
އިންތިހާބަށް ލޯނެއް ނުނަންގަވާ ކަމަށާއި އިންތިހާބަށް ހަރަދު ކުރެއްވީ އަމިއްލަ ފައިސާއިން ކަން ހާމަވީ ފަލާހު އިންތިހާބަށް ހަރަދު ކުރިގޮތުގެ ތަފްސީލު ހިމެނޭގޮތަށް އިލެކްޝަން ކޮމިޝަނަށް ހުށަހެޅުއްވި އޭނާގެ މާލީ ބަޔާނުންނެވެ.
މަޖިލިސް މެންބަރުންގެ މުސާރަ ކުޑަކޮށްފިނަމަ، އިންތިހާބަށް ނެގި ދަރަނި އަދާކުރުމަށް ދަތިވާނެކަމަށް ބުނެ މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާހް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. ފަލާހު ކަންބޮޑުވުން ފާޅު ކުރައްވާފައިވަނީ މަޖިލިސް މެންބަރުންގެ މުސާރަ އާއި އިނާޔަތްތައް އަދި ބޭސްފަރުވާގެ އިނާޔަތްތައް ކަނޑާލުމަށް ގޮވާލާ ޕެޓިޝަނެއްގައި ގިނަ ބަޔަކު ސޮއިކުރަމުންދިޔަ ދަނޑިވަޅެއްގައި އެކްސްގައި އޭނާ ކުރެއްވި ޕޯސްޓެއްގަ އެވެ.
އިނގުރައިދޫ ދާއިރާގެ މެންބަރުކަން، ދެވަނަ ދައުރަކަށް ކުރައްވަމުން ގެންދަވާ ފަލާހް ވިދާޅުވީ، އެތައް މިލިއަން ރުފިޔާއެއް ހަރަދުކޮށްގެން މަޖިލީހަށް ވަންނަތަނުން މުސާރަ ކުޑަކޮށްލުމުން އިންތިހާބަށް ނެގި ދަރަނި އަދާކުރާނެ ގޮތެއް ނޯންނާނެ ކަމަށެވެ.
ފަލާހް މިހެން ވިދާޅުވި ނަމަވެސް، ސީއެންއެމްއަށް ލިބިފައިވާ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި ނިމިދިޔަ މަޖިލިސް އިންތިހާބަށް ފަލާހް ލޯނެއް ނަންގަވާފައެއް ނުވެ އެވެ. އިންތިހާބަށް ފަހު، މިދިޔަ އަހަރުގެ މެއި މަހު އިލެކްޝަންސް ކޮމިޝަނަށް ފަލާހް ހުށަހެޅުއްވި، މާލީ ބަޔާނުގައިވާ ގޮތުން އިންތިހާބަށް ފަލާހް ކުރެއްވި ހަރަދަކީ 508,489 ރުފިޔާއެވެ. އޭގެ ތެރެއިން 5000 ރުފިޔާއަކީ އިންތިހާބުގައި ވާދަކުރުމަށް އިލެކްޝަންސް ކޮމިޝަނަށް، ފަލާހް ދެއްކެވި އިދާރީ ފީއެވެ.
ފަލާހުގެ މާލީ ބަޔާނުގައިވާ ގޮތުން ކެމްޕެއިނަށް ކުރެއްވި ހުރިހާ ހަރަދަކީވެސް ފަލާހްގެ އަމިއްލަ ފައިސާ އެވެ. ފަލާހް ނިސްބަތްވެވަޑައިގަންނަވާ ޕާޓީން، އަދި ހެޔޮ އެދޭ އެއްވެސް ފަރާތަކުންވެސް ފަލާހުގެ ކެމްޕެއިނަށް ފައިސާއެއް ދީފައިވާ ކަމަކަށް މާލީ ބަޔާނުގައި ވިދާޅުވެފައެއް ނުވެ އެވެ.
ކެމްޕެއިނަށް ފަލާހް ކުރެއްވި ހަރަދުތަކުގެ ތަފްސީލަށް ބަލާއިރު، މައިގަނޑު ގޮތެއްގައި ފަލާހު ހަރަދު ކުރައްވާފައިވަނީ ކެމްޕެއިން ދަތުރުތަކަށެވެ. ވައިގެ މަގުންނާއި ކަނޑު މަގުން ގިނަ ދަތުރުތަކަކަށް ހަރަދު ކުރެއްވި ކަމަށް ފަލާހްގެ މާލީ ބަޔާނުގައި ހާމަކުރައްވާފައިވާއިރު، ދެން މައިގަނޑު ހަރަދެއް ހިނގާފައިވަނީ ކެއުމާއި ސަޔަށެވެ.