
ފުލުހުން ބުނީ ހޯދަމުން އަންނަނީ ގއ. ގެމަނަފުށި / ރަންކޮކާގެ އުމުރުން 36 އަހަރުގެ ނަދީފް މުހައްމަދާއި ޅ. ނައިފަރު / ހަލަވެލި އުމުރުން 30 އަހަރުގެ މަހްމޫދު އަބްދުﷲ އެވެ.
ފުލުހުންގެ ހިދުމަތުގެ އެންޓި ސްކޭމް ސެންޓަރުން ތަހުގީގު ކުރަމުންދާ ސްކޭމް މައްސަލައެއްގެ ތަހުގީގަކާއި ގުޅީގެން ކަމަށެވެ. އަދި މި ދެމީހުންނަކީ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާ ދެމީހުންކަމަށްވެސް ފުލުހުން ބުނެއެވެ.
ސްކޭމް މައްސަލަތައް ބަލަން ފުލުހުންގެ އިދާރާގައި އެންޓި ސްކޭމް ސެންޓަރެއް އުފައްދާ ސްކޭމް މައްސަލަތައް ރިޕޯޓްކުރަން ހޮޓްލައިނެއް ވަނީ ގާއިމުކޮށްފައެވެ.
ނެޝަނަލް އެމެޖެންސީ ނަމްބަރު 911 އާއި އެންޓި ސްކޭމް ހޮޓްލައިން 125 (އެކްސްޓެންޝަން 2020 ) މެދުވެރިކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ ކޮންމެ ކަންކޮޅަކުންވެސް ސްކޭމާއި ގުޅުން ހުރި މައްސަލަތައް ރިޕޯޓްކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މިދިޔަ އަހަރުގެ ފުރަތަމަ ފަސްމަހު ސްކޭމްގެ 877 މައްސަލަ ވަނީ ރިޕޯޓްކޮށްފައިވާއިރު އެ މައްސަލަތަކުން 11 މިލިއަނަށްވުރެ ގިނަ ރުފިޔާ ސްކޭމަރުން ފޭރިގަންފައިވާކަން ފުލުހުންގެ ހިސާބުތަކުން ދައްކައެވެ.
ފުލުހުންގެ ހިސާބުތަކުން ދައްކާ ގޮތުން އެވްރެޖު ގޮތެއްގައި ސްކޭމް ކޮށްގެން ދުވާލަކު 6 މައްސަލަ ހުށައަޅައެވެ. އެއީ މަހަކު 192 މައްސަލައެވެ.