ads
ކުޅިވަރު ވަޒީރު، އަދި ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން
ސިޔާސީ ނުފޫޒުން އެއްކިބާކޮށް 44 ވޯޓް ހަމަކުރޭ!
ނޯމަލައިޒޭޝަން ކޮމިޓީއަށް ހަވާލުކޮށްފައިވަނީ އަސާސީގަވާއިދުގައި ބަޔާންކުރާ 44 ވޯޓިންގް ޑެލިގޭޓުން ހަމަކޮށް، އިންތިހާބު ބާއްވާށެވެ. ތިންވަނަ ފަރާތެއްގެ ސިޔާސީ ނުފޫޒަށް ދީލާލާ، އަސާސީ ގަވާއިދު އިސްލާހް ކުރާކަށް ނޫނެވެ. އަސާސީ ގަވާއިދު އިސްލާހު ކުރެވޭނީވެސް 44 ޑެލިގޭޓުންގެ ސައްހަ ކޮންގްރެސްއަކުންނެވެ.
Advertisement

ފީފާއިން ނޯމަލައިޒޭޝަން ކޮމިޓީއަކަށްފޮނުވީ، މިހާރުއޮތް އަސާސީ ގަވާއިދު ގޯސްވެގެނެއްނޫނެވެ. އަސާސީ ގަވާއިދާ އެއްގޮތަށް އެފްއޭއެމް ނުހިންގާތީއެވެ. އަދި ފީފާގެ ފައިސާއިން ވައްކަންކުރާތީއެވެ. މިހާލަތުގައި ފީފާ ސަސްޕެންޝަނަކީ ދުރަށްވުރެ ގާތްކަމެކެވެ.

އަސާސީ ގަވާއިދަށް އިސްލާހެއް ގެނެވޭނީ ކޮންގްރެސްގެ ދެބައިކުޅަ އެއްބަޔަށްވާ 22 ވޯޓް ގެކޯރަމް ހަމަވާ ކޮންގްރެސްއަކުން ކަމަށް 30 ވަނަ މާއްދާގައި ބުނެއެވެ. ވީމާ މިހާރު ދިމާވެފައި މިއޮތް މައްސަލައަކީ އަސާސީގަވާއިދުގައި އެބުނާ ސައްހަ ކޮންގްރެސްގެ 44 ޑެލިގޭޓުން ވުޖޫދުގައި ނެތުމުން ކޮންގްރެސްއެއް ނުބޭއްވުމެވެ. ސައްހަ އެންމެ ވޯޓެއްވެސް ނެތުނެވެ! ވޯޓިންގް ޑެލިގޭޓުންގޮތުގައި އެދައްކަނީ އެންމެ ޒޯނެއްގެ 18 ކްލަބެވެ. މިއީ އަސާސީ ގަވާއިދު ދަންނަ ޑެލިގޭޓުންނެއް ނޫނެވެ. މިހާލަތުގައި ކޮންގްރެސްއެއް ބާއްވާނީ ކިހިނަކުންތޯއެވެ؟

ނޯމަލައިޒެއް ނުކުރެވުނު

ވީމާ ނޯމަލައިޒޭޝަން ކޮމިޓީން ފުރަތަމަ ކުރަންޖެހޭކަމަކީ އެފްއޭއެމް "ނޯމަލައިޒް" ކުރުމެވެ. ނޯމަލައިޒް ކުރުމަކީ އަސާސީ ގަވާއިދުގައިއެވާ 44 ވޯޓިންގް ޑެލިގޭޓުން ވުޖޫދުކުރުމެވެ. 18 ވަވަނަ މާއްދާގައި އެވާގޮތަށް ކްލަބްތަކާއި، ރީޖަނަލް އެސޯސިއޭޝަންތަކަށް ގާނޫނީ "ސްޓޭޓަސް" ނުވަތަ "ހައިސިއްޔަތު" ދީ މެމްބަރުންގެ ގޮތުގައި އެޑްމިޓް ކުރުމެވެ. މެމްބަރުންގެ އަދަދުތައް އެވަނީ 10 ވަނަ މާއްދާގައި ސާފުކޮށްދީ 22 ވަނަ މާއްދާއިން 44 ވޯޓިންގް ޑެލިގޭޓުންތަފްސީލް ކޮށްދީފައެވެ.

އަސާސީ ގަވާއިދުގައި ކަންކުރަންވީ ގޮތް ތަފްސީލްކޮށްދީފައި އޮތްނަމަވެސް ކަންކުރީ ދިމާ އިދިކޮޅަށެވެ. އެއީ ޒޯނަކަށްވެސް އަދި އިންޓަރެސްޓް ގްރޫޕަކަށްވެސް ވޯޓު ނުދީ، އެމްޒޯނެއްގެ 18 ކްލަބުން އެފްއޭއެމް ހިންގުމެވެ. އެފްއޭއެމް ހިންގަމުންގެންގޮސްފައިވަނީ އަސާސީ ގަވާއިދާ ހިލާފަށެވެ. ނޯމަލައިޒް ކުރަންޖެހުނީ މިކަން ފީފާ އަށް އެނގުނު ހިސާބުންނެވެ.

ނޯމަލައިޒްކުރަން ހަވާލުކުރި ކޮމިޓީއަކީ ފުޓުބޯޅައިގެ އާޖުފާޖު ދެނެވަޑައިގަންނަވާ ބައެއްކަމަކަށް ނުވިއެވެ. ސާޅީސް އަހަރުގެ އެފްއޭއެމްގެ ތާރީޙާއި، ފަހު ސޯޅަ އަހަރުގެ އިންތިހާބީ ތާރީހުގެތެރޭ ދެފަހަރުމަތިން އަސާސީ ގަވާއިދު ބަދަލުކޮށް ބައްޓަންކޮށްފައިއެވަނީ އެކަމާބެހޭ ފީފާގެ އެކްސްޕާޓުން ކަމުގައި ބަލައިގަންނާކަށްވެސް އެންގިވަޑައެއް ނުގަތެވެ. ފީފާއިން ރާއްޖެއަށް އަސާސީ ގަވާއިދެއް ބައްޓަންކޮށްދޭން މަޖުބޫރުވިގޮތް ދެނެނުގަނެވި އެފްއޭއެމް ނޯމަލައިޒްކުރަން އުޅުމުން ދިމާވާނެ ހުރިހާކަމެއް ކުއިއަށް އޮތީ ދިމާވާށެވެ. ދެކޮޅުބަލާނުލާ، ގަވާއިދު ބަދަލުކުރަން ބޭނުންވިނަމަވެސް އެކަންވެސް ކުރެވޭނީ އެފަދަ ކޮންގްރެސްއެއް މެދުވެރިކޮށްކަމަށްވީތީއެވެ.      

2008 ގައި ފާސްކުރި ފުރަތަމަ އަސާސީ ގަވާއިދުގައި އިންޓަރނޭޝަނަލް ސްޕޯޓްސް އާއި، އިޖްތިމާއީ އިލްމުގައި ގެންގުޅޭ އުސޫލެއްކަމުގައިވާ ކަމުގައިވާ "އީކުއިޓީ" އެކަށީގެންވާ މިންވަރަށް ގާއިމް ކުރެވިފައި ނެތުމުން، 2016 ގެ ނޯމަލައިޒޭޝަން ކޮމިޓީ މެދުވެރިކޮށް، ފީފާއިން އެކަން އެވަނީ އިސްލާހްކުރުވާފައެވެ. ދާދިފަހުން ފީފާގެ ހައްރާޒް އަސާސީގަވާއިދު އިސްލާހްކުރަންވީއޭ ކިޔާ ފުޓުބޯޅަ ކޮންގްރެސްއެއް ބޭއްވުމުން، އެންމެ ބޮޑަށް ފާޑު ވިދާޅުވީ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ، އަދި ފުރަތަމަ ނޯމަލައިޒޭޝަންކޮމިޓީގެ މެމްބަރުކަމާއި އެފްއޭއެމްގެ ސެކްޓްރީޖެނަރަލްކަންވެސް ކުރައްވާފައިވާ ޝާހް އިސްމާއިލްއެވެ. އޭނާ ވިދާޅުވވީ ފީފާގެ ހައްރާޒް އެބުނާ ގޮތަށް އަސާސީ ގަވާއިދު އިސްލާހްކުރުމަކީ ރާއްޖޭގެ ފުޓުބޯޅަ 20 އަހަރު ފަހަތައް ޖައްސާނެކަމެއްކަމަށެވެ.

ވެއަތުވެދިޔަ 16 އަހަރުތެރޭ ޒޯންތަކުގައި ގާއިމްކުރަންޖެހޭ ރީޖަނަލް އެސޯސިއޭޝަންތަކުގެ "ސްޓޭޓަސް" ކަނޑައަޅާ ފައެއް ނުވެއެވެ. 10 ވަނަ މާއްދާގައި އެބުނާ 9 ޒޯނުގައި ރީޖަނަލް އެސޯސިއޭޝަ އިންތިހާބުކުރަންޖެހޭނެކަމަށް ކަނޑައަޅާފައިއޮތްނަމަވެސް އެކަމެއްވެސް ނުކުރެއެވެ. 9 ޒޯނަކީ 1986 އިންފެށިގެން އެފްއޭއެމުން ކަނޑައަޅާ، ސަރުކާރުން ޒޯންތަކުގައި ސްޓޭޑިއަމްތައް ބިނާކުރުމަށް ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގައި އެލޮކޭޝަން އެޕްރޫވްކޮށްފައިވާ ޒޯންތަކެކެވެ. ފީފާއިން ޒޯންތައް ބަލައިގަތީ، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ލަފާގެ ދަށުން އެފްއޭއެމުން ހުށަހަޅާ، ރާއްޖެފަދަ ޖަޒީރާ ގައުމެއްގައި ފުޓުބޯޅައިގެ ގައުމީ ނިޒާމެއް ގާއިމްކުރެވޭނީ އަތޮޅުތައް އެކުލެވޭ އިދާރީ ދާއިރާތައް ޒޯންތަކަކަށް ބަހައިގެން ކަމަށް ގަބޫލުކުރެވިގެނެވެ.

your imageއެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދި އޮލިމްޕިކް ކޮމިޓީގެ ކުރީގެ ރައީސް ޝަވީދު އަދި އެފްއޭގެ ކުރީގެ ޖީއެސް

އެފްއޭއެމަށް "ސިޔާސީ" ނުފޫޒު ވަނުން

2016 ވަނަ އަހަރުގެ ނޯމަލައިޒޭޝަން ކޮމިޓިއަކީ ތިންވަރަ ފަރާތެއްގެ ނުފޫޒު ވަދެފައިވާ ކޮމިޓީއެކެވެ. އެއީ "ސިޔާސީ ޕާޓީއެއްގެ" ނުފޫޒެވެ. އެ ސިޔާސީ ޕާޓީގެ ސިޔާސަތަކީ މަރުކަޒުކުރުމެވެ. މިއީ އެފްއޭއެމްގެ އަދި ފީފާގެވެސް ސިޔާސަތާ ހިލާފް ސިޔާސަތެކެވެ. ފީފާގެ ވެސް އަދި އެފްއޭއެމްގެ ސިޔާސަތަކީ ލާމަރުކަޒު ކުރުމެވެ. ސިޔާސީ ޕާޓީގެ އެޖެންޑާއަކީ މަރުކަޒުކުރުން ކަމުގައި ވީނަމަވެސް، ފީފާ އިން މިގޮތް ގަބޫލެއް ނުކުރިއެވެ. އަދި ފީފާ އިން ނިންމީ އަސާސީ ގަވާއިދުގައި އެވާ 9 ޒޯންގައި ރީޖަނަލް އެސޯސިއޭޝަންތައް ގާއިމްކޮށް 9 ޒޯންގެ ވޯޓް ކޮންގްރެސްއަށް އިތުރުކުރުމަށެވެ. (22 ވަނަ މާއްދާގެ 1 ގެ ޑީ)

އެހެންނަމަވެސް، މުހަންމަދު ޝަވީދުގެ ޗެއަރޕާސަންކަމުގެ ދަށުގައި، އަސާސީ ގަވާއިދު ބޮލާޖަހާ އެފްއޭއެމް އިންތިހާބުކުރީ 9 ޒޯން ގެ ވޯޓާނުލައެވެ. ޒޯންއުފައްދަން ހުރަސްއަޅާ އެކަން ފޮރުވުމަށް ފަހުގައެވެ. ރީޖަނަލް އެސޯސިއޭޝަން ތައް އުފެއްދުމުގެ ބަދަލުގައި، އެފްއޭއެމުން ފެށީ "މިނިވަން ޗެމްޕިޔަންށިޕް" ނަމުގައި ކުރީގެ ރާއްޖެތެރޭގެ މުބާރާތެވެ. ވީމާ 9 ޒޯން ވުޖޫދުގައިވެސް ނެތީއެވެ! ނުވަ ޒޯނާ ބައިވެރިނުކޮށް މަރުކަޒުކޮށް ކޮންގްރެސް ބޭއްވީއެވެ. އަދި އިންޓަރެސްޓް ގްރޫޕް ތަކުގެ 9 ވޯޓްވެސް އުވާލީއެވެ.

ކޮންގްރެސްގެ 44 ވޯޓްގެތެރެއިން 18 ވޯޓް ނައްތާލުމަށްފަހު، އެފްއޭއެމްގެ އިންތިހާބުތަކުގައި ވޯޓުލަމުން ގެންގޮސްފައިވަނީ އެންމެ ޒޯނެއްގެ ކްލަބްތަކަކަށެވެ. އެއީ މާލޭ ޒޯންގެ 18 ކްލަބުން 26 ވޯޓެވެ. ގައުމީ ފެންވަރުގައި، އިކްޓިގެ އުސޫލުން ޒޯންތަކަށް ބަހަންޖެހޭ އެއްވަނަ ޑިވިޒަންގެ 8 ކްލަބަށް، ކްލަބަކަށް 2 ވޯޓިންގްޑެލިގޭޓުންގެ މަގުން 16 ވޯޓާއި، 2 ވަނަ ޑިވިޒަންގެ 10 ވޯޓް، ދިނީ އެންމެ ޒޯނެއްގެ ކްލަބްތަކަކަށެވެ. މުޅި އެފްއޭއެމް އެންމެ ޒޯނަކަށް މަރުކަޒު ކުރީއެވެ. މިއީ އަސާސީ ގަވާއިދާ ހިލާފަށް ޗެއަރޕާސަން ޝަވީދު ފައްޓަވާދެއްވި މަސައްކަތެކެވެ. 

އެދުވަސްވަރު ޕީޕީ އެމްގެ އައްޑޫ ކެމްޕޭން ކޯޑިނޭޓަރކަންވެސް ކުރެއްވި މުހަންމަދު ޝަވީދުގެ ސިޔާސީ އެޖެންޑާއެއް އޮތުމުގެ ސަބަބުން 2016 ގެ އިންތިހާބު ބޭއްވީ، ފީފާއިން އެންޑޯސްކޮށްފައިވާ އަސާސީ ގަވާއިދާ ހިލާފަށް މުޅި އެފްއޭއެމްގެ ގާނޫނީ ހައިސިއްޔަތު ގެއްލުވާލާފައެވެ. އެފްއޭއެމްގެ އޮފީސް ސިޔާސީޕާޓީއެއްގެ ޖަގަހަ ގޮތުގައިވެސް ބޭނުންކުރެއްވިއެވެ. ޒޯންތަކެއް ނުއުފައްދައެވެ. އިންޓަރެސްޓް ގްރޫޕްތައް އުވާލީއެވެ. ކޮންގްރެސް ވޯޓް ޒޯންތަކަށް ނުދީ، އެންމެ ޒޯނަކަށް މަރުކަޒުކޮށް މާލެއަށް ހަނިކުރީއެވެ. ރާއްޖެތެރޭގެ ކްލަބަތަކުގެ ހައްގު މިނިވަންޗެމްޕިޔަންޝިޕް ނަމުގައި ދެވަނަ ދަރަޖައަށް ތިރިކުރީއެވެ. ޒޯންތަކާއި އިންޓަރެސްޓް ގްރޫޕްތަކުގެ 18 ވޯޓާ ނުލާ އެންމެ 26 ވޯޓް އެންމެ ޒޯނަކުން ހަމަކޮށްގެން ކޮންގްރެސްތައް ބާއްވަމުން ގެންދިޔައީއެވެ. އެންމެފަހުން ދިވެހި ލީގަށް މިވީ މާލޭ ޒޯނެވެ. ތަފާތުކުރުމުގެ ސަބަބުން މާލޭ ޒޯންގެ ވާދަވެރިކަން ގެއްލި މާލޭ ލީގްވެސް ހުއްޓުނީއެވެ. ބަޔަކަށް އޮޅުވާލެވުނުނަމަވެސް އެންމެނަށް އޮޅުވާ ނުލެވޭނެކަން ނުދެނަހުއްޓެވެ.

ސިޔާސީ ޕާޓީއެއްގެ އެޖެންޑާ އެފްއޭއެމްގެތެރެއަށް ވެއްދުމަށް "ޓްރާންސިޓަރީ ކްލޯޒަސް" އެއް 83 ވަނަ މާއްދާގޮތުގައި އިތުރުކުރިއެވެ. އެމާއްދާގެ ފުރަތަމައަކުރުން ކަނޑައަޅާފައިވަނީ އިންޓަރެސްޓް ގްރޫޕްތައް އުވާލާށެވެ. ދެވަނަ އަކުރުގައި، އެފްއޭއެމްގެ މަގާމްތަކަށް އާދެވޭ އޮފިޝަލުންގެ ފުރުސޮތު، ވަކި ބައެއްގެ މަސްލަހަތު އާއި އެއްގޮތަށް ހަނިކުރީއެވެ.

ދެވަނަ ނޯމަލައިޒޭޝަން ކޮމިޓީގެ އެޖެންޑާ އެންމެފަހުން ފޭލްވީ 2024 ވަނަ އަހަރުގެ އިންތިހާބުގެ ވާދަވެރިކަމުގެތެރޭގައެވެ. ދިހަވަރަކަށް އަހަރުގެ ފުޓުބޯޅަ ތާތީހް، އަޅުގަނޑަށް އެންމެ ކުރުކޮށް ދަންނަވާލެވޭނެ ގޮތަކީ "ވަގު ވަގުހިފަން އުޅެނިކޮށް ދަތިއެޅިގެން ވެއްޓުނީ" ކަމުގައެވެ. މިވާހަކަ ފަހުންވެސް ތަފްސީލްކޮށްލެވިދާނެއެވެ.

your imageނޯމަލައިޒޭޝަން ކޮމިޓީއަށް ފުރަތަމަ އެކުަލަލާލެވުނު ފަސް މެންބަރުން 

44 ޑެލިގޭޓުން ހަމަ ނުކުރެވިގެން މިއުޅެނީ ކީއްވެ؟

44 ޑެލިގޭޓުން ހަމަނުކުރެވިގެން އުޅެނީ ސިޔާސީ ނުފޫޒުގެ ސަބަބުންނެވެ. މަހެއްގެ މައްޗަށް ޔޫއެސްޑޮލަރު 6،000 ގެ މުސާރައިގައި ހުންނަވާ އުސްތާޒަކާއި، މަހަކު ޔޫއެސްޑޮލަރު 4،000 ގެ މުސާރައިގައި ތިއްބަވާ "ޓެކްނިކަލް ސްޕެޝަލިޗްޓުން" މިކުރައްވަނީ ކޮންމަސައްކަތެއްތޯއެވެ؟ މި ހިންގަވާ ދެއްވަނީ ކޮންބައެއްގެ އެޖެންޑާއެއް ތޯއެވެ؟ އެފްއޭއެމްގެ އެޖެންޑާ ތޯއެވެ؟ ނުވަތަ ސިޔާސީ ޕާޓީއެއްގެ އެޖެންޑާ ތޯއެވެ؟

ކުރީގެ ޗެއަރޕާސަން ޝަވީދެކޭ އެއްފަދައިން، މިފަހަރުގެ އުސްތާޒު އަހްމަދު މުއިއްޒުވެސް މިއުޅުއްވަނީ މާލޭޒޯންގެ ކްލަބަތަކަށް ސަރުކާރު އެހީގެ ފައިސާ މަރުކަޒުކޮށްދިނުން ނޫން ކޮންކަމެއް ކުރައްވަންތޯއެވެ؟ އެއީ ކޮންބައެއްގެ ސިޔާސީ އެޖެންޑާއެއްތޯއެވެ. ފުޓުބޯޅަ އެސޯސިއޭޝަންގެ އެޖެންޑާ އެއް ނޫނެވެ. ފުޓުބޯޅަ އެސޯސިއޭޝަންގެ އެޖެންޑާއަކީ ޒޯންތަކަށް އެއްވަނަ ޑިވިޒަނާއި ދެވަނަ ޑިވިޒަނަށް، އިކްއިޓީގެ އުސޫލުން ބެހުމެވެ. (އާޓިކަލް 3) މި ހައްގު އެވަނީ އަސާސީ ގަވާއިދުގައި ކަޅާ ހުދުން ލިޔެ ކަށަވަރު ކޮށްދީފައެވެ. (އާޓިކަލް 18 އާއި 22).

ދިގުދެމިގެން ގޮސްފައިވާ މަރުކަޒުކުރުމުގެ އެޖެންޑާ އެންމެފަހުން ފޭލްވީ މާލޭގެ 6 ކްލަބް "ކުރު މުބާރާތް" ކުޅެން އެއްބަސްނުހިސާބުންނެވެ. މާލޭގެ ކްލަބަތަކުގެ މެޖޯރިޓީވެސް ގެއްލުނީއެވެ. މާލޭގެ ކްލަބަތަކުން ނުކުޅެވޭނެ ކަމަށް ބުނުމުން އުސްތާޒުގެ ހާޒިރުގައި މާލޭގެ 10 ކްލަބަށް ސްޕޯޓްސް މިނިސްޓަރު އަބްދުއްލާ ރާފިއު، 10،000،000 ރުފިޔާ ބައްސަވާލަދެއްވިއެވެ. ޒޯނަކަށް ބައެއް ނާޅައެވެ. ޒޯނެއް ނެތެވެ! އެންމެފަހުން ގޮތްދޫނުކޮށް 4 ކްލަބް ބައިވެރިކޮށްގެން ކުޅޭނަމޭބުނެ، ފީފާއިން 50،000 ޔޫއެސްޑޮލަރު ލިބިއްޖެއޭ ކިޔުމުންވެސް ކްލަބަތައް ގުޑައެއް ނުލިއެވެ.

your imageފީފާގެ އޮފިޝަލް އަހްމަދު ހައްރާޒު، ފޮޓޯ: މިހާރު (ފަޔާޒު މޫސާ)

ފީފާގެ ހައްރާޒްގެ މައްސަލަ

އެފްއޭއެމަށް މިވަގުތު ދިމާވެފައި އޮތް ބޮޑު އަނެއް މައްސަލައަކީ ފީފާގެ ހައްރާޒުގެ މައްސަލައެވެ. އޭނާ އަކީ ދާދި އެހަކަދުވަހާޖެހެންދެން އެފްރިކާގެ ކޮންފެޑެރޭޝަންގެ ކްލަބަލައިސެންސިންގް އޮފިސަރެއްގެ ގޮތުގައި މަސައްކަތްކުރި މީހެކެވެ. މީނާ އާ ގުޅިފައި ވަނީ އަސާސީ ގަވާއިދާ ހިލާފަށް އެފްއޭއެމް މަރުކަޒު ކުރުމުގެ ސިޔާސަތު ތަމްފީޒް ކޮށް ދެމެހެއްޓި ބައެކެވެ. އޭގެތެރޭ ކުރީގެ ސެކްޓްރީ ޖެނެރަލުންނާއި ގާނޫނީ ލަފާ ދެއްވި ބޭބޭފުޅުން ހިމެނޭކަމަށްވެއެވެ.

ވީމާ އެފްއޭއެމް މަރުކަޒުކޮށް ހިފެހެއްޓުމުގެ ލޮބީއެއް ވަނީ އެފްއޭއެމްގެ ކުރީގެ އެޑްމިނިސްޓްރޭޝަންތެރޭން އުފެދި، ފީފާގެ ހައްރާޒާ ގުޅިފައެވެ. އެހެންނަމަވެސް، ފީފާގެ ހައްރާޒާއި އޭނާގެ ބައިވެރިންނާ ދެކޮޅަށްވެސް މިހާރު މިއޮތީ ލޮބީއެއް އުފެދިއްޖެއެވެ. އެ ލޮބީ ގްރޫޕަކީ ސޭވްއެފްއޭއެމް ގެ ވައިބަރގްރޫޕެވެ. ސޭވްއެފްއޭއެމުން ގަބޫލުކުރަނީ، މިހާރު މިއޮތް އަސާސީ ގަވާއިދަކީ ފުރިހަމަ އަސާސީ ގަވާއިދެއްކަމަށެވެ. އަދި މިގަވާއިދުގެ ދަށުން، ޖަޒީރާވަންތަ ގައުމެއްގައި ކުޑަ ރަށެއްގެ ޒުވާނަކަށްވެސް އިންޓަރނޭޝަނަލް ފުޓުބޯޅަކުޅުމުގެ ހުވަފެން ހަގީގަތަކަށް ހަދަދެވިދާނެކަމަށެވެ. ރާއްޖޭގެ ޒޯން ސްޑޭޑިއަމްތައް ފުރާލާ "ސްޕެކްޓޭޓަރ" ފުޓުބޯލް، އާދެ "ޕްރޮފެޝަނަލް ލީގެއް" ގާއިމްކުރެވިދާނެކަމަށެވެ. ސޭވްއެފްއޭއެމްގެ އެޖެންޑާއަކީ އަސާސީ ގަވާއިދުގައި ބަޔާންކޮށްފައި އެވާ އެޖެންޑާއެވެ. މިވަގުތު އެގްރޫޕްގައި 113 ބައިވެރިން އެބަތިއްބެވިވެ.

ސޭވް އެފްއޭއެމް ގްރޫޕުން ވާނީ ނޯމަލައިޒޭޝަން ކޮމިޓީއާ ބައްދަލުކުރަން އެދިފައެވެ. މިބައްދަލުކުރުމުގައި އޮޅުންފިލުވަން އެދެނީ އަސާސީ ގަވާއިދަށް ހުށަހަލަން ގަސްދުކުރާ އިސްލާހްތަކެވެ. އަދި ކޮމިޓީން ބާއްވާ ކޮންގްރެސްތަކުގެ ވޯޓަރ ލިސްޓެވެ. އަދި ކޮންގްރެސް ހިންގަނީ އަސާސީގަވާއިދުގެ ކޮން ވާޝަންއެއްގެ ދަށުންތޯއެވެ. އަސާސީ ގަވާއިދުގެ ދެ ވާޝަން އޮވެއެވެ. އެއްވާޝަނަކީ 2016 ވަނަ އަހަރު ފީފާއިން އެންޑޮސްކޮށްފައިވާ އިންގިރޭސި ވާޝަނެވެ. އަނެއް ވާޝަނަކީ 2020 ގެ ކޮންގެރސްފަހުން އެކުލަވާލާ، ކޮމިޝަނަރަ އޮފް ސްޕޯޓސް ހީނާ އަހްމަދު ސަލީމް، ފާސްކޮށްފައިވާ ދިވެހި ކޮޕީއެވެ. އަސާސީގަވާއިދު މައުނަކުރުމުގައި ދެބަސްވުމެއް އުފެދިއްޖެ ނަމަ އެކަމެއް ނިންމާނީ އިންގިރޭސި ވާޝަނަށް ރިއާއަތްކޮށް ކަމުގައި 8 ވަނަ މާއްދާއިން ކަނޑައަޅާފައި ވެއެވެ.

އެފްއޭއެމްގެ އެޖެންޑާ އާ އެއްގޮތަށް 44 ވޯޓް ހަމަކުރޭ!

އެފްއޭއެމްގެ އެޖެންޑާއަކީ މުޅިރާއްޖެއަށް ފުޓުބޯޅަ ހުޅުވާލުމެވެ. ހަގީގީ ގައުމީ ޖަމިއްޔާއެއްގޮތުގައި އުފައްދާ ހިންގުމެވެ. ރާއްޖޭގެ ހަމަ ކޮންމެ ރަށެއްގެ ޒުވާނަކަށްވެސް އިންޓަރނޭޝަނަލް ފުޓުބޯޅަ ކުޅުމުގެ ހުވަފެން ހަގީގަތަކަށް ހަދައިދިނުމެވެ. މިއީ ނުކުރެވޭނެ ކަމެއް ނޫނެވެ. މިކަން މިގޮތަށް ނުކޮށް މިއޮތީ އެފްއޭއެމަށް ސިޔާސީ ނުފޫޒު ވަދެ 44 ވޯޓިންގް ޑެލިގޭޓުން އެކުލެވޭ ކޮންގްރެސް ރޫޅާލާފައިވާތީއެވެ. މިއަދުގެ ނޯމަލައިޒޭޝަން ކޮމިޓީއަށް ޖެހެނީ އެފްއޭއެމް ސިޔާސީ ނުފޫޒުން ސަލާމަތްކޮށް، އެފްއޭއެމްގެ އެޖެންޑާ އިސްކްށް 44 ކޮންގްރެސްވޯޓް ދެއްކުމެވެ.

އުސްތާޒު އަހްމަދު މުއިއްޒުގެ ދަށުގައި އެފްއޭއެމް އޮތްނަމަވެސް، ސްޕޯޓްސް މިނިސްޓަރު މުހަންމަދު ރާފިއު ހީފުޅުކުރައްވަނީ އެކޮމިޓީ ހިންގަވަނީ މިނިސްޓަރު ކަމަށެވެ. މިނިސްޓަރަށް މިހެން ހީފުޅުވެގެން އުޅުއްވަނީ ފީފާ އިން ނޯމަލައިޒޭޝަން ކޮމިޓީ އައްޔަންކުރުމުގައި މިނިސްޓަރާ ކޮންސަލްޓް ކުރުމުން ކަމުގައިކަމަށްވެސް ވެދާނެއެވެ. ނުވަތަ ހަމަ މިނިސްޓަރުކަމަށް ވީމާ ކަމަށްވެސް ވެދާނެއެވެ. އަދި މީގެ މައުނައަކީ މިނިސްޓަރު ބުރަވާ ސިޔާސަތަކަށް އެފްއޭއެމް ބައްޓަން ކުރެވިދާނެކަމަށް ހީފުޅުކުރައްވާތީ ކަމަށްވެސް ވެދާނެއެވެ.

44 ވޯޓްހަމަކޮށް، ސިޔާސީ ނުފޫޒުން އެފްއޭއެމް މިނިވަންކުރޭ!

އެޑިޓަރުގެ ނޯޓް:

ހާމިދު އަބްދުލް ޣަފޫރަކީ ކުޅިވަރު ހިންގުމުގެ ދާއިރާ އިން މަތީ ތައުލީމު ހާސިލް ކުރައްވައި އަދި އެ ދާއިރާއިން އަމަލީ ގޮތުން އެތައް ތަޖުރިބާތަކެއް ހޯއްދަވައިގެން ހުންނެވި ބޭފުޅެކެވެ. ހާމިދު ޢަބްދުލް ޣަފޫރަކީ، ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ސެކެރެޓްރީ ޖެނެރަލް ކަމުގެ އިތުރުން ކުޅިވަރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ކަން ކުރައްވާފައިވާ ބޭފުޅެކެވެ. ހާމިދަކީ ދިވެހި ރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ ކައުންސިލްގައި ސްޕޯޓްސް، އާޓްސް އެންޑް ކަލްޗާގެ ދާއިރާގެ ބޭފުޅެއްގެ ހައިސިއްޔަތުން އިންނެވި ބޭފުޅެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް