ވާލްޑް ކްރިއޭޓިވިޓީ އެންޑް އިނޮވޭޝަން ޑޭގައި ދިވެހިންގެ އުފެއްދުންތެރިކަމަށް ބާރުދިނުމުގެ މުހިންމުކަމަށް ރައީސް ޑރ. މުހައްމަދު މުއިޒު އަލިއަޅުވާލައްވައިފިއެވެ.

Advertisement
ސޯޝަލް މީޑިއާގައި ޕޯސްޓެއް ކުރައްވައި، ކޮންމެ ކުއްޖަކަށް އެކުދިންގެ ހުވަފެންތައް ހާސިލުކުރުމުގެ ފުރުސަތު ލިބޭ ރާއްޖެއެއް ބިނާކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވި ގޮތުގައި "ކޮންމެ އާޓިސްޓަކަށް ފާގަތިކަމާއެކު ކުރިއަށްދެވޭނެ މަގެއް ތަނަވަސްކޮށްދީ، ކޮންމެ އުފެއްދުންތެރިއަކަށް މުސްތަގުބަލު ބިނާކުރުމަށް އެހީތެރިވެދެވޭނެ މާހައުލެއް ގާއިމުކުރަންޖެހެ،" އެވެ. މިގޮތަށް އުފެއްދުންތެރިކަމާއި އީޖާދީ ވިސްނުން ރާއްޖޭގެ ކުރިއެރުމަށާއި ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީވުމަށް ބޭނުންކުރަންޖެހޭކަމަށް ރައީސް މުއިޒު ފާހަގަކުރެއްވިއެވެ.
ވާލްޑް ކްރިއޭޓިވިޓީ އެންޑް އިނޮވޭޝަން ޑޭ އަކީ އދ. އިން 2017 ވަނަ އަހަރު ފާސްކޮށްގެން ކޮންމެ އަހަރެއްގެ އޭޕްރީލް 21 ވަނަ ދުވަހު ފާހަގަކުރާ ދުވަހެކެވެ. މި ދުވަހުގެ މަގުސަދަކީ، އުފެއްދުންތެރިކަމާއި އީޖާދީ ވިސްނުމުގެ ބޭނުން ދެނެގަނެ، އިގުތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ކުރިއަށްދިއުމަށް އެހީތެރިވުމެވެ.