
އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވި ގޮތުގައި ތެރަޕީ ސެޝަން ފުރިހަމަކޮށްފައި އެއަށްވާ ފައިސާ ހިމެނޭ ސްލިޕްތައް އެންސްޕާއަށް ހުށަހަޅަން ޖެހޭއިރު، ބައެއް ފަހަރު އެމައުންޓް ދިމާނުވުމާއި، މައުލޫމާތު ފުރިހަމަ ނުވުން، އަދި ތެރަޕީ ސެންޓަރުތަކުން ހޯދަން ޖެހޭ ޑޮކިއުމަންޓްތައް ހުށަނޭޅުމުގެ ސަބަބުން ފައިސާ އެޕްރޫވް ކުރުމަށް އުނދަގޫވާ ކަމަށް ވިދާޅުވި އެވެ.
ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ 47 ބެލެނިވެރިން ވަނީ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅާފައިވެއެވެ. މި ޕެޓިޝަނުގައި ބެލެނިވެރިންގެ މައިގަނޑު ޝަކުވާއަކީ ތެރަޕީގެ ފައިސާ މަހުން މަހަށް، ގަވައިދުން ނުލިބުމާއި، އޭގެ ސަބަބުން ކުދިންގެ ފަރުވާ މެދުކެނޑޭ ކަމެވެ. މި މައްސަލަ ބެލުމަށް މިއަދު ވަނީ އެންސްޕާގެ ވެރިން ޕެޓިޝަން ކޮމިޓީއަށް ހާޒިރު ކުރެވިފައެވެ. ކޮމިޓީގައި ވާހަކަދެއްކެވި ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހުސެން ޒިޔާދު ވިދާޅުވީ ބައެއް ފަހަރު ދެތިން މަސް ފަހުން ވެސް ފައިސާ ދޭ ކަމަށާއި އޭގެ ސަބަބުން އެ މަސްތަކުގެ ތެރަޕީ ނުހެދޭ ކަމަށެވެ. ބައެއް މީހުން މިހާރު ތެރަޕީއަށް ދިޔުން ހުއްޓާލައިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހީނާ ވިދާޅުވީ ފައިސާ ދިނުން ބައެއް ފަހަރު ލަސްވާކަން ގަބޫލު ކުރައްވާ ކަމަށާއި، އެކަންކަން ހައްލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އޯޓިސްޓިކް އަދި އޭޑީއެޗްޑީ ފަދަ ހާލަތްތަކުގައި ތިބޭ ކުދިންނަށް ބޭނުންވާ މުހިއްމު ބޭސް ނުލިބޭ ކަމަށް ޕެޓިޝަނުގައި ބުނެފައިވާ ވާހަކަ ހީނާ ވަނީ ދޮގުކުރައްވާފައެވެ. ހީނާ ވިދާޅުވި ގޮތުގައި ބޭހެއް ނުލިބިގެން އެންސްޕާއާ ހަމައަށް ގޮސްފި ނަމަ، އެ ހޯދައިދިނުމަށް މަސައްކަތް ކުރާނެއެވެ. އަދި ތެރަޕީއަށް އެކި ސެންޓަރުތަކުން ނަގަނީ އެކި އަގު ކަމަށާއި، ކޮންމެ ތެރަޕީއަކަށް ވެސް ފައިސާ ދޭނެ މިންވަރެއް އެންސްޕާއިން ކަނޑައަޅާފައި ހުންނަ ކަމަށާއި، އެއަށް ވުރެ ބޮޑު އަދަދެއް ހުށަހަޅައިފި ނަމަ އަމިއްލަ ޖީބުން ވެސް ހަރަދު ކުރަން ޖެހޭނެ ކަމަށް ހީނާ ވިދާޅުވިއެވެ.