
ޝަމްއާންގެ އިސްތިއުނާފު އަޑުއެހުން ހައިކޯޓުގައި ތާވަލުކޮށްފައި އޮތީ މިއަދު މެންދުރުފަހު 1:30 އަށެވެ. ނަމަވެސް މައްސަލަ ބައްލަވާ ފަނޑިޔާރަކު ބައިވެރިވެވަޑައިގަންނަވާ އެހެން އަޑުއެހުމެއް ހަމަ އެ ގަޑިއަށް ތާވަލުކުރެވިފައި އޮތުމުން އެ އަޑުއެހުން ކެންސަލްކުރީ އެވެ.
މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީއަކު ދޫކޮށްލައި އެ މީހާގެ އަތުން ގިނަ އަދަދެއްގެ ފައިސާ ހޯދުމުގެ ތުހުމަތުގައި ޝަމްއާން މަގާމުން ވަކިކޮށްފައިވަނީ މިދިޔަ މާޗް މަހުގެ 20 ވަނަ ދުވަހުގެ ރޭ ކުއްލި ގޮތަކަށެވެ. އޭގެ ފަހު ދުވަހު ރޭގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން ޝަމްއާން ހައްޔަރުކުރެވުނެވެ. ޝަމްއާންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މާޗް މަހުގެ 22 ވަނަ ދުވަހު ދަށު ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައިވެ އެވެ. ފަހުން އެ ބަންދު ޝަރީއަތް ނިމެންދެން ބަންދަށް ބަދަލުކޮށްފައިވެ އެވެ.
ޝަމްއާންގެ ބަންދު ކުރި މައްސަލައިގެ އިސްތިއުނާފު ހައިކޯޓުގައި ފެށީ ހޯމަ ދުވަހު އެވެ. ފުރަތަމަ ހައިކޯޓުން ނިންމީ މައްސަލަ ބަލައި ނުގަންނާށެވެ. ނަމަވެސް ޝަމްއާންގެ ފަރާތުން ހުށަހެޅުމުން ރަޖިސްޓްރާގެ ނިންމުން ބާތިލްކޮށް މައްސަލަ ބަލައިގަނެފައިވެ އެވެ. ތިން ފަނޑިޔާރުންގެ ބެންޗަކުން އެ މައްސަލަ ބަލަމުންދާއިރު ޝަމްއާންގެ މައްޗަށް ކުރަނީ އިމިގްރޭޝަނުން ކުރިއަށް ގެންދާ ރެއިޑެއްގެ ތެރެއިން އަތުލައިގެން ބިދޭސީއަކު އިމިގްރޭޝަންގެ ޑިޓެންޝަން ސެންޓަރަށް ގެންދިއުމަށްފަހު އޭނާގެ އަތުން ފައިސާ ނަގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ދޫކޮށްލަން އެންގެވިކަމުގެ ތުހުމަތެވެ.