
މިގޮތުން 2030 ވަނަ އަހަރަށް ވާއިރު، އެ އަދަދު ހަތް ޕަސަންޓަށް އިތުރުވާނެ ކަމަށް ލަފާކުރެވޭތީ އެއީ ދައުލަތަށް ކުރަން އުނދަގޫވާނެ ހަރަދެއް ކަމަށް ވެސް ޕެންޝަން އޮފީހުން ފާހަގަކޮށްފިއެވެ.
މިއަދު ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ޕެންޝަން އޮފީހުގެ ސީއީއޯ ޝުޖާތާ ހަލީމް ވިދާޅުވެފައިވަނީ މިހާރު ޕެންޝަންގެ ގާނޫނުގެ ބޭރުން ހިންގާ އެކިއެކި ސްކީމްތަކުގެ ސަބަބުން ތަފާތުކުރުން ބޮޑު ނިޒާމެއް އުފެދިފައިވާ ކަމަށެވެ. އަދި އުމުރުން ދުވަސްވާ މީހުންގެ ނިސްބަތް އިތުރުވުމަކީ ޕެންޝަނަށް ކުރާ ހަރަދު ވެސް އިތުރުވާނެ ކަމެއް ކަމަށް ވިދާޅުވިއެވެ. ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހު ވިދާޅުވީ 2008 އިން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް 5،336 މުވައްޒަފުންނަށް މުސްކުޅިކުރުމުގެ އިނާޔަތް އެ ކޮމިޝަނުން ހަމަޖައްސައިދީފައިވާ ކަމަށެވެ.
ޑަބަލް ޕެންޝަންގެ މައްސަލަ ހައްލުކުރަން ރައްޔިތުންގެ މަޖިލީހުން އިސްނަގައިގެން މަސައްކަތް ފަށައިފައިވެއެވެ. މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ ފާއިތުވި 13 އަހަރުތެރޭ ޕެންޝަނަށް 2.96 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ. އަދި ގައުމުގެ އާމްދަނީއަށް ބަލާއިރު، މިހާރު ދޭ ގޮތަށް ޕެންޝަން ދެމުން ދިޔުމަކީ ދެމެހެއްޓެނިވި ކަމެއް ނޫންކަން ޕެންޝަން އޮފީހުން ހިއްސާކޮށްފައިވާ މައުލޫމާތުން އެނގޭ ކަމަށް ނާޒިމް ވިދާޅުވިއެވެ.