
ޓެކްސީ ލައިން ތައާރަފުކޮށް އެކަން ހިންގުމަށް އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ ފެބްރުއަރީމަހުގެ 12 ވަނަ ދުވަހުއެވެ.
މި ހިދުމަތަށް ގެންނަން ނިންމާފައިވަނީ ތިމާވެއްޓާއި ރައްޓެހި އިލެކްޓްރިކް ވެހިކަލްތައް (އީވީ) އެވެ.
އާރްޓީއައި އަކަށް ޖަވާބު ދެމުން އެމްޓީސީސީން ބުނީ ޓެކްސީ ލައިނަށް ފުރަތަމަ ބުރުގައި 100 ކާރު ގެންނަން ނިންމާފައިވާކަމަށާއި އެކަމަށް 80 މިލިއަން ރުފިޔާ ހޭދަވާނެކަމަށް ބެލެވޭކަމަށެވެ. އެހެންނަމަވެސް ފުރިހަމަ އަގު އެނގޭނީ އެތަކެތި ގެނައުމުންކަމަށް އެމްޓީސީސީން ބުނެއެވެ. އަދި ކާރުތައް ގެންނާނެ ކުންފުންޏާއި ބްރޭންޑްތައް އަދި މުޅިން ނުނިމޭކަމަށް އެ ކުންފުނިން ބުނެއެވެ.
ޓެކްސީ ލައިންގެ ހިދުމަތް އަންނަ ޖުލައިމަހު ފަށާނެކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވަނީ ވިދާޅުވެފައެވެ. މި ހިދުމަތް ދިނުމަށް ހާއްސަ އެޕްލިކޭޝަނެއް ގާއިމުކޮށް، 24 ގަޑިއިރު ހިދުމަތް ލިބޭނެ ގޮތަށް ހަމަޖެހިފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ޓެކްސީ ލައިންގެ ހިދުމަތް އެމްޓީސީސީ އިން ފަށާނީ ތިން ފޭހަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވަހީގައި މި އަހަރުގެ ތެރޭގައި މާލެ، ހުޅުމާލެ އަދި ވީއައިއޭގައި ހިދުމަތް ފަށާނެ އެވެ. ލިނގިއްޔާއި ތިލަފުށީގައި ހިދުމަތް ފަށާނީ އަންނަ އަހަރާއި 2027 ގައެވެ. އެނެމްފަހުން މި ހިދުމަތް ފަށަން ނިންމާފައިވާ ރަސްމާލޭ، ގިރާވަރު ފަޅު، އައްޑޫ، ފުވައްމުލަކު އަދި ކުޅުދުއްފުށީ ސިޓިގައި ހިދުމަތް ފެށުމަށް ނިންމާފައިވަނީ 2029ގައެވެ.