ads
ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ކްރައިސިސް ބަޖެޓެއް ހުށަހެޅުމަށް ގޮވާލައިފި
ކޮވިޑް19 ގެ ކަންކަމުން އަރައިގަތުމަށް ފިނޭންސް މިނިސްޓަރު ރައްޔިތުންގެ މަޖިލީހަށް ކްރައިސިސް ބަޖެޓެއް ހުށަހެޅުމަށް ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ގޮވާލައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މެމްބަރު ސަލީމް ވިދާޅުވީ މިދަތިވަގުތުގައި ސަރުކަރުން ވިސްނީ ކާޑާއި ފެނާއި ބޭސްފަރުވާ ރައްޔިތުންނަށް ލިބޭނެ ގޮތް ހެދުމަށް ކަމަށެވެ. އަދ ރައްޔިތުންނަށް ބޭނުންވާ ކަންކަން ކުރުމަށް ފިނޭންސް މިނިސްޓަރު އެދެނީ އިތުރަށް ފައިސާ ނެގުމަށް ކަމަށާއި، އެކަން މަޖިލީހުން ކޮށްދެންޖެހޭ ކަމަށް ސަލީމް ވިދާޅުވި އެވެ. އަދި ވީ އެންމެ އަވަހަކަށް ފިނޭންސް މިނިސްޓަރަށް މަޖިލީހުން އެ ހުއްދަދޭންޖެހޭކަން ފާހަގަކުރެއްވި އެވެ. 

އެހެންނަމަވެސް ފައިސާ ދޭންޖެހޭނީ ފްރީ ޗެކެއްގެ ގޮތުގައެއް ނޫންކަން ފާހަގަކޮށް ސަލީމް ވިދާޅުވީ ކަރަޕްޝަން ނައްތާލުމަށް މަސައްކަތްކުރަންޖެހޭ ކަމަށެވެ.

އަދި މި ކަމުގެ ތެރޭގައި ކޮރަޕްޝަންގެ ކަމެއް ނުހިނގާކަން ޔަގީންކުރަން ޖެހޭނެކަމަށާއި، މި ފައިސާ ހަރަދުވާގޮތް ބަލަންޖެހޭކަމަށެވެ. އަދި ފައިސާ ދޫކުރަންޖެހޭނީ އެ ކަންކަމަށް ޝަރުތު ކުރުމަށްފަހު ކަމަށް ވިދާޅުވި އެވެ. 

ސަލީމް ވިދާޅުވި މި ވަގުތުގައި އަނދަވަޅަކަށް ވެއްޓުމުގެ ބަދަލުގައި ބަލަންވީ ދަތި އުނދަގޫ ފިޔަވަޅުތައް އަޅައިގެން އިގްތިސާދު ވަރުގަދަ ކުރުމަށްކަމަށެވެ. 

މިއަހަރަށް ލަފާކޮށް ފާސްކޮށްފައިވާ ބަޖެޓަށް ކަންކަން ނުހިނގާނެކަން މިހާރު ހުރިހާ ފަރާތަކަށްވެސް އިނގޭނެކަން ފާހަގަކޮށް ސަލީމް ވިދާޅުވީ ފިނޭންސް މިނިސްޓަރު މަޖިލީހަށް އާ ބަޖެޓެއް ހުށަހަޅަންޖެހޭ ކަމަށެވެ.

އަދި އެ ބަޖެޓަކީ ކްރައިސިސް ބަޖެޓަކަށް ވާންޖެހޭނެ ކަމަށާއި ކުރު މުއްދަތެއްގައި މި ދަތި ވަގުތުން އަރައިގަތުމަށް ކުރާނެ މަސައްކަތްތަކާއި ގުޅޭގޮތުން އެބަޖެޓްގައި ހިމަނަންޖެހޭނެކަމަށް ސަލީމް ވިދާޅުވި އެވެ.

މީގެ އިތުރުން ސަލީމް ވިދާޅުވީ ސަރުކާރުން ކުރާ ކަންކަން މަޖިލީހަށް ސާފުވާންޖެހޭ ކަމަށާއި، މިދަނޑިވަޅުގައި ބޭންކްތަކުން ސަރުކާރަށް އެއްބާރުލުން ދޭންޖެހޭ ކަމަށެވެ. އަދި މިއީ ވަގުތީ ހާލަތެއް ކަމަށާއި މިކަމުން ވަރަށް އަވަހަށް އަރައިގަނެވޭނެ ކަމަށް ސަލީމް ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް