
ޖަމޫ އެންޑް ކަޝްމީރުގެ ބައިސަރަން ސަރަހައްދުގައި މިދިޔަ އަންގާރަ ދުވަހު ހިންގި މި ހަމަލާގައި މަރުވެފައިވަނީ 26 ޓޫރިސްޓުންނެވެ. މީގެ އިތުރުން ގިނަ އަދަދެއްގެ މީހުންނަށް ޒަހަމްވެފައިވެއެވެ.
ސަލާމަތީ ބާރުތަކުން ހަމަލާދިން ސްކެޗްތަކާއި ފޮޓޯތައް ވަނީ އާންމުކޮށްފައިވާއިރު، އެކަމަށް އެއްވެސް ޖަމާއަތަކުން ޒިންމާ ނަގާފައި ނުވާކަން ފާހަގަކުރެވެއެވެ.
އެ ސްޓޭޓުގެ ހޯމް މިނިސްޓަރު އަމިތު ޝާ މިއަދު ހަމަލާ ދެވުނު ސަރަހައްދަށް ޒިޔާރަތްކޮށް ވަނީ ހަމަލާގައި މަރުވި ފަރާތްތަކުގެ އާއިލާތަކާ ބައްދަލުކޮށްފައެވެ. މި ހަމަލާއާ ގުޅިގެން ޕްރައިމް މިނިސްޓަރު ނަރެންދްރަ މޯދީ މިވަނީ އޭނާގެ ބޭރު ދަތުރެއް ކުރުކޮށްލައި ފަހު އިންޑިއާއަށް އެނބުރި ވަޑައިގެންފައެވެ.
މި ހަމަލާއަކީ، ކަޝްމީރުގެ ޓޫރިޒަމް ސީޒަން ފެށެމުން އަންނަ ދަނޑިވަޅެއްގައި ދެވުނު ހަމަލާއަކަށްވެފައި، މީގެ ސަބަބުން އެސަރަހައްދުގެ އިގްތިސާދަށް ނޭދެވޭ އަސަރުކުރާނެކަމަށް ބެލެވެއެވެ.
"މިނީ ސުވިޓްޒަލޭންޑް" ކަމަށް މަޝްހޫރު ބައިސަރަން ސަރަހައްދަށް ދެވުނު މި ހަމަލާއާ ގުޅިގެން ކަޝްމީރުގެ ސަލާމަތީ ހާލަތާ ބެހޭގޮތުން ގިނަ ކަންބޮޑުވުންތައް އުފެދިފައިވެއެވެ.
ސަލާމަތީ ބާރުތަކުން ވަނީ ހަމަލާދިން ފަރާތްތައް ހޯދުމަށް ފުޅާ ދާއިރާއެއްގައި ސަރަހައްދު ބަލައި ފާސްކުރުމުގެ މަސައްކަތްތަކެއް ކުރަމުންގެންދާ ކަމަށް ބުނެފައެވެ.