނުމާއި އެއްގޮތަށް ލިޔެ ތަރުތީބު ކުރެވިފައެވެ. އެފް.އޭމްގެ ނޯމަލައިޒިން ކޮމިޓީ އާ ހަމައަށް މިކަންބޮޑުވުން ފޯރުކޮށްލައްވަން ކޮންމެހެން ކުޅިވަރުގެ މާސްޓަރ ޕްލޭންއަށް މަޑުކުރުމުގެ ބޭނުމެއް އެބައޮތްތޯ އެވެ.

އެފް.އޭމް މިހާލަތަށް ވެޓުމަށް މަގުކޮށިގެން ދިޔަ އެންމެ ބޮޑު މައްސަލައަކީ ވެސް ކުރީ ސަރުކާރުގެ ވަޒީރާއި އަދި ސްޕޯރޓްސް ކޮމިޝަނަރު އެފް.އޭ.އެމްގެ ހިންގާ ގަވާއިދާ ހިލާފަށް އަމަލުކުރަމުންދިޔަ އިރުވެސް އަޅާނުލާ ހަނު ހުންނެވި މައްސަލައާ ހިސާބުންނެވެ. އެއިރުވެސް މިހާރުވެސް މިކަންކަމާއި އަޑުއުފުލާ ކަންބޮޑުވުންތައް ފާޅުކުރިނަމަވެސް މިފެންނަނީ ހަމަ އެފަދަ މަންޒަރެކެވެ.

އެފް.އޭމް.އަށް ނޯމަލައިޒް ކޮމިޓީއެއް އައްޔަނުކުރެވިގެންދިޔަތާ އަހަރެއްވަނީއެވެ. ރާއްޖޭގައި ފުޓްބޯޅަ ނުކުޅެ ދެ އަހަރުވަނީއެވެ. ކުޅުންތެރިން ވިއްސިވިހާލިވަމުން ކޯޗުންގެ ކެރިއަރ ބަދަލު ކުރުމުގެ ކުލަވަރު ފެންނަން ފަށައިފިއެވެ. ގައުމީ ޓީމެއް އޮތީ ނަމެއްގައެވެ. އަދި އެ ޓީމު އެކުލަވާލާނެ ގޮތެއް ނެތި ބޮޑެތި މުބާރަތްތަކަށް ޓީމް ތައްޔާރު ކުރަމުންދަނީ ގައުމެއް ތަމްސީލްކުރަން ކުޅުންތެރިން ކަނޑައަޅާ މިންގަޑާއި ހިލާފަށް ވަރަށް ލަތުވެތިކޮށެވެ. 

ގައުމީ ޓީމުގެ ކުރިއަށް ހުރި މުބާރަތްތަކަށް ތައްޔާރުވުމަށް ދިވެހި ލީގުގެ ޓީމްތަކަށް ހުޅުވާލައިގެން ނުރަސްމީ މުބާރާތެއް ބޭއްވުމަށްވެސް މަސައްކަތް ކުރެވިއްޖެއެވެ. ވަޒީރު ނުވަ މިލިއަން ރުފިޔާ ޓީމްތަކަށް ހަރަދުކުރައްވާއިގެން އަތްފުނާ އަޅުއްވައިގެން އެންމެ ހަތަރު ޓީމް އިޖާބަ ދިނުން އެއީ މާލަދުވެތި ކަމަކެވެ.

ކަންމިހެން އޮތްވާ ދެން އިވިގެންދިއައީ މ. އަތޮޅު މުލަކު ދަނޑު ހުޅުވުމުގައި ރަސްމިއްޔާތުގައި ޝަރަފުވެރި ކޮށްދެއްވަމުން ކުޅިވަރު ވަޒީރު ވިދާޅުވި ވާހަކަ ފުޅެވެ. އަތޮޅު ތަރޭގައި ކުޅެމުންދާ ކުޅުންތެރިންނަށް ފުޓްބޯޅަ ކުޅުމުގެ އިތުރު ފުރުސަތުތައް ހޯއްދަވައި ދެއްވާނެ ވަހަކަ ފުޅެވެ. ކިތަންމެ ހެޑްލައިނެއްވެސް ހެއްދެވިދާނެއެވެ.

ގަބޫލްކުރަންވީ ހަގީގަތަކީ ފުޓްބޯޅަ ކުރިއަރުވަން ބޭނުންވަނީ ކުރިމަތިކުރުވާ ގޮންޖެހުންތަކަށް ކުރިމަތިލާ ހައްލު ހޯދާއިދޭވޭނެ އިހްލާސްތެރި ވިސްނުމެކެވެ. ފީފާވެސް މަޝްވަރާގެ މޭދުދޮށަށް ގެންނަން މަގުކޮށަން ދަންނަ ވަޒީރަކަށެވެ.

މިއީ ހަރުކަށިވެ ހުދުމުހުތާރުވުމެއް ނޫނެވެ. މިއީ ފުޓްބޯޅަ ތެރޭގައި އަށަގަނެފައިވާ ދުވަސްވީ މައްސަލައެއް ހައްލުކުރުމަށް ކުރެވޭ ޑިމަކްރަޓިކް މަސައްކަތްތެއްގެ ގޮތުގައި ބަލަންވީ ވަގުތެވެ. ފުޓްބޯޅަ އެސޯސިއޭޝަން އެއީ ގައުމުގެ އެކިއެކި އިންތިހާބުތަކަށް ނުފޫޒުފޯރުވެވޭނެ އިދާރާއެއް ނޫންކަން ކުޅިވަރު ވަޒީރު މިހާރު ގަބޫލްފުޅު ކުރައްވަން ވެއްޖެއެވެ.

އެޑިޓަރުގެ ނޯޓު: 

ޝާހު އިސްމާއީލް (ސާޔާ) އަކީ ދިވެހިރާއްޖޭގައި އުފެދުނު އެންމެ ހުނަރުވެރި އެއް ފޯވާޑެވެ. ގައުމީ ފުޓްބޯޅަ ޓީމަށް 14 އަހަރު ކުޅުނު، ދަނޑުމަތީގައި ސާޔާގެ ނަމުން މަޝްހޫރުވި ޝާހުއަކީ، 2003 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ރިހި މެޑަލް ރާއްޖެއަށް ހޯދައިދިން ފަހުރުވެރި ޓީމުގެ ކެޕްޓަންއެވެ.

ދިވެހި ފުޓްބޯޅައިގެ ފޯރި އެންމެ ގަދައިރު، ޝާހުވަނީ ރާއްޖޭގެ ފުޓްބޯޅައިގެ ގަދަބާރުތައް ކަމަށްވާ ނިއުރޭޑިއަންޓް، ވިކްޓްރީ އަދި ވެލެންސިޔާއަށް ކުޅެ އެ ކްލަބުތަކާއެކު އެތައް ކާމިޔާބެއް ހޯދާފައެވެ. ކުޅިވަރަށް ހިދުމަތް ކުރުމުގެ ދާއިރާއިން 2000 ވަނަ އަހަރު، އާއްމު ހިދުމަތަށް ހިއްވަރު ދިނުމުގެ އިނާމް ޝާހް ހާސިލްކޮށްފައިވެއެވެ.

ކުޅުން ހުއްޓާލުމަށް ފަހު ޝާހު ދެން ކުރިއަށް ދިޔައީ ސްޕޯޓްސް އެޑްމިނިސްޓްރޭޓަރެއްގެ ގޮތުގައެވެ. ފުޓްބޯޅައިގެ އިދާރީ ހިންގުންތެރިއެއްގެ ގޮތުގައި އެފްއޭއެމްެގެ ޖެނެރަލް ސެކެއްޓްރީކަން ކުރުމުގެ އިތުރުން، ޝާހްއަކީ އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަންގެ އެންމެ ސީނިއަރ އެއް މެޗު ކޮމިޝަނަރެވެ. ޝާހުއަކީ ބައިނަލް އަގްވާމީ ފެންވަރުގައި ފުޓްބޯޅަ ހިންގުމުގެ ތަޖުރިބާކާރެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް