
ފުލުހުންނަށް އެޅި ފްލެޓް މަޝްރޫއުގައި ކޮރަޕްޝަނަށް މަގުފައިވާ ކަންކަން ހިނގާފައިވާކަން ފާހަގަކޮށް އެކަމުގައި ޝާމިލުވާ ހުރިހާ ފަރާތެއް ހޯދާ ފިޔަވަޅު އެޅުމަށް އޭސީސީއާ ތަހުގީގީ އިދާރާތަކަށް އޮޑިޓާ ޖެނެރަލް ވެސް ވަނީ އަންގާފައެވެ.
އޮޑިޓް އޮފީހުން ނެރުނު ރިޕޯޓްގައި ބުނެފައިވަނީ އެ މަޝްރޫއު ޕޮލްކޯއާ ހަވާލުކުރުމުން އެ މަޝްރޫއަށް ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ހަރަދުވެ އެ ކުންފުންފުނީގެ އެ ކުންފުނީގެ ކޮރަޕްޝަނާއި ނާގާބިލުކަމުގެ ސަބަބުން ދައުލަތަށް 354.7 މިލިއަން ރުފިޔާ ގެއްލުންވެފައިވާކަމަށެވެ. މަޝްރޫއު އޮޑިޓްކުރި ތާރީހުގެ ނިޔަލަށް ޖުމުލަ 1.06 ބިލިއަން ރުފިޔާ ހަރަދުކޮށްފައއިވާކަމަށް އޮޑިޓް ރިޕޯޓްގައި ވަނީ ބުނެފައެވެ.
މަޖީލީހުގެ މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީން ފާހަގަކުރި ކަންތަކުގެ ތެރޭގައި ފްލެޓުތަކުގެ މަސައްކަތް ނިންމަން އެންމެ ފަހުން ހަވާލުކުރި އަމީން ކޮންސްޓްރަކްޝަނަށް ވޭރިއޭޝަންގެ ގޮތުގައި ދޫކުރި ފައިސާއާ ގުޅިގެން ހިނގާފައި ހުރި ކަންކަން ހިމެނެއެވެ. އެގޮތުން ވޭރިއޭޝަނަށް 66 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދޫކުރަން ޖެހުނީ ސައިޓުގައި ހުންނާނެ ކަމަށް ބުނި ބައެއް ސާމާނު ސައިޓުގައި ނެތުމުންކަމަށް ކޮމެޓީން ވަނީ ފާހަގަކޮށްފައެވެ. އަދި އެ ސާމާނު އެތަނުގައި ނެތީ އައިލެންޑް އެކްސްޕާޓުގެ އެހެން މަޝްރޫއަކަށް އެ ސާމާނު ބޭނުންކުރުމުންކަމަށްވެސް ކޮމެޓީން ވަނީ ފާހަގަކޮށްފައެވެ.
މި ކޮރަޕްޝަނުގައި އައިލެންޑް އެކްސްޕާޓް ފައިސާ ލިބިފައިވާއިރު އެތަނުގެ ޑިރެކްޓަރަކު ހުޅުމާލޭން ބިން ގަތްކަމަށް ކޮމެޓީގައި ވަނީ ފާހަގަކޮށްފައެވެ. އަދި އެކަން ކުރީ ޕޮލްކޯއިން ނެގި ފައިސާއިން ކަމަށް ކޮމެޓީން ވަނީ ފާހަގަކޮށްފައެވެ.
އައިލެންޑް އެކްސްޕާޓުގެ އިތުރުން މި މައްސަލައިގައި ޝާމިލުވާ ވަކިވަކި ފުލުހުންގެ ތަފުސީލުތައް ވެސް ކޮމިޓީއަށް ލިބިފައިވާކަމަށާއި މިިކަމުގައި ހިމެނޭ ފުލުހުންނަށް ފިޔަވަޅު އަޅަންވެސް ކޮމިޓީން ހުށަހަޅަން ވަނީ ނިންމާފައެވެ.
ފުލުހުންނަށް އެޅި ހައުސިން ޔުނިޓްގެ މަޝްރޫއު އެންމެ ފުރަތަމަ ހަވާލު ކުރީ ނޫމަޑި ކުންފުންޏާއެވެ. ފަހުން އެކުންފުންނާއި އެކު ހަދާފައިވާ އެއްބަސްވުން ބާތިލުކޮށް ދެން ހަވާލުކުރީ ނޫމަޑި ރިޕްރެޒެންޓު ކުރާ މީހާގެ މެނޭޖިން ޑައިރެކްޓަރުކަމުގެ ދަށުން ހިންގާ އައިލެންޑް އެކްސްޕާޓްސް ކިޔާ ކުންފުންޏަކާކަމަށް އޮޑިޓްގައި ބުނެއެވެ. އަދި އެކަން ކޮށްފައިވަނީ އެ މީހާއަށް ފައިދާ ވާގޮތަށްކަމަށެވެ. އަދި އެއްބަސްވުންތަކަށް ބަދަލު ގެނެސްފައިވަނީވެސް ވަކި ބަޔަކަށް ނާޖައިޒް ފައިދާ ހޯދައިދޭންކަމަށް ބެލެވޭކަމަށްވެސް އޮޑިޓްގައިވެއެވެ.