
މިހާރު ރާއްޖެއަށް ދިމާވެފައިވާ ހޫނު ދުވަސްވަރާ ގުޅިގެން ކަރަންޓު ބޭނުންކުރުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށް ފަހުމީ ވަނީ އިލްތިމާސްކުރައްވާފައެވެ.
ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، މިދުވަސްވަރަކީ ރާއްޖެއަށް ހޫނު ދުވަސްވަރަކަށްވުމާއެކު، އިހްސާސްކުރެވޭ ހޫނުމިން މަތިވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. މި އަހަރުގެ މިހާތަނަށް މާލެ ސަރަހައްދުގައި އެންމެ ގިނައިން ކަރަންޓު ބޭނުންކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށާއި، އެ ދުވަހު 15:00 ގައި 114 މެގަވޮޓްގެ ކަރަންޓު ބޭނުންކޮށްފައިވާކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ. އަދި މިއަދު 13:00 ގައި މާލޭގެ ލޯޑް ހުރީ 111 މެގަވޮޓުގައި ކަމަށް ފަހުމީ ފާހަގަކުރައްވާފައިވެއެވެ.
ކަރަންޓު ބޭނުންކުރެވޭ މިންވަރު އިތުރުވުމާ ގުޅިގެން، ހުރިހާ ފަރާތްތަކުން ވެސް ސަމާލުވެ، ފަރުދީގޮތުން ކަރަންޓު އިގްތިސާދުކުރުމަށް ކުރެވެންހުރި މަސައްކަތްތައް ކޮށްދިނުމަކީ މުޖުތަމައުއާއި އަމިއްލަ ލާބައާއި މަންފާއަށް ކުރެވޭ ވަރަށް މުހިންމު ކަމެއްކަމަށް ފަހުމީ ވަނީ ފާހަގަކުރައްވާފައެވެ. އަދި ކޮންމެހެން ބޭނުންވާ މިންވަރަށް ނޫން ގޮތުގައި ކަރަންޓު ބޭނުން ނުކުރުމަށާއި، ކަރަންޓު ހެޔޮގޮތުގައި ބޭނުންކޮށް، އިސްރާފު ނުކުރުމަށް ހުރިހާ ފަރާތްތަކުން ވެސް މަސައްކަތްކުރުމަށް ފަހުމީ ވަނީ އެދިވަޑައިގެންފައެވެ.