
ކުރީގެ ޕީޖީ ޝަމީމަށް މަރުތޭލަކުން ހަމަލާދިން މައްސަލައިގައި ދައުވާ އުފުލީ ހަ މީހެއްގެ މައްޗަށެވެ. މި އެންމެންވެސް ސަލާމަތްވީ، ކްރިމިނަލް ކޯޓުން އެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހުކުމް ކުރުމުންނެވެ.
ޝަމީމަށް ހަމަލާދިން މައްސަލައިގައި ދައުލަތުން ދައުވާ ކުރި މީހުން
މިދުހަތު އާދަމް / ރ. އަލިފުށީ ރިވެލި
މުހައްމަދު ޖަޒްލާން / ލ. ގަމު ތުނޑީ އަވަށު ޖަވާހިރުވިލާ
ޒަޔާން ނަސީރު / އދ. މާމިގިލީ ކެމީހިޔާ
އަބްދުލްހަންނާން / ތ. ދިޔަމިގިލީ ރުވާ
ރަޖުވާން ލަތީފް / ލ. މާމެންދޫ މުރިނގު
އަހުމަދު މައިސާން ހާޝިމް / ދަފްތަރު ނަމްބަރު 2247
އެ މީހުންގެ މައްޗަށް ކުރީ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލަން އުޅުމުގެ ދައުވާ އެވެ. މިދިޔަ ސެޕްޓެމްބަރު މަހު މައްސަލައިގައި ޝަރީއަތް ފެށިއިރު، ޝަމީމް ވެސް ހެކިބަސް ދެއްވާފައިވެ އެވެ.
މިދިޔަ އަހަރުގެ ފެބްރުއަރީ މަހު، ޝަމީމް ދިރިއުޅުއްވާ ގެ ކައިރިން އޭނާއަށް މަރުތޭލަކުން ހަމަލާދިނީ އޭނާއަށް ފާރަލަމުން ގޮހެވެ. އޭނާއަށް އެ ހަމަލާދޭ މަންޒަރު ސީސީޓީވީ ފުޓޭޖަށް ވެސް އަރާފައި ހުއްޓެވެ.
މި މައްސަލައިގައި ކްރިމިނަލް ކޯޓުން ހުކުމްކޮށްފައި ކުށް ސާބިތު ނުވާ ކަމަށެވެ. އެގޮތަށް ކަނޑައެޅި މައިގަނޑު ސަބަބަކީ ދައުލަތުން ހެކީގެ ގޮތުގައި ހުށަހެޅި ސީސީޓީވީ ކެމެރާގެ ފުޓޭޖްގައިވާ ގަޑި އާއި އެ ހާދިސާ ހިނގި ގަޑިއާ ދިމާނުވާތީ އެކަމާ ސުވާލު އުފައްދައިފަ އެވެ. ހުކުމް ކުރީ، ގާޒީ އިބްރާހިމް އިހްސާން އެވެ.